ޤާނޫނީ ވަކީލުން ސަސްޕެންޑް ކުރުމުގެ ނިންމުން ބާޠިލް ކުރުމަށް ގޮވާލަން

ދިވެހިރާއްޖޭގައި ވަކާލާތުކުރުމަށް ހުއްދަދީފައިވާ 56 ޤާނޫނީ ވަކީލުން ސަސްޕެންޑް ކުރުމަށް ނިންމުމަކީ ދިވެހިރާއްޖޭގެ ޢަދުލު އިންސާފުގެ ދާއިރާގެ ޙާލަތު އިންތިހާއަށް ބޮއްސުންލައި މުޅި ޝަރުޢީ ނިޒާމު ވަކި ބައެއްގެ ނުފޫޒުގެ ދަށަށް ވެއްޓިފައިވާކަމުގެ އަލިގަދަ ހެއްކެކެވެ. އަދި އެކަން އެންމެ ހަރު އަޑުން ކުށްވެރިކޮށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މި ނާތަހުޒީބު ނިންމުން ބާޠިލުކުރެއްވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގޮވާލަމެވެ. ޑީޖޭއޭގެ މި ނިންމުމާ ގުޅިގެން ސަރުކާރުން އެކަމަށް ތާޢީދުކުރުމުން ދޭހަވަނީ މިއީ ސަރުކާރުގެ ނުފޫޒާއެކު ނިންމާފައިވާ ނިންމުމެއް ކަމެވެ.

ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާ އިޞްލާޙްކޮށް ޤާނޫނުތައް ނެގެހެއްޓުމަށް އިލްތިމާސްކޮށް 56 ޤާނޫނީ ވަކީލުން ކަމާ ބެހޭ މުވައްސަސާތަކަށް ޕެޓިޝަން ހުށަހެޅުމުން އެ ޕެޓިޝަން ބަލައިނުގަނެ އެކަމަށް ގޮވާލި ހުރިހާ ވަކީލުން އެއްވެސް ހަމައެއްނެތި ޤާނޫނީ ވަކީލުންނަށް ފިޔަވަޅު އަޅާފައިވަނީ ޖަވާބުދާރީވުމުގެ ފުރުސަތުނުދީ، ދަންވަރުގެ ވަގުތެއްގައި ސަސްޕެންޑް ކުރުމަކީ އިންސާފުވެރި ޝަރުޢީ ނިޒާމަށް ހުރަސް އެޅުން ކަމުގައި ދެކެމެވެ. އިންސާފުވެރި ނިޒާމެއް ބިނާކޮށް ޝަރުއީ ދާއިރާ އިސްލާޙްކުރުމަށް ކުރަންޖެހޭ ކަންކަން ކަމުގައި ޤާނޫނީ ވަކީލުންނަށް ޤަބޫލުކުރެވޭ ކަންކަން ހިމެނޭ ޕެޓިޝަން ހުށަހެޅުމާއެކު އެ ހުށަހެޅުން ބަލައިވެސްނުގަނެ އެޕެޓިޝަންގައިވާ ކަންކަމަކީ ކޮބައިކަން ދެނެގަތުމުގެ ބަދަލުގައި އެ ޕެޓިޝަން ހުށަހެޅި ވަކީލުން ސަސްޕެންޑް ކުރުމުން ހާމަވަނީ ކަންކަން އިސްލާޙްކުރުމުގެ ނިޔަތްވެސް ނެތް ކަމެވެ. އަދި އެފަދަ ކަންކަމަށް ގޮވާލާ ފަރާތްތަކަށް ބިރު ދެއްކުންކަމެވެ.

ދައުލަތުގެ އެކިއެކި ކަންކަން ޤާނޫނު އަސާސީއާ ޚިލާފަށް ހިނގާކަމަށް ބުނާ ކޮންމެ ފަހަރަކު އެއީ ޣައިރު ޤާނޫނީ ކަމަކަށް ހަދައި އަދި އެއީ ސިޔާސީ މަންފާއެއް ހޯދުމަށް ބަޔަކު ކުރާ ކަމެއް ކަމަށް ބުނެ އެބަޔަކު ފްރޭމްކުރުމަކީ ޙަޤީޤީ މައްސަލައިން ރެކި، ކަންކަން އިޞްލާޙު ކުރުމުގެ ފުރުޞަތު ނައްތާލުމަށް ސަރުކާރުން ހިންގާ ކެހިވެރި ޢަމަލެއް ކަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ދެކެމެވެ.

ޖިނާޢީ ކޯޓުގައި ވަކާލާތުކުރުމުގެ ހުއްދަ ދީފައިވާ ވަކީލުންގެ ތެރެއިން ތިންބައިކުޅަ އެއްބައި ވަކީލުން ކުއްލިގޮތަކަށް ސަސްޕެންޑް ކުރުމަކީ އެ ކޯޓުތަކުގައި ކުރިއަށްދާ ގިނަ މައްސަލަތަކަށް ބުރޫ އަރާފައިވާ ކަމެކެވެ. އަދި އެއީ ޢާންމު ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ އަސާސީ ޙައްޤުތަކަށް ލިބިފައިވާ އުނިކަމެކެވެ. މީގެ އިތުރުން ސަސްޕެންޑް ކޮށްފައިވާ ޤާނޫނީ ވަކީލުންގެ ތެރެއިން ބައެއް ވަކީލުންނަކީ ސިޔާސީ ލީޑަރުންނާއި، ސިޔާސީ ޕާޓީތަކަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ޞުލްޙަވެރި ސިޔާސީ ޙަރަކާތްތަކުން ބަންދުކުރެވޭ އާންމުންގެ ގިނަ ބައެއްގެ ދިފާޢުގައި ކެނޑިނޭޅި މަސައްކަތް ކުރައްވާ ވަކީލުންނެވެ.

ޤާނޫނީ ވަކީލުންނަށް ބިރު ދައްކައި ޤާނޫނު އަސާސީ ނަގާލުމުގައި ސަރުކާރަށް ވާގިވެރިވެ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުރަމުން ގެންދާ ކަންކަމުގެ ފުރިހަމަ ޒިންމާ ނަންގަވަން ޖެހޭ ފަރާތް ތަކުން މިފަދަ އަނިޔާވެރިކަން އިސްކުރައްވައި ޤާނޫނުތަކާ ޚިލާފަށް ކުރައްވަމުން ގެންދަވާ ކަންކަން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބަލައި ނުގަންނާނެ ކަމުގައި ދަންނަވަމެވެ. އަދި އެކަންކަން ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ގުޅިފައިވާ ސިޔާސީ ޕާޓީތަކުންކޮށް، މިކަމުގައި ޒިންމާ ނަގަންޖެހޭ ފަރާތްތަކުގެ މައްޗަށް ފިޔަވަޅު އެޅުމަށް މަޝްވަރާ ކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ. ޖުޑިޝިއަރީ އިސްލާހު ކުރުމަށް ޤާނޫނީ ވަކީލުން އެ ކޮށްދެއްވި އަގުހުރި މަސައްކަތާއި ވެވަޑައިގެން ޤުރުބާނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނުހަނު އިޙްލާސްތެރިކަމާއިއެކު ބަލައިގަންނަމެވެ.

ބަޔާން ނެރުނީ: ގުޅިފައިވާ ސިޔާސީ ޕާޓީތައް
ތާރީޚް: 13 ސެޕްޓެމްބަރ 2017