ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން އާންމު ރައްޔިތުންނަށް ބިރުދެއްކުން ހުއްޓާލުމަށް ގޮވާލުން

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޤާނޫނުގެ ވެރިކަން ހިންގެވުމަށް ހުރަސް ނާޅުއްވައި، ޢަދުލުވެރިކަމާއެކު، ވަކި ފަރާތަކަށް ނުޖެހި، ހާމަކަމާއެކުގައި ޝަރީޢަތްތައް ހިންގަވައިދެއްވުމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިލްތިމާސް ކުރަމެވެ.

ކޯޓުތަކަށް ހުށަހެޅިފައި މައްސަލަތައް ޢަދުލުވެރިކަމާއެކު، ވަކިފަރާތަކަށް ނުޖެހި ޤަނޫނު އަސާސީއައި ޤާނޫނަށް ޢަމަލުކުރުމަށް ފަނޑިޔާރުންނަށް ލާޒިމްކޮށްފައިވާހިނދު، ރައްޔިތުންގެ މަސްލަހަތާ ގުޅުން ހުރި ބޮޑެތި މައްސަލަތައް ކޯޓުތަކުގައި ތާށިކޮށްފައި ބެހެއްޓުމަކީ ރައްޔިތުންގެ އެތައް ޙައްޤުތަކެއް އެކަމުގެ ސަބަބުން ގެއްލިގެންދާނެ ކަމެކެވެ.
18 ޖުލައި 2017 ވަނަ ދުވަހު ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން އެކޮމިޝަނަށް ލިބިދޭ ބާރުތަކުގެ ބޭރުން ރައްޔިތުންގެ މަޖިލީހުގެ 4 މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ނިންމުމާއެކު ޖުލައި 20 ވަނަ ދުވަހު އެމައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެ 4 މެންބަރުން ވަނީ އިސްތިއުނާފް ކުރައްވާފައެވެ. މި މައްސަލަ ހުށަހެޅުނުތާ އެއް މަސް ދުވަހަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވީއިރުވެސް، އެ މައްސަލައިގައި ޙުކުމެއް ކުރައްވާފައި ނުވާކަން ފާހަގަކުރަމެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙުކުމާ ކަނޑައެޅިގެން ޚިލާފަށް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލިހުގެ 4 މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ނިންމުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ދައުރު އަދާ ކުރުމަށް ވަނީ ހުރަސް އެޅިފައެވެ. 45 މެންބަރުން ސޮއިކުރައްވައި މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ހުއްޓުވައި، ސިފައިން މަޖިލިސް ހިޞާރުކޮށް ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ހުރަސް އަޅައި މުޅި ދައުލަތް މިވަނީ މިއަދު ހުއްޓުމަކަށް ގެނެސް ހައިޖެކްކޮށްފައެވެ. މި ކަންކަމަށް ބާރު ލިބޭ ގޮތަށް އުއްތަމަ ފަނޑިޔާރު ޢަމަލުކުރެއްވުމަކީ ޤާނޫނުގެ ވެރިކަން ހިންގެވުމަށް ހުރަސް އެޅުއްވުން ކަމުގައި ދެކެމެވެ.

އަދި މިފަދަ ބޮޑު މައްސަލައަކަށް ޙުކުމެއް ނުލިބި ލަސްވަމުން ދާތީވެ އެކަމާ ރައްޔިތުން ކަންބޮޑުވުން ފާޅުކުރުމުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އަންގާރަ ދުވަހުގެރޭ އާންމު ރައްޔިތުންނަށާއި، މީޑިޔާ އަދި ޤާނޫނީ ވަކީލުންނަށް އަމާޒުކޮށް ނެރުއްވި ބަޔާނަކީ އެ އިދާރާގެ ޤާނޫނީ މަސްއޫލިއްޔަތުގެ ބޭރުން ހިންގަވާފައިވާ ބިރު ދެއްކުމުގެ ޢަމަލެއް ކަމުގައިވާތީ އެކަން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުށްވެރިކުރަމެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 18 ޖަނަވަރީ 2009 ގައި އާންމުކުރައްވާފައިވާ ސާރކިއުލަރގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސައްކަތްތަކާއި ޒިންމާތައްވަނީ ބަޔާންކޮށްފައެވެ. އެ ސަރކިއުލަރގައި ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސައްކަތްތަކުގެ ތެރޭގައި މުޖުތަމަޢުގައި ހިނގާ ކަންކަމާ ގުޅިގެން އިންޒާރުދިނުމާއި، އެކިއެކި ފިޔަވަޅު އެޅުން ފަދަ ކަންކަން ކުރުމުގެ އެއްވެސް މަސްޢޫލިއްޔަތެއް އެއިދާރާއާ ޙަވާލުކޮށްފައެއް ނުވެއެވެ. އަދި އެފަދަ ކަމެއް ކުރުމުގެ ޤާނޫނީ ބާރުވެސް އެއިދާރާއަށް ދިވެހިރާއްޖޭގެ އެއްވެސް ޤާނޫނަކުން ނުވަތަ ޤަވާއިދަކުންވެސް ލިބިދީފައެއްނުވެއެވެ. އެހެންކަމުން، ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކުރައްވައި މަޤާމުގެ ނާޖާއިޒް ނުފޫޒު ބޭނުންކުރައްވައިގެން އެއްވެސް ފަރާތަކުން އެއިދާރާގެ ނަމުގައި ރައްޔިތުންނަށް ބިރު ނުދެއްކެވުމަށް ގޮވާލަމެވެ.

މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފްނުވާ ގޮތުގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލައި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ވަރަށް ސަފުކޮށް ބަޔާންކޮށްފައިވާކަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއަށް ހަނދާންކޮށްދެމެވެ. އަދި ޤާނޫނުއަސާސީއާ ޤާނޫނުތަކުގެ ބޭރުން ހިންގަވާ އެ މުޑުދާރު ޢަމަލުތައް ހިންގެވުން ހުއްޓާލެއްވުމަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: ގުޅިފައިވާ ސިޔާސީ ޕާޓީތައް
ތާރީޚް: 22 އޯގަސްޓު 2017