އެމްޑީޕީގެ ޗެއަރޕާސަން ކަމަށް އިތުރު ދައުރަކަށް ކުރިމަތި ނުލައްވާނޭ ކަމަށް މާރިޔާ ވިދާޅުވެއްޖެ

10-10-10

ލިޔުނީ: ރާމިޒް

ފޮޓޯ މައުރޫފް ޚަލީލް
ފޮޓޯ މައުރޫފް ޚަލީލް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަން ކަމަށް އިތުރު ދައުރަކަށް ކުރިމަތި ނުލައްވާނޭ ކަމަށް އެޕާޓީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މީގެ ކުޑައިރުކޮޅެއް ކުރިން ހޮލިޑޭއިންގައި ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލިޙުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޗެއަރޕާސަން މާރިޔާ ވިދާޅުވީ އެމްޑީޕީގެ ޗެއަރޕާސަން ކަމާ އެކަމަނާ ހަވާލުވެވަޑައިގެންނެވީ އެމްޑީޕީ މަޔަކަށް ބޭނުންވެފައިވާ ދުވަސްވަރު ކަމަށާއި ނަމަވެސް މިހާރު އެމްޑީޕީ އަކީ ތަސައްރަފް ފުދިފައިވާ ޕާޓީއަކަށްވާތީ އެޕާޓީއަށް އިތުރަށް މަޔަކު ބޭނުންނުވާ ކަމަށެވެ. އެހެން ކަމުން އިތުރު ދައުރަކަށް ޗެއަރޕާސަން ކަމަށް ކުރިމަތިލައްވަން އެކަމަނާ ބޭނުންފުޅު ވެ ނުލައްވާ ކަމަށެވެ.
74 މެމްބަރުން ހާޒިރުވެވަޑައިގެންނެވި މިރޭގެ ޖަލްސާގައި މިއޮކްޓޯބަރު މަހުގެ 28 ން 30 އަށް ބާއްވާ އެމްޑީޕީގެ ކޮންގްރެސް ގެ އެޖެންޑާ ފާސްކުރުމަށް ކޮންގްރެސް ކޮމިޓީއާ ހަވާލުކުރުމަށާއި އެޕާޓީގެ އަސާސީ ޤަވައިދަށް އިސްލާޙް ގެނައުމަށް އިސްލާޙް ކޮމިޓީން ކަނޑައަޅާފައިވާ ގޮތަށް ފާސްކުރުމަށް ނިންމާފައިވެއެވެ.
ދާއިރާތަކުގެ އިންތިޚާބަށްފަހު ޤައުމީ މަޖިލީހަށް ހޮވިވަޑައިގެންނެވި އާމެންބަރުންނާއެކު ބޭއްވި މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ އެވެ. މިޖަލްސާގައި ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ދައުލަތުގެ ބައެއް ވަޒީރުންވެސް މި ޖަލްސާ ހިނގަމުންދާ ގޮތް ބައްލަވާލެއްވުމަށް މިޖަލްސާއަށް ހާޒިރުވެވަޑައިގެންނެވިއެވެ.