ނައީމާއްތައާ މެދު ފުލުހުން އަމަލުކޮށްފައިވާ ގޮތް ކުށްވެރިކުރުން

ހުކުރުދުވަހުގެރޭ އެމްޑީޕީ ހަރުގެ ކުރިމަތިން ހައްޔަރު ކުރި މި ޕާޓީގެ ޚިދުމަތްތެރި އަދި ދޮށީ އުމުރުގެ ނައީމާ މުޙައްމަދު (ނައީމާއްތަ) އަތޮޅުވެހީގައި ހައްޔަރުކޮށް ނައީމާއްތައާ މެދު ފުލުހުން ޢަަމަލުކޮށްފައިވާ ގޮތް ކުށްވެރިކޮށް އެކަން މިހާރުން މިހާރަށް ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ގޮވާލަމެވެ.

ހުކުރުދުވަހުގެރޭ ނައީމާއްތަ ހައްޔަރުކޮށް އަތޮޅުވެހީގައި ބަންދުކޮށްފައިވަނީ އެތަނުގައި މީހުންނާ އިންޓަވިއުކުރުމަށް ހަދާފައި ހުންނަ ތަނެއްގައެވެ. ނައީމާއްތަ ހައްޔަރުކުރުމަށްފަހު ފުލުހުންނަށް އެކިފަހަރުމަތިން ގޮވާލުމުންވެސް ޑިއުޓީގައި ތިބި އެއްވެސް މީހެއްގެ ސަމާލުކަމެއް ދީފައިނުވެއެވެ. އަދި ފާޚާނާއަށް ދިއުމަށްވެސް ނައީމާއްތަ އެތަނުން ނެރެދީފައިވަނީ އަނެއްދުވަހުގެ ހެނދުނުއެވެ. ނައީމާއްތަ ހައްޔަރުކުރީ ބިއްލޫރި ޖަހާފައިވާ ތަނެއްގައި ކަމުގައިވާތީ ހެނދުނު އިރުއެރުމާއެކު އެތަނުގެ ހޫނު ގަދަކަން އިތުރުވެގެންދިޔައެވެ. އަދި ކާން ނުވަތަ ބޯނެ އެއްވެސް އެއްޗެއް ނުދީ ފެންވެސް ދީފައިވަނީ އަނެއްދުވަހުގެ ހެނދުނު 11 ގެ ފަހުންނެވެ. އަދި ނައީމާއްތަ ގަވާއިދުން ކާ ބޭސް ފޯރުކޮށްދިނުމަށް ފުލުހުން ހުރަސްއެޅިއެވެ. ހެނދުނު ނައީމާއްތައްއަށް ހޭލެވުނީ އެކޮޓަރިއަށް ބިދޭސީ 2 ފިރިހެނަކު، އިތުރު އަންހެން ފުލުހަކާ ނުލައި ވަނުމާއެކުގައެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހުންގެ މިފަދަ އަސާސީ ޙައްޤުތަކުން އެމީހުން މަޙްރޫމް ކުރުމަކީ ކަނޑައެޅިގެން ފުލުހުންގެ ޤާނޫނާ ޚިލާފް އަނިޔާވެރި ރަޙުމްކުޑަ ޢަމަލެކެވެ. ފުލުހުންގެ ބެލުމުގެ ދަަށަށް އާންމުން ގެންދެވުނު ނަމަވެސް އެއީ އަނިޔާވެރިވުމަށް ފުލުހުންނަށް ދެވޭ ހުއްދައެއްނޫނެވެ.

މީހުން ހައްޔަރުކުުރުމުގައި ފުލުހުން ޢަމަލުކުރަންވީ ގޮތާއި ހައްޔަރުގައި ބެހެއްޓޭ މީހުންނާމެދު ޢަމަކުރަންވީ ގޮތްތައް ކަނޑައެޅިފައިވާއިރު އެ އުޞޫލުތަކާ ޚިލާފަށް ކަންކަން ހިނގަމުންދާކަން ތަކުރާރުކޮށް ހައްޔަރީންގެ ކިބައިން ހާމަވާހިނދު، އެފަދަ ކަންކަމާ މެދު ޕޮލިސް ކޮމިޝަނަރާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ހިމޭނުންތިބުމަކީ ލަދުވެތި ކަމެކެވެ. ރެޔާ ދުވާލު މީހުންގެ ޙައްޤުތައް ފުލުހުން އަނިޔާވެރިކޮށް ނިގުޅާއިގަންނަމުން ދާއިރު، އެފަދަ ވާހަކަތައް ހާމަ ކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަަމަށް ބުނެ އިންޒާރުދީ ބިރުދެއްކުމުގެ ގޮތުން ޕޮލިސް ކޮމިޝަނަރު ދައްކަވަނީ ނާތަހުޒީބު ވާހަކަތެކެވެ. އެފަދަ ކަންކަމުން ދުރުވެ، ކޮމިޝަނަރާއި މިނިވަން މުވައްސަސާތަކުގެ ވެރިންނާ ޤަނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާ ކުރުމަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކެޓޭރިއެޓް
ތާރީޚް: 13 އޯގަސްޓު 2017