ދިއްގަރު ދާއިރާގެ މެންބަރު އަލްފާޞިލް އަޙުމަދު ފާރިސް މައުމޫން ޖަލުގައި ހުންނަވާތާ މިއަދަށް 50 ދުވަސް!

ކޯޓު އަމުރުގެ ދަށުން ފުލުހުން 18 ޖުލައި 2017 ވީ އަންގާރަ ދުވަހު ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ފާރިސް މައުމޫން ދިރިއުޅުއްވާ އެޕާޓްމެންޓް ބަލާ ފާސްކުރި އިރު އެއްވެސް ހެއްކެއް ޤަރީނާއެއް ފެނިފައި ނުވުމުން އިތުރު ކޯޓު އަމުރެއްގެ ދަށުން ހަމަ އެދުވަހު މެންދުރުގެ ވަގުތެއްގައި ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ދޫނިދޫގައި ހައްޔަރު ކުރުމަށް ފަހު މާފުށީ ޖަލަށް ބަދަލު ކޮށްފައެވެ. ފާރިސް މައުމޫން ހައްޔަރު ކުރެވިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝަވަތު ދިން ކަމަށް ބުނާ މައްސަލައެއްގައި އެއްވެސް ހެއްކެއް ޤަރީނާއެއް ނެތި ޤާނޫނީ އިމުގެ ބޭރުން ސިޔާސީ މަންފާ ޙާސިލްކުރުމަށް ކަމަށް ޤަބޫލުކުރެވެއެވެ. ނުކުރާ ކުށަކަށް ނުފަށާ ޝަރީޢަތަކަށް ބޭއިންސާފުން އެމަނިކުފާނަށް އަނިޔާ ލިބެމުންދާތާ މިއަދަށް 50 ދުވަސް ވީއެވެ.
ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން ގެ މައްޗަށް ތުޙުމަތުތަކެއް ކޮށްފައިވަނީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރައްޔިތުންގެ މަޖިލީހުގެ 45 މެންބަރުންގެ ސޮޔާއިއެކު، ރައްޔިތުންގެ މަޖހިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމާއި ގުޅިގެންނެވެ. އެ ގޮތުން އެ މައްސަލައިގައި ސޮއިކުރެއްވި މެންބަރުންނަށް އެ މަނިކުފާނު ރިޝްވަތު ދެއްވި ކަމަށް ބުނާ އިންޓެލް ރިޕޯޓެއްގެ މައްޗަށް ކަމަށް ބުނެ، އެ މަނިކުފާނު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރު ކޮށްފައެވެ. ނަމަވެސް މިއަދާއި ހަމައަށް ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވަމުން އެ ގެންދަވަނީ އޭގެން އެއްވެސް މެންބަރަކަށް ފާރިސް މައުމޫން ރިޝްވަތު ހުށަހަޅުއްވާފައި ނުވާނެކަމަށާއި އެ މެންބަރުން އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރައްވާފައިވަނީ އެ މެންބަރުންގެ އަމިއްލަ އިޚުތިޔާރުގައި އެއްވެސް ނުފޫޒެއް ނެތި ކަމަށެވެ.
ނަމަވެސް، ސިޔާސީ ބައެއް ފަރާތްތަކުން މީޑިއާގަޔާއި ސިޔާސީ އެކި ޕޯޑިއަމްތަކުގައި ރިޝްވަތު ފައިސާ ބެހިކަމަށާއި އަދި އެފައިސާ ބޭނުންކޮށްފައިވާނެ ކަމަށް އެއްބަސްވެފައި ވާއިރުވެސް، މިމައްސަލަތައް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ބަލައި ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަކުރަމެވެ. އަދި މީގެން ބައެއް މައްސަލަ ތަކަކީ އެކި އެކި މުއައްސަސާ ތަކަށް ހުށަހަޅާފައިވާ މައްސަލަ ތަކެކެވެ. އެހެން ނަމަވެސް ރިޝްވަތުގެ އެއްވެސް ޢަމަލެއް ހިންގާފައި ނުވާނެކަމަށް ބުނާއިރު އަދި އެއްވެސް ހެއްކެއް ޤަރީނާއެއް ނެތި އަޙުމަދު ފާރިސް މައުމޫން ވަނީ ނުފަށާ ޝަރީއަތަކަށް، ވަކި މުއްދަތެއް ނެތް ގޮތަށް، ޝަރީޢަތް ނިމެންދެން ސިޔާސީ ބޭނުމަކަށްޓަކައި ޖަލުގައި ބަންދުކުރެވިފައެވެ.
އަދި ހަމަ އެހެންމެ، އެ މަނިކުފާނުގެ ބަންދު ޢަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށް އެ މައްސަލައިގެ ޝަރީޢަތް ނިމި ހައިކޯޓުން ގޮތެއްނުނިންމާ އޮންނަތާވެސް މިއަދަށް 27 ދުވަސް ވެއްޖެއެވެ. އެމައްސަލަވެސް ގޮތެއް ނުނިމި ލަސްވެގެން ދަނީ ވަކި ބައެއްގެ ސިޔާސީ ނުފޫޒު ކޯޓު ތަކަށް ފޯރުވައި އެ މައްސަލަ ހިފަހައްޓަވާފައި ވާތީ ކަމަށް ޤަބޫލުކުރެވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން ހައްޔަރުކޮށް، ހެދިފައިވާ ޤާނޫނު ތަކުގެ ބޭރުން އެމަނިކުފާނާއި ދޭތެރޭގައި ޢަމަލު ކުރަމުން ގެންދަވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެމަނިކުފާނު މިހާރުން މިހާރަށް ދޫކޮށްލުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގޮވާލަމެވެ. އޭގެ އިތުރުން ސިޔާސީ މަޤްސަދެއް ޙާސިލު ކުރުމަށް އެކިއެކި ތުހުމަތުގައި ޙުކުމް އިއްވާފައިވާ އެންމެހާ ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލުމަށްވެސް މިފުރުޞަތުގައި ގޮވާލަމެވެ.
5 ސެޕްޓެމްބަރ 2017