ނަސްލު ނައްތާލުމާއި، ގަތުލުއާންމުތައް ހުއްޓުވުން އދ. ގެ ރަސްމީ އެޖެންޑާގައި ހިމެނުމަށް ނެގި ވޯޓަށް ރާއްޖެއިން ހާޒިރުވެފައިނުވާތީ، ގުޅިފައިވާ ޕާޓީތަކުން އެކަން ކުށްވެރި ކުރަން!

އެކުވެރި ދައުލަތްތަކުގެ ޖަމުޢިއްޔާ (އ.ދ) ގެ 72 ވަނަ ސެޝަންގެ ރަސްމީ އެޖެންޑާގައި “ގަތުލު އާންމާއި، ހަނގުރާމައިގެ ކުށްތަކާއި، ނަސްލު ނައްތާލުމާއި، އަދި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތައް ހުއްޓުވުމާއި ރައްކާތެރިކުރުމުގެ ޒިންމާ އަދާކުރުން” ގެ ނަމުގައި ސަޕްލިމެންޓްރީ އައިޓަމެއް ހިމެނުމަށް ހުކުރު ދުވަހު ވޯޓު ނެގި އިރު އ.ދ ގެ ޖަލްސާގެ ބައްދަލުވުމަށް ރާއްޖޭގެ މަންދޫބުން ހާޒިރުވެ ނެތްކަން ވޯޓުގެ ތަފްސީލް ޝީޓުން ވަނީ ހާމަވެގެން ގޮސްފައެވެ. އެޖެންޑާގައި މި އައިޓަމް ހިމެނުމާއި ގުޅިގެން، މި އައިޓަމްގެ ދަށުން، ބައިނަލްއަގްވާމީ މުޖުތަމަޢުއިން ބޮޑެތި ލާއިންސާނީ ހަމަލާތަކާ ދެކޮޅަށް އަމަލުކުރާނެ ގޮތާ މެދު އދ. ގެ 72 ވަނަ ސެޝަންގައި މަޝްވަރާ ކުރެވިގެންދާނެއެވެ.

މި ވޯޓު ނެގި އިރު ޗެމްބަރުގައި ރާއްޖެއިން ހާޒިރުވެ ނެތްކަން ހާމަވުމާއިއެކު، ދިވެހިރައްޔިތުންގެ ކަންބޮޑުވުންތަކަކާއި، ފާޑުކިޔުން ދަނީ ސަރުކާރަށް އަމާޒުވަމުންނެވެ. އެފަދަ ފާޑުކިޔުންތައް އަމާޒުވެފައިވަނީ މި މައްސަލައަކީ މިވަގުތު ދުނިޔޭގެ އެކި ހިސާބުތަކުގައި ލާއިންސާނީ އެތައް ޖަރީމާތަކަކަށް ހުށަހޮޅިފައިވާ މުސްލިމު އަޚުންނާއި އުޚުތުންނާއި ޚާއްސަ ގުޅުމެއް އޮތް މައްސަލައަކަށް ވާތީއެވެ. ނަމަވެސް އަމާޒުވަމުންދާ ފާޑުކިޔުމުގެ ރައްދުގައި، މި ވޯޓަކީ ރޮހިންގާ ދަރިކޮޅުގެ މުސްލިމުންނާއި ގުޅުންހުރި ވޯޓެއް ނޫން ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގެ ބަޔާނުގައާއި އ.ދ އަށް ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ ދާއިމީ މިޝަންއިން ވަނީ ބުނެފައެވެ.

ހަޤީޤަތުގައި މިއީ ދިވެހި ސަރުކާރުން، ދިވެހި ރައްޔިތުންނަށް މި މައްސަލަ އޮޅުވާލުމަށް އެ މިޝަންއިން ދީފައިވާ ރައްދެއްކަމަށް ދެކެމެވެ. އެހެނީ، މި ވޯޓަކީ، “ގަތުލު އާންމާއި، ނަސްލު ނައްތާލުމާއި، ހަނގުރާމައިގައި ހިންގާ ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތައް ހުއްޓުވުމާއި އެކަންކަމުން އިންސާނުން ރައްކާތެރިކުރުމުގެ ޒިންމާއަދާކުރުން” ހަރުދަނާ ކުރުމަށް، އ.ދ ގައި މަޝްވަރާ ކުރުމަށް މެންބަރު ޤައުމުތަކަށް ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ނެގުނު ވޯޓެކެވެ. މި ދަނޑިވަޅަކީ، ރޮހިންގާ ދަރިކޮޅުގެ މުސްލިމުންނާއި، ޔަމަނުގެ ރައްޔިތުންނާއި، ފަލަސްޠީނުގެ ރައްޔިތުންނާއި، ސީރިޔާގެ ރައްޔިތުންނާއި އޭގެ އިތުރުން ދުނިޔޭގެ އެކި ހިސާބުތަކުގައި އެތައް މިލިއަން މުސްލިމު އަޚުންނާއި އުޚުތުންނާއި ދެކޮޅަށް ލާއިންސާނީ ޢަމަލުތައް ހިންގަމުންދާ ދަނޑިވަޅެކެވެ.

މި ވޯޓަށް ދިވެހިރާއްޖެއިން ހާޒިރު ނުވުމަކީ، އިންސާނީ ޙައްޤުތަކާއި، އިންސާނިއްޔަތަށް ދިވެހިރާއްޖޭގައި އޮތް ސަރުކާރުން އެއްވެސް ވަރެއްގެ އަހައްމިއްޔަތުކަމެއް ނުދޭ ކަމުގެ ހެއްކެއް ކަމަށް ދިވެހި ރައްތިތުން ދެކެއެވެ. އަނިޔާވެރިކަމާއި ލާއިންސާނީ އަމަލުތައް ހިންގަމުންދާއިރު، އެކަން ކުށްވެރިކޮށް، އެކަމާއި ދެކޮޅަށް މަސައްކަތް ނުކުރުމަކީ އެފަދަ ލާއިންސާނީ އަމަލުތަކަށް ދިވެހި ރާއްޖެއިން ހިތްވަރުދިނުން ކަމުގައި ދެކެމެވެ. ދިވެހިރާއްޖެ އަކީ ސައްތައިން ސައްތަ މުސްލިމު ޤައުމަކަށް ވެފައި، އިސްލާމް ދީނުގައި ވެސް ޤަތުލު ޢާންމު ހިންގުމަކީ ނުހަނު ބޮޑަށް މަނާކުރެވިފައިވާ ބޮޑުވެގެންވާ ޖަރީމާއަކަށް ވާއިރު، މިކަމާ މަޝްވަރާ ކުރުން އ.ދ ގެ އެޖެންޑާގައި ހިމެނުމަށް ރާއްޖެއިން ވޯޓު ނުދިނުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫނެވެ.

ދިވެހި ރާއްޖެއާއި ދިވެހިންނަކީ ބަހާއި ޢަމަލުން ނަމޫނާ ދައްކަމުންދާ ބައެކެވެ. ވޭތުވެދިޔަ މާޒީގައި ދުނިޔޭގެ އެކި ޤައުމު ތަކުގައި ހިންގާ ލާއިންސާނީ ޢަމަލު ތަކުގެ ސަބަބުން އެޤައުމު ތަކުގެ ރައްޔިތުންނަށް އަނިޔާ ލިބެމުން ދިޔަ ވަގުތުތަކުގައި، އެޤައުމުތަކަށް އެހީ ވުމަށްޓަކައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން އިންސާނިއްޔަތަށް ލޯބިކުރާ މިންވަރު ދައްކުވައިދީފަވެއެވެ. އެގޮތުން ފަލަސްތީނު ރައްޔިތުންނަށް އެހީތެރި ވުމަށް ހިންގުނު ހަރަކާތާއި (ޤުދުސް ފަންޑު)، ބޮސްނިޔާ ރައްޔިތުންނަށް އެހީތެރިވުމަށް ހިނގުނު ހަރަކާތްތައް ހިމެނެއެވެ.

ދިވެހިރާއްޖެއަކީ ޚާރިޖީ ސިޔާސަތު ކަނޑައެޅުމުގައި ވަކިފަރާތަކަށް ނުޖެހުމުގެ އުސޫލާއި އިންސާނީ ޙައްޤު ތަކާއި ޑިމޮކްރަސީއާއި މޫސުމަށް އަންނަ ބަދަލުތައް މައިގަނޑު އުސޫލު ތަކެއްގެ ގޮތުގައި ބަލަމުން އައި ޤައުމެކެވެ. އަދި، އެއީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު މިހާތަނަށްވެސް ބައްޓަންވެގެން އައިސްފައިވާ ގޮތެވެ. ނަމަވެސް، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައްސަލަތަކުގައި، އާންމު ސުލްޙައަށް އިސްކަންނުދީ ވަކި ފަރާތެއްގެ އިރުޝާދުތަކަށް ދިވެހިރާއްޖޭގެ މިހާރުގެ ސަރުކާރު ބޯލަނބަމުންދާކަން ހިތާމައާއެކު ފާހަގަކުރަމެވެ. މިދުވަސްކޮޅަކީ މިޔަންމާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް އިތުރުވެ އެތައް ސަތޭކަ ބަޔަކު ކަތިލައި އެ މީހުންގެ ގެދޮރުގައި ހުޅުޖަހަމުން ގެންދާ ދުވަސް ވަރަކަށްވެފައި، މިފަދަ ކަންކަން ހުއްޓުވުމަށް މިކަން އ.ދ ގެ އާންމު މަޖުލީހުގައި އެޖެންޑާ ކުރުމަށް ދިވެހި ރާއްޖޭން ތާޢީދު ނުކުރުމުން، އެކަން ކަމަށް ތާޢީދު ކުރާ ބޮޑެތި ޤައުމުތަކާއި ދިވެހިރާއްޖެއިން ބައިޢަތު ހިފައިގެން އެ ޤައުމުތަކުގެ ނުފޫޒު ދިވެހިރާއްޖެއަށް ފޯރާފައި އޮތް މިންވަރު ހާމަވެގެންދެއެވެ.

އެހެންކަމުން، އދ. ގެ 72 ވަނަ ސެޝަންގެ ރަސްމީ އެޖެންޑާގައި “ގަތުލު އާންމާއި، ހަނގުރާމައިގެ ކުށްތަކާއި، ނަސްލު ނައްތާލުމާއި، އަދި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ކުށްތައް ހުއްޓުވުމާއި ރައްކާތެރިކުރުމުގައި ޒިންމާއަދާކުރުން” ގެ ނަމުގައި ސަޕްލިމެންޓްރީ އައިޓަމެއް ހިމެނުމަށް ހުކުރު ދުވަހު ވޯޓު ނެގި އިރު ޗެމްބަރުގައި ރާއްޖެއިން ހާޒިރު ނުވި ނުވުން، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހަރުކަށި އިބާރާތުން އެންމެ މަތީ ދަރަޖައަށް ކުށްވެރިކުރަމެވެ.
__________________
17 ސެޕްޓެމްބަރ 2017