ސިޔާސީ ޕާޓީތަކުގެ މަޝްވަރާއާގުޅޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ނޫސް ބަޔާން

ސިޔާސީ ޕާޓީތަކާއެކު ސަރުކާރުން މަޝްވަރާ ކުރެއްވުމަށް ބޭނުންފުޅުވާކަމަށް ވިދާޅުވެ 30 އޯގަސްޓް 2017 ވީ ދުވަހު ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމަށާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުއްވި ސިޓީއާ ގުޅޭ ގޮތުން ދަންނަވަމެވެ.

ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރެއްވުމަށް ސަރުކާރުން ބޭނުންފުޅުވާކަމަށް ވިދާޅުވާއިރު އެކަން ކުރެއްވުމުގެ އެއްވެސް އިޚްލާޞްތެރިކަމެއް އަދި ހެޔޮ ނިޔަތެއް ރައީސް ޔާމީންގެ ސަރުކާރުގައި އޮތްކަމަކަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ޤަބޫލެއް ނުކުރަމެވެ. ޤާނޫނު އަސާސީއަށާއި ޤާނޫނަށް ބެއްލެވުމެއް ނެތި ރައީސް ޔާމީންގެ ސަރުކާރުން އެވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ނުޙައްޤުން ދަޢުވާކުރައްވައި ޖަލަށްލައްވާފައެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެ ގެންދަވަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތައް ކުރައްވާ ދަޢުވާތައް އުފުއްލަވަމުންނެވެ. ސަރުކާރާ ޚިޔާލު ތަފާތުވާ ކޮންމެ ރައްޔިތަކަށް އެގެންދަވަނީ ބޮޑެތި އަނިޔާދައްކަމުންނެވެ. ޕްރޮސިކިޔުޓަރ ޖެނެރަލަށާއި، ފަނޑިޔާރުންނަށާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންނަށް އެގެންދަވަނީ ނާޖާއިޒު ނުފޫޒު ފޯރުއްވައި، ބިރުދައްކަވައި، އެފަރާތްތަކުގެ މިނިވަންކަން ނަގާލައްވާފައެވެ. ރައްޔިތުންގެ މަޖިލީސް އެވަނީ ސިފައިން ބޭނުންކުރައްވައިގެން ހިޞާރުކުރެއްވުމަށްފަހު އެ މުއައްސަސާގެ ޙަޤީޤީ ބޭނުން ކަނޑުއްވާލާފައެވެ.

ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އިންސާނީ އަދި އަސާސީ ޙައްޤުތައް އެވަނީ އެކުގައި ނިގުޅައިގެންފައެވެ. ސުލްޙަވެރި ސިޔާސީ ޙަރަކާތްތައް ހުއްޓުވައި، ސިޔާސީ ޕާޓީތަކުގެ ދައުރު ނައްތާލުމަށް ސަރުކާރުން އެގެންދަވަނީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުންނެވެ. ސިޔާސީ ޕާޓީތަކަށް ދައުލަތުން ދެއްވަންޖެހޭ ފައިސާ ޤާނޫނާ ޚިލާފަށް ސަރުކާރުން އެވަނީ ނުދެއްވާ ހިފަހައްޓަވާފައެވެ. ކޮރަޕްޝަނާއި ވައްކަމުގެ ހުތުރު ޢަމަލުތަކުގެ އަޑީގައި ރައީސް ޔާމީން ހުންނަވައި، އެކަންކަމަށް ރައީސް ޔާމީން އެ ގެންދަވަނީ ހިތްވަރު ދެއްވަމުން އެކަންކަން ސަރުކާރުތެރޭގައި އާލާކުރައްވަމުންނެވެ. ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތަކުގެ އިތުރުން ނުރައްކާތެރި ބޮޑެތި ޖިނާއީ މައްސަލަތައް ތަޙުޤީޤުކޮށް ބައްލަވައި ފިޔަވަޅު އެޅުއްވުމުގެ ވިސްނުންފުޅު ރައީސް ޔާމީންގެ ކިބައިގައި ހުރި ކަމަކަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ޤަބޫލެއް ނުކުރަމެވެ.

ރާއްޖޭގެ ފަޅުތަކާއި ފަރުތަކާއި ރަށްތައް ރައީސް ޔާމީން އެ ގެންދަވަނީ ނުއަގުގައި ހިތުހުރިގޮތަކަށް ވިއްކަވާލައްވަމުންނެވެ. ރާއްޖޭގެ އިޤްތުޞާދު މިވަނީ ނާޒުކު ފައްތަރަކަށް ވައްޓާލައްވާފައެވެ. އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ބެއްލެވުމެއް ނެތި ރައީސް ޔާމީނުގެ ޒާތީ ފައިދާއަށް ސަރުކާރުގެ ޚާރިޖީ ސިޔާސަތު އެވަނީ ވިއްކަވާލައްވާފައެވެ. މިދެންނެވި ކަންކަން އިޞްލާޙު ކުރުމަކީ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކޮށްގެން ކުރަންޖެހޭ ކަންކަން ކަމުގައެއް ގުޅިފައިވާ ސިޔާސީ ޕާޓީތަކަކުން ނުދެކެމެވެ.

ސަރުކާރުގެ ހެޔޮ ނިޔަތް އޮތްކަމުގައިވާނަމަ މިޤައުމުގައި އިޞްލާޙުކުރަން ހުރި ކަންކަމަކީ ސަރުކާރަށް މިހާރުން މިހާރަށްވެސް ކުރެއްވޭނޭ ކަންކަމެވެ. މީގެ ކުރިންވެސް އެކިފަހަރުމަތިން ވަނީ ސިޔާސީ ޕާޓީތަކުން ރައީސް ޔާމީންގެ ސަރުކާރާއެކު މަޝްވަރާގެ މޭޒުދޮށަށް ގޮސްފައެވެ. އަދި އ.ދ ގެ ސީދާ ބައިވެރިވުމާއެކު އެޖަމުޢިއްޔާއިން މީޑިއޭޓް ކުރައްވައިގެންވެސް ސަރުކާރާއެކު މަޝްވަރާތައް ހިންގޭތޯ ޕާޓީތަކުން ވަނީ ބައްލަވާފައެވެ. އެހެން ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް، ސަރުކާރުން ބަހަނާތަކެއް ދެއްކެވުމަށްފަހު އެ މަޝްވަރާތައް ވަނީ ފެއިލްކޮށްލައްވާފައެވެ. އަދި ސަރުކާރުގެ އިޚްލާޞްތެރިކަން ނެތްކަން މުޅި ދުނިޔެއަށްވަނީ ރައީސް ޔާމީން ސާބިތުކޮށްދެއްވާފައެވެ.

ސަރުކާރުން ވެވަޑައިގަންފައިވާ ވައުދުތައް ފުއްދެއްވުމަށް ރައްޔިތުންގެ މަޖިލީހުންވަނީ ބަޖެޓެއް ދެއްވާފައެވެ. އެހެންނަމަވެސް އެ ފާސްކޮށްދެއްވި ބަޖެޓަށް ސަރުކާރުން ހެއްދެވި ނުހެއްދެވި ގޮތެއް އެނގެން ނެތްއިރު، އެ ބަޖެޓުގައިވާ މަޝްރޫޢުތައް ސަރުކާރުން ހިންގެވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކާއެކު ކުރަންޖެހޭ މަޝްވަރާއެއް އޮންނާނެ ކަމަކަށް ޕާޓީތަކުން ޤަބޫލެއް ނުކުރަމެވެ.

ވީމާ، ސަރުކާރުގެ މާލީ ދަތިކަން ފިލުވުމަށް ބޭރުގެ އެކިއެކި ފަރާތްތަކުގެ ލޮލުގައި އަޅުވާ އަނދުނަކަށް ސިޔާސީ ޕާޓީތަކާއެކު ކުރެވޭ މަޝްވަރާ ހެއްދެވުމުގެ ވިސްނުންފުޅު ދޫކޮށްލައްވައި، ޤައުމުގެ ކަންކަން އިޞްލާޙު ކުރުމުގައި ރައީސް ޔާމީންގެ އިޚްލާޞްތެރިކަން ދެއްކެވުމުގެ ގޮތުން އިދިކޮޅު ސިޔާސީ ލީޑަރުން މިހާރުން މިހާރަށް ދޫކޮށްލެއްވުމަށް ގޮވާލަމެވެ. އަދި އޭގެފަހުން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރެއްވުމުގެ ވާހަކަ ދެއްކެވުމަށް ރައީސް ޔާމީންގެ ސަރުކާރަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: ގުޅިފައިވާ ސިޔާސީ ޕާީޓތައް