ރާއްޖޭގައި އަނިޔާ، އެއީ މާޒީގެ އެއްޗަކަށްވެ، އެއީ، ދައުލަތުގެ ފަރާތުން ނުކުރެވޭނެ ކަމެއްގެ ގޮތުގައި ދިވެހިންގެ ހިތްތަކުގައި ބިންވަޅު ނެގެންދެން ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި

10-10-10

hep_-shafeeq

ރާއްޖޭގައި އަނިޔާ، އެއީ މާޒީގެ އެއްޗަކަށްވެ، އެއީ، ދައުލަތުގެ ފަރާތުން ނުކުރެވޭނެ ކަމެއްގެ ގޮތުގައި ދިވެހިންގެ ހިތްތަކުގައި ބިންވަޅު ނެގެންދެން ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްވައިފިއެވެ. މި ޔަޤީންކަން އެމަނިކުފާނު ދެއްވީ، ހެންވޭރު ޝަފީގުގެ އަޙްމަދު ޝަފީޤް ލިޔުއްވާފައިވާ “އަޙްމަދު ޝަފީޤުގެ ޙަޔާތުން ދުވަހެއް” އަދި “އަޙްމަދު ޝަފީޤުގެ ކުރުވާހަކަ (1)” ނެރެދެއްވުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިކަމަށްޓަކައި މިއަދު ހެނދުނު ނަސަންދުރަ ޕެލަސް ހޮޓެލްގައި ބޭއްވުނު ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރައްޔިތުން އަނިޔާއިން ސަލާމަތް ކުރެވޭނެ ދާއިމީ އުޞޫލުތަކެއް، ދިވެހިންގެ ހިތްތަކާއި، ދިވެހިންގެ އުޞޫލުތަކާއި، ދިވެހިންގެ ޤާނޫނުތަކުގައި ބިންވަޅު ނުނުގޭ ކަމުގައިވާނަމަ، މި ސަރުކާރު ވެރިކަމުގައި އޮތުން ރަނގަޅު ނޫން ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދައުލަތުގެ ފަރާތުން ރައްޔިތުންނަށް އަނިޔާ ލިބެމުން ދިޔުމަކީ، ރާއްޖޭގެ ތާރީޚުން ފާހަގަވާން އޮތް ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ ވަރަށް ގިނަ ބަޔަކަށް ސަރުކާރުގެ ފަރާތުން އަނިޔާ ލިބިގެން ދިޔަ ދިޔުމަކީ، ވެރިކަން ދެމެހެއްޓުމަށްޓަކައި ރައްޔިތުން ބިރުގެންނެވުމާއި، ސަރުކާރުން ރައްޔިތުންނަށް އަނިޔާ ދިނުމަކީ، ކުރަންޖެހޭ ކަމެއްގެ ގޮތުގައި ދިވެހިންނާއި، ވެރިކަމުގެ ފަރާތުން ގަބޫލު ކުރެވޭ ފަލްސަފާގެ ސަބަބުން ހިނގި ކަމެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ރާއްޖޭގެ ތަރައްޤީ، ޙަޤީޤަތުގައި ގުޅިފައި އޮތީ އިންސާނީ ތަރައްޤީއާ ކަމަށާއި، އިންސާނާއަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނުދޭހާ ހިނދެއްގައި އަޅުގަނޑުމެންގެ ރާއްޖެއަކަށް ތަރައްޤީއެއް ނުލިބޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަޙްމަދު ޝަފީޤަކީ، މި ރާއްޖެއަށާއި މި ރާއްޖޭގެ ރައްޔިތުންނަށް ލިބިފައިވާ އެންމެ އަގުބޮޑު އެއް ޚަޒާނާ ކަމަށާއި، ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ދިވެހިންގެ ވަރަށް ގިނަ ބަޔަކަށް އަކުރު އޮޅުންފިލުއްވައި ދެއްވުމާއި، ބަސް ކިޔަވާ ދެއްވައި، ޚިޔާލު ފާޅުކުރައްވައި އެކި ލިޔުންތައް ލިޔުއްވުމުގައި، ވަރަށް ހަރުދަނާކަމާއެކުގައި މަސައްކަތް ކުރެއްވި ބޭފުޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ނެރުއްވައިދެއްވި “އަޙްމަދު ޝަފީޤުގެ ޙަޔާތުން ދުވަހެއް” މި ފޮތަކީ، 15 އޭޕްރީލް 1995ގައި ކުރީގެ ސަރުކާރުން، އަޙްމަދު ޝަފީޤް ބަންދުކުރެއްވުމާ ގުޅިގެން ލިޔުއްވާފައިވާ ބަޔާނެއްގެ ގޮތުގައި، އަޙްމަދު ޝަފީޤް ލިޔުއްވި ލިޔުއްވުމެކެވެ. މި ބަންދުން އަޙްމަދު ޝަފީޤް އެއްވެސް ކުށެއްނެތް ބޭފުޅެއްގެ ގޮތުގައި ދޫކޮށްލެއްވީ، 83 ދުވަހު އެކަހެރިކޮށް ކުޑަގޮޅީގައި ބެހެއްޓެވުމަށްފަހުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ނެރުއްވައިދެއްވި އަނެއް ފޮތް “އަޙްމަދު ޝަފީޤުގެ ކުރުވާހަކަ (1)” މި ފޮތަކީ، އަޙްމަދު ޝަފީޤް އެކި ފަހަރު މަތިން ލިޔުއްވައި އެކި ނޫސް މަޖައްލާތަކުގައި ޝާއިޢު ކުރައްވާފައިވާ ކުރު ވާހަކަތައް އެއްތަނަކުން ފެންނާނެގޮތް ހެއްދެވުމަށްޓަކައި ނެރުއްވި ފޮތެކެވެ.