ނުރައްކާތެރި ޙަމަލާތައްދީ މީހުން މެރުން ދުވަހަކުވެސް ނުދާ މިންވަރަށް މި ސަރުކާރު އައިފަހުން އެކަންގޮސް، މުޖުތަމައުގައި ރައްކާތެރިކަން ޤާއިމުކުރުމަށް ނުކުޅެދިފައިވާތީ އެކަން ކުށްވެރިކުރުން

ނުރައްކާތެރި ޙަމަލާތައްދީ މީހުން ގަތުލުކުރަމުންދިއުން ރާއްޖޭގައި ދުވަހަކުވެސް ނުދާ މިންވަރަށް ޢަބްދުﷲ ޔާމިންގެ ސަރުކާރު އައިފަހުން އެކަންގޮސް، މުޖުތަމައުގައި ރައްކާތެރިކަން ޤާއިމުކުރުމަށް ނުކުޅެދިފައިވާތީ އެކަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

މިގޮތުން މާލޭގެ މަގެއްގެ މަތީގައި ރޭގައި ދިން ޙަމަލާއަކުން ވެސް ޒުވާނެއްގެ ފުރާނަ ވަނީ ދުއްވާލާފައެވެ. މިއީ ޢަބްދުﷲ ޔާމިންގެ ސަރުކާރު އައިފަހުން އެކިއެކި ޙަމަލާތަކުން މަރާލެވުނު 26 ވަނަ މީހާއެވެ. އަދި މިއީ ސަރުކާރެއް އޮއްވައި ރާއްޖޭގައި މީހުން މެރުމުގެ ޖަރީމާތައް ހިނގުމުގެ ރެކޯޑު އަދަދެކެވެ.

މި ފަދަ ގިނަ ޤަތުލުތައް ހިންގާފައިވަނީ ޢާންމު ތަންތާނގައި މީހުންގެ ލޯކުރިމަތީގައިކަމަށް ވެފައި، މައްސަލައެއް ސާބިތުކުރުމަށް ލިބޭނޭ އެންމެ ހަރުދަނާ ހެއްކާއި ޤަރީނާތައް ލިބިދެވޭގޮތަށްކަމަށް ވީނަމަވެސް، އެފަދަ މައްސަލަތަކުގައި އިންސާފު ޤާއިމުކުރުމުގައި މުޅި ދައުލަތް ނުކުޅެދިފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

މީހުން ޤަތުލުކުރުމުގެ ޖަރީމާތައް ހިންގުން މިދަރަޖައަށް ޢާންމުވެ، ފުޅާވެގެން ގޮސްފައިވަނީ ޢަބްދުﷲ ޔާމިންގެ ސަރުކާރުގެ ފަސާދަވެރިކަމުގެ ސަބަބުން ނުރައްކާތެރި މުޖުރިމުންނަށް ހިމާޔަތް ލިބިގެންވާކަން އެ މުޖުރިމުންނަށް ޔަޤީންވާތީކަމުގައި ދެކެމެވެ. ހަމަ އެފަދައިން ދިފާއީ ޚިދުމަތްތަކާއި ޕްރޮސެކިޔުޓަރ ޖެނެރަލް އާއި ކޯޓުތަކާއި އަދި މުޅި ޖިނާޢީ ޢަދުލުގެ ނިޒާމުގެ ބޭނުން ސިޔާސީ ކަންކަން ޙާޞިލުކުރުމަށް ނަހަމަ ގޮތުގައި ހިފައި، އެކަމަށް ހުރިހާ ވަސީލަތްތަކާއި ވަގުތުތަކެއް ދުއްވާލުމުގެ ސަބަބުން، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ދޭންޖެގޭ އަހަމިއްޔަތުކަން އެ މުވައްސަސާތަކުގެ ނަޒަރުގައި ކުޑަވެފައިވުމުންނެވެ.

އެކަމުގެ އެއް ހެއްކަކީ، ޔާމިން ރަޝީދު އަނިޔާވެރިގޮތެއްގައި މަރާލާފައި ވަނީ ވެސް އޭނާއަށް ތަކުރާރުކޮށް މަރުގެ އިންޒާރުތައް ދީފައިވާކަން އެކި ފަހަރުގެ މަތިން ފުލުހުންނަށް ރިޕޯރޓުކޮށްފައިވަނިކޮށް، އެ މައްސަލަ ބެލުމަށް އިޙުމާލުވެ އޭނާއަށް ރައްކާތެރިކަން ނުދީވަނިކޮށެވެ. ހަމައެފަދައިން ނޫސްވެރިޔާ އަޙްމަދު ރިޟްވާނު ވަގަށް ނެގި މައްސަލައަކީ، ތަޙްޤީޤަކަށް ލިބޭނޭ އެންމެ ފުރިހަމަ ލީޑު ލިބިފައިވާ، އަދި ވިޑިއޯ ހެކިތަކާއި ފޮރެންސިކް ހެކިތައް ލިބިފައިވާ މައްސަލައެއްކަމުގައި ވީނަމަވެސް، އެ މައްސަލައިގައި ހައްޔަރުކުރެވުނު އެއްވެސް މީހަކު ހައްޔަރުގައި ހިފެހެއްޓޭނޭ ގޮތް ނުވެ، އެންމެން ވަނީ ދޫކޮށްލާފައެވެ.

ރާއްޖޭގެ ރައްޔިތުންގެ ހަށިފުރާނަ ރައްކާތެރިކޮށްދިނުމާއި، މުޖުތަމައުގެ ސަލާމަތްތެރިކަން ޤާއިމުކޮށްދިނުމަށް ޢަބްދުﷲ ޔާމިންގެ ސަރުކާރު ނުކުޅެދިފައިވުމުން، މި ސަރުކާރު ބަދަލުކޮށްގެން މެނުވީ މުޖުތަމައު ވެއްޓިފައި މިވާ ނުރައްކަލުން ސަލާމަތްކުރެވެން ނޯންނާނެކަމަށް ދެކެމެވެ.

ބަޔާންނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚް 24 ސެޕްޓެމްބަރ 2017