ހއ. ދިއްދޫ ކައުންސިލްގެ ރައީސް ސަސްޕެންޑް ކުރުން ކުށްވެރިކޮށް އިންސާފުވެރިކަމާއެކު ހައުސިން ޔުނިޓުތައް ދޫކުރުމަށް ގޮވާލަން

ހއ. ދިއްދޫގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 2011 ވަނަ އަހަރު އައިލެންޑް އެކްސްޕާޓާ ހަވާލުކުރެވިގެން ތަރައްޤީ ކުރެވިފައިވާ ކެޓަގަރީ އޭގެ 125 ހައުސިން ޔުނިޓާއި ކެޓަގަރީ ބީގެ 15 ހައުސިން ޔުނިޓު ތަރައްޤީކުރެވި ޖުމްލަ 440 މީހުން އެ ހައުސިން ޔުނިޓުތަކަށް އެދި ހުށަހެޅުމުން ހައުސިން ޔުނިޓު ދިނުމުގައި ހަމަހަމަކަން ގެއްލޭގޮތަށް ސަރުކާރުން ޢަމަކުކޮށްފައިވާތީވެ އެކަން އެންމެ ހަރު އަޑުން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ކުށްވެރިކުރަމެވެ. އެކަމާ ގުޅިގެން އާންމު ރައްޔިތުންނަށް ސާފު މަޢުލޫމާތު ފޯރުކޮށްދެވުމަށް ދިއްދޫ ކައުންސިލުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރަމެވެ. އަދި އެކަމާ ގުޅިގެން ދިއްދޫ ކައުންސިލްގެ ރައީސް ޢަލީ ޙާޝިމް ބޭއިންސާފުން ސަސްޕެންޑްކުރުން ކުށްވެރިކުރަމެވެ.

2008 ވަނަ އަހަރު ތަސްދީޤް ކުރެވުނު ޤާނޫނު އަސާސީން ރައްޔިތުންގެ ލިބިދިން އެންމެ ބޮޑު އެއް ބަދަލަކީ ލާމަރުކަޒީ ނިޒާމެވެ. އެ ނިޒާމުގެ ބޭނުމަކީ ރައްޔިތުން އިންތިޚާބު ކުރާ ކައުންސިލްތަކުގެ ބެލުމުގެ ދަށުން އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމާއި ޒާމާނުއްސުރެ އުފެދި އަށަގެންފައިވާ މަރުކަޒީ ނިޒާމުން ބޭރުވެ، ރާއްޖޭގެ ރައްޔިތުން ބާރުވެރިކުރުވުމެވެ. އަދި ތަރައްޤީގައި ރައްޔިތުންގެ ދައުރު އިތުރުކުރުމާއި ހާމަކަން ބޮޑު ގޮތެއްގައި ރަށު ތަރައްޤީއާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމެވެ. އެހެންނަމަވެސް މި ސަރުކާރުން ޤާނޫނު އަސާސީގެ ރޫޙާ ޚިލާފަށް ލާމަރުކަޒީ ޤާނޫނު ބަދަލުކުރުމާއި ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ ލޯކަލް ގަވަމަންޓް އޮތޯރިޓީން މައި ސަރުކާރުގެ މަސްލަޙަތު ހިމާޔަތް ކުރުމުގެ ގޮތުން ކުރަމުން ގެންދަވާ ކަންކަމަކީ ކަނޑައެޅިގެން ޤާނޫނާ ޚިލާފް ކަންކަމެވެ.

ދިއްދޫގެ ބޯހިޔާވަހިކަން ލިބޭ ފަރާތްތަކުގެ މައުލޫމާތު އެންމެ ހާމަަކަން ބޮޑުކޮށް ދިއްދޫ ރައްޔިތުންނަށް ހާމަކޮށްދިނުމަކީ އެ ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލަރުންގެ ޤާނޫނީ ޒިންމާއެކެވެ. އަދި އެކަން ކުރުމަށް ބާރު އެޅުއްވުމުން ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލަރުން ސަސްޕެންޑް ކުރުމަކީ ޑިމޮކްރަސީއާ ބީރައްޓެހި ޤާނޫނާ ޚިލާފް ޢަމަލެކެވެ.

ދިއްދޫ ފަދަ އާބާދީ ބޮޑު ރަށެއްގައި ބޯހިޔާވަހިކަމުގެ ދަތިކަން އިތުރުވެފައިވާ އިރު، ރައްޔިތުންގެ ޓެކްސް އާމްދަނީން ޚަރަދުކޮށްގެން ތަރައްޤީކުރެވޭ ޕަބްލިކް ހައުސިންގ ހަމަހަމަކަން ގެއްލޭގޮތަށް، ވަގުތީ ސިޔާސީ މަންފާއެއް ޙާސިލްކުރުމަށް ސިޔާސީ ވިސްނުމަށް ބަލައި ބަހާލުމުން ރަށުގެ ހަމަޖެހުމަށް އެކަމުގެ ނުރަނގަޅު އަސަރުކު ކުރާނެއެވެ. ބޭއިންސާފުން ހައުސިން ޔުނިޓުތައް ބެހުމުގެ ނަތީޖާ ހިތިވާނެ ކަމުގައިވެސް ދެކެމެވެ. އެހެންކަމުން މި ހައުސިން ޔުނިޓުތައް އިންސާފުވެރިކަމާއެކު ބެހުމަށާއި ރަށު ކައުންސިލުން އެދިފައިވާ ގޮތަށް އެކަން ކުރުމަށް ގޮވާލަމެވެ. އަދި މިހާރުން މިހާރަށް ރަށު ކައުންސިލް ރައީސް ޢަލީ ޙާޝިމް ސަސްޕެންޑް ކުރުމުގެ ނިންމެވުން ބާޠިލް ކުރެއްވުމަށް އިލްތިމާސް ކުރަމެވެ. އަދި ލާމަރުކަޒީ ނިޒާމާ ބީރައްޓެހި ކަންކަން ކުރެއްވުމުން ލޯކަލް ގަވަމަންޓް އޮތޯރިޓީ ދުރުވުމަށް ގޮވާލަމެވެ.