އެއްވުންތަކުން މީހުން ހައްޔަރުކުރަނީ ޞުލްޙަވެރި ސިޔާސީ ޙަަރަކާތްތަކަށް ހުރަސް އެޅުމަށް

ބުރާސްފަތިދުވަހުގެރޭ އެމްޑީޕީ ހަރުގެ ކުރިމަތީގައި އޮތް ޞުލްޙަވެރި ސިޔާސީ ޙަރަކާތުގައި ބައިވެރިވުމާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ މެންބަރު އަޒްރާ މޫސާއާއި، މާލޭ ސިޓީ ކައުންސިލްގެ ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީގެ މެންބަރު ޒާހިޔާ ޢަބްދުﷲ އާއި އެމްޑީޕީގެ ތިނަދޫ ދެކުނު ދާއިރާ ރައީސް ޒިފްލީން އިސްމާޢީލް އާއި، އިނގުރައިދޫ ދާއިރާގެ ރައީސް ހަސަން އަޙްމަދާއި، އައްޑޫ ސިޓީ ފޭދޫ ދާއިރާ ރައީސް މުޙައްމަދު ނިހާދައި، ގަލޮޅު ދެކުނު ދާއިރާ ނައިބު ރައީސް ޢަބްދުލް މަޖީދު ފުލުހުން ހައްޔަރުކޮށްފައިވަނީ ޤަނޫނާ ޚިލާފަށް ޞުލްޙަވެރި ސިޔާސީ ޙަރަކާތްތަކަށް ހުރަސް އެޅުމަށެވެ.

ޤަނޫނު ތަންފީޒުކުރާ މުވައްޒަފަކަށާއި ޤާނޫނު ހިންގުމަށް ހުރަސް އެޅި ކަމަށް ތުހުމަތުކޮށް މިއަދު އެ ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ފުލުހުން ކޯޓުގައި އެދުނު ނަމަވެސް ފުލުހުން ތުހުމަތު ކުރި އެއްވެސް ކަމެއް ސާބިތުކޮށްދެވިފައިނުވާތީވެ، ކޯޓުން ވަނީ އެފަރާތްތަކަށް ޤަނޫނާ ޚިލާފް އެއްވެސް ޢަމަލެއް ނުހިންގުމަށް ޝަރުތުކޮށް ބަންދުން ދޫކުރުމަށް ފުލުހުންނަށް އަމުރުކޮށްފައެވެ. މީގެ އިތުރުން ފާއިތުވީ ހަފްތާގެ ތެރޭގައި ހައްޔަރުކުރި މި ޕާީޓގެ ކެނދިކުޅުދޫ ދާއިރާ ރައީސް އަޙްމަދު އީސާވެސް ވަނީ ބަންދުން ދޫކުރުމަށް އަމުރުކޮށްފައެވެ. އެހެންކަމުން ޞުލްޙަވެރި ޙަރަކާތްތަކުން މީހުން ޓާގެޓްކޮށްގެން ފުލުހުން ހައްޔަރުކުރަނީ ޤާނޫނާ ޚިލާފަށް މި އެއްވުންތަކަށް ހުރަސް އެޅުމަށްކަން ސާބިތުވެއެވެ.

ސިޔާސީ ޕާޓީތަކުން ހިންގާ ޞުލްޙަވެރި ސިޔާސީ ޙަރަކާތްތަކަށް ހުރަސްއެޅުމަށް ޕާޓީގެ މެންބަރުންނާއި، މިފަދަ ޙާރަކާތްތަކުގައި ބައިވެރިވާ ފަރާތްތައް ޤާނޫނާ ޚިލާފަށް ހައްޔަރުކުރަމުންދާތީ މި ޕާޓީން ކަންބޮޑުވަމެވެ. އަދި ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް އާންމުންނަށް އަނިޔާ ކުރަމުންދާތީ އެފަދަ ޤާނޫނާ ޚިލާފް ޢަމަލުތައް ހުއްޓާލުމަށް ފުލުހުންގެ މުވައްސަސާއަށް ގޮވާލަމެވެ. އަދި ތަކުރާރުކޮށް އާންމުންގެ ފަރާތުން ލިބޭ މައުލޫމާތުތަކަށް ބަލައި ފުލުހުންގެ ޢަމަލުތަކާމެދު ފުރިހަމަ ތަޙްޤީޤް ހިންގުމަށް އެ މުވައްސަސާގެ ވެރިންނަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އިލްތިމާސް ކުރަމެވެ.