ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މާލޭގެ ބިންތައް ވިއްކުން ހުއްޓާލުމަށް ގޮވާލަން

މާލޭގެ އަގުހުރި ބޮޑު 19 ބިމެއް ވިއްކާލުމަށް ސަރުކާރުން ނިންމާފައިވާތީ އެކަން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެންމެ ހަރުއަޑުން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކުރަމެވެ. އަދި މިފަދަ ހުރިހާ މުޢާމަލާތެއް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލަމެވެ.

ސަރުކާރުގެ ވެރިންގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތު ކުރެވި، ދައުލަތް ޝާމިލްވެގެން ހިންގޭ ކޮރަޕްޝަންގެ ޢަމަލުތަކުގައި ބައިވެރިވެވަޑައިގަންނަވާ ކަމުގައި ޚުދު ރައީސުލްޖުމްހޫރިއްޔާ ފާޅުގައި އިއުތިރާފްވެވަޑައިގެން ވާހަކަފުޅު ދައްކަވާފައިވަނިކޮށް މި ވަގުތު މާލޭގެ އަގުހުރި 19 ބިމެއް ކުއްލި ގޮތަކަށް ވިއްކާލުމަށް ސަރުކާރުން ނިންމުމަކީ ދިވެހިންގެ މުދަލަށާއި، ބިމުގެ ރައްކާތެރިކަމަށާއި މާލީ ފޯރުންތެރިކަމަށް އަރައިގަތުން ކަމުގައި ދެކެމެވެ. ރާއްޖޭގެ ރަށްރަށާއި، ބިންތަކާއި، ފަޅުތައް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ވިއްކާފައިވާކަން ހެއްކާއެކު ފެންނާންހުރިއިރު، މާލޭގެ ބިންތައް މި ގޮތަށް ވިއްކާލުމަކީ ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ ކަމެކެވެ.

މީގެ ކުރިންވެސް ބިން ވިއްކުމާ ގުޅޭ ގޮތުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ފާފު އަތޮޅު ވިއްކާލުމަށް ނިންމި ފަދައިން މާލޭގެ ބޮޑެތި ބިންތައް ވިއްކާލުމަށް ސަރުކާރުން ނިންމި ނިންމުމަކީ ބާޠިލް ނިންމުމެކެވެ. މިފަދަ ބޮޑު ކަމެއް ކުުރުމަށް ނިންމުމުގެ ކުރިން އެކަމާ ގުޅިގެން ރައްޔިތުންނާ މަޝްވަރާ ކުރަންޖެހޭނެ ކަމުގައި ދެކެމެވެ.

އެންމެ 9 ދުވަހުގެ ތެރޭގައި ބިންތައް ވިއްކުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ސަރުކާރުން އިއުލާން ކުރުމަކީ އެކަމުގައި އެއްވެސް އިޚްލާސްތެރިކަމެއް ނެތްކަން ދޭހަވާ ކަމެކެވެ. ސަރުކާރުގެ ޚަރަދުތަކުގެ ތަފްޞީލުތައް އާންމުނުކުރުމާއި، ދައުލަތުގެ ޚަޒާނާއިން ވައްކަން ކުރާކަން ކަނޑައެޅިގެން އެނގޭއިރު އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ މިނިވަން މުއައްސަސާތަކުގެ ޤާނޫނީ ޒިންމާ އަދާނުކުރުމާއި، ދައުލަތުގެ މާލީ ރައްކާތެރިކަން ގެއްލިފައިވާ މި ދަނޑިވަޅުގައި މިފަދަ ކަމެއް ކުރުމަކީ ފޮރުވިގެންވާ ސިއްރުތަކެއް އެކުލެވިގެންވާ ސުވާލު އުފެދޭ ކަމެކެވެ. އަދި މިފަދަ ގޮތަކަށް ރާއްޖޭގެ ކަންކަން ހުރިއިރު، ބިން ވިއްކުން ފަދަ ބޮޑު ކަމެއް ކުރުމަކީ އެއްވެސް ޙާލެއްގައި ކޮށްގެންވާނެކަމެއްނޫނެވެ.

ފާއިތުވީ އަހަރުތަކުގައި އުފެއްދުންތެރިކަން އިތުރުވާނެ އިންވެސްޓްމަންޓްތައް ނުކުރެވި، ދައުލަތަށް ގެއްލުން ލިބޭ ފަދަ ލޯންތައް ނެގުން ފަދަ ރާއްޖޭގެ އިޤްތިޞާދު އިނދަޖެއްސުމުގެ ނަތީޖާއަކީ ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދެވޭނެ ފައިސާވެސް ދައުލަތުގައި ނެތުމެވެ. މިފަދަ ކަންކަން ފޫބެއްދުމަށް ނުއަގުގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ ގޮތަށް މާލޭއާއި ރާއްޖޭގެ ރަށްރަށުގެ ބިންތައް ވިއްކުމަކީ ބަލައިގަނެވޭނެ ކަމެއްނޫނެވެ.

މާލެއަކީ ޖާގަ ކުޑަ، މުޅި ރާއްޖޭގެ އާބާދީގެ ތިން ބައިކުޅަ އެއްބައި ދިރިއުޅޭ ވެރިކަން ކުރާ ރަށް ކަމުގައިވީހިނދު، ޒިންމާދާރުކަން ކުޑަކޮށް، އެއްވެސް ރޭވުންތެރި ކަމެއްެނެތި، އަވަސްއަރުވާލައިގެން މާލޭގެ ބޮޑެތި ބިންތައް ވިއްކާލުމުން މިހާރު މާލެއަށް ކުރިމަތިވެފައިވާ ތޮއްޖެހުމާއި، ކުލި އަގުބޮޑުވުމާއި، އިޖްތިމާޢީ އެތައް މައްސަލަތައް އިތުރަށް ބޮއްސުންލައިގެން ދިއުމަށް މަގުފަހިވެގެންދާނެއެވެ. އަދި ފޫނުބެއްދޭވަރުގެ ގެއްލުން ރައްޔިތުންނަށް ލިބިގެންދާނެ ކަމުގައި ދެކެމެވެ.

މިފަދަ ޝައްކު އުފެދޭ އުސޫލުތަކުގެ ތެރެއިން ވިއްކޭ ހުރިހާ ބިމެއްގެ މުޢާމަލާތްތަކަކީ ބާޠިލް ނިންމުންތަކެއް ކަމަށާއި މި ސަރުކާރު ބަދަލުވުމާއެކު އެފަދަ ބިންތައް އަނބުރާ ރައްޔިތުންނަށް ލިބިދެވޭނެ ގޮތަށް ޢަމަލުކުރެވޭނެ ކަމުގައި ދަންނަވަމެވެ.

ބަޔާން ނެރުނީ: ގުޅިފައިވާ ސިޔާސީ ޕާޓީތައް
ތާރީޚް: 17 އޯގަސްޓު 2017