ބަންޑާރަނައިބު މުޙައްމަދު ޢަނިލް އާއި ސަރުކާރުގެ ބައެއް ވަޒީރުން 25 އޯގަސްޓް 2017 ވީ ހުކުރު ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ސްޕްރީމް ކޯޓަށް ވަންކަން އެނގިފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެކަން ކުށްވެރިކުރުން

ދައުލަތުގެ ބަންޑާރަނައިބު މުޙައްމަދު ޢަނިލް އާއި ސަރުކާރުގެ ބައެއް ވަޒީރުން 25 އޯގަސްޓް 2017 ވީ ހުކުރު ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ވަދެ ނުކުމެވަޑައިގަތްކަން އެނގި އެމަންޒަރު ދައްކުވައިދޭ ވީޑިއޯތަކާއި ފޮޓޯތައް ޢާންމުވެފައިވާތީ، އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކޮށް އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

މިދެންނެވި ފަރާތްތަކުން ރޭގެ ދަންވަރުގެ ވަގުތެއްގައި ސްޕްރީމް ކޯޓަށް ވަދެވަޑައިގެންފައިވަނީ މި ޤައުމުގެ ސިޔާސީ މަޝްރަޙު ވަރަށް ބޮޑަށް ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައިކަމަށްވެފައި، އަދި ސްޕްރީމް ކޯޓުގައި މިވަގުތު ނުނިމި އެއް މަހަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވާ ނުހަނު މުހިއްމު މައްސަލައެއްކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑިއާ ގުޅޭ މައްސަލައިގެ ޙުކުމް އިއްވަވަން ޖެހިވަޑައިގެންފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކުރަމެވެ. ބަންޑާރަނައިބު މިފަދަ ވަގުތެއްގައި ސްޕްރީމް ކޯޓަށް ވަދެވަޑައިގެންފައިވާއިރު، ބަންޑާރަނައިބަކީ އެ މައްސަލައިގެ އެއް ޚަޞްމުކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

ސްޕްރީމް ކޯޓުގެ މިނިވަންކަމަށް ނުފޫޒުފޯރުވައި އިންސާފަށް ހުރަސްއަޅުއްވަމުންދާކަމަށް ބެލެވޭގޮތަށް ދައުލަތުގެ ބަންޑާރަނައިބާއި ބައެއް ވަޒީރުން މިފަދައިން ދަންވަރު ސްޕްރީމް ކޯޓަށް ވަދެވަޑައިގަތުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫނެވެ.

ހަމައެފަދައިން، މި ދަނޑިވަޅުގައި ސްޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ޤާނޫނުއަސާސީއާއި ޤާނޫނުން ލާޒިމުކުރާ ސިކިޔުރިޓީ ފޯރުކޮށްދިނުމުގައި ސަލާމަތީ ޚިދުމަތްތަކުން ނޭދެވޭ ކުއްލި ބަދަލު ގެނެސްފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެކަން ކުށްވެރިކުރަމެވެ. ސްޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ ސިކިޔުރިޓީއަށް މިފަދައިން ނޭދެވޭ ކުއްލި ބަދަލު ގެނެސްފައިވާއިރު، މާލޭގެ މަގުތަކުގައި ކުރިޔަށްވުރެ ބޮޑަށް ނުރައްކާތެރި ބޮޑެތި ޖަރީމާތައް ހިންގުން އާންމުވެ ނާމާންކަން އިތުރުވެފައިކަން ފާހަގަކުރަމެވެ.

އެހެންކަމުން، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ނުފޫޒު ފޯރުވައިގެން ސްޕްރީމް ކޯޓުގެ މިނިވަންކަމަށާއި އިންސާފަށް ހުރަސްއެޅޭނޭ އެއްވެސް ޢަމަލެއް ދަޢުލަތުގެ ބަންޑާރަ ނައިބާއި ސަރުކާރުގެ ވަޒީރުން ނުކުރެއްވުމަށް ގޮވާލާހިނދު، އެފަދަ ޣައިރުޤާނޫނީ ޢަމަލުތައް ވަގުތުން ހުއްޓަވާލެއްވުމަށް އެފަރާތްތަކަށް ގޮވާލަމެވެ.
26 އޯގަސްޓް 2017