އާންމު ރައްޔިތުންނަށާއި ނޫސްވެރިންނަށް އަނިޔާވެރި ނުވުމަށް ގޮވާލުން

ދިވެހިރާއްޖޭގެ 52 ވަަނަ މިނިވަން ދުވަހު ދިވެހި ފުލުހުން އާންމު ރައްޔިތުންނާއި ނޫސްވެރިންނާމެދު އަނިޔާވެރިކަން އިސްކޮށް ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް ހުރަސްއަޅާފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން އެކަން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.

ބުދަ ދުވަހު ހަވީރާއި ރޭގަނޑު އެމްޑީޕީ ހަރުގޭގައި އާންމުންނަށް ހުޅުވާލައިގެން ބޭއްވި ހަވީރު ސަޔަށާއި ޞުލްޙަވެރި އެއްވުމަށް ފުލުހުން ހުރަސް އަޅާފައިވަނީ ޤާނޫނު އަސާސީއާއި ޤާނޫނު ތަކާ ޚިލާފަށެވެ. ބުދަ ދުވަހު ޖުމްލަ 11 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ. އަދި އެމްޑީޕީ ހަރުގެއިން ނުނިކުމެވޭ ގޮތަށް އެތަނުގެ ދޮރުލައްޕައި އެތަނުގައި ތިބި މީހުން ރަހީނުކޮށް، ހަރުގެ ތެރެއަށް ބޯކޮށް މިރުސްދިޔަ ޖަހައި އެންމެންގެ ނޭވާ ހާސްކޮށް އަނިޔާވެރިވެފައިވެއެވެ.

އާންމުންނާމެދު ފުލުހުން ޢަމަލުކުރަމުން އަންނަ ގޮތުގެ އިތުރުން ފުލުހުން އަންނަނީ މީޑިޔާގެ މިނިވަންކަމަށް ހުރަސްއަޅަމުންނެވެ. ޚިޔާލުފާޅު ކުރުމާއި މީޑިޔާގެ މިނިވަންކަމަމީވެސް ޤާނޫނު އަސާސީން ލިބިދީފައިވާ އަސާސީ ޙައްޤެއް ކަމަށްވީހިނދު، އެ މަަސައްކަތް ކުރާ ނޫސްވެރިން ހިފާ ހައްޔަރުކޮށް، ޕެޕާސްޕްެރޭ ޖަހައި، އެމީހުންގެ ތަކެތި އަތުލައި އެ ތަކެއްޗަށް ގެއްލުން ދިނުން ފަދަ ކަންކަމަކީ ފުލުހުންގެ ކިބައިން ފެނިގެންވާނެ ޢަމަލުތަކެއްނޫނެވެ. މިފަދައިން ފުލުހުން ކަންކަން ކުރުމުން ފުލުހުންގެ މުވައްސަސާއާމެދު ރައްޔިތުންގެ ހިތްތަކުގެ ނަފްރަތު އުފެދޭނެއެވެ. އަދި މިއަދުގެ ޓެކްލޮޖީގެ އެހީގައި މި މަންޒަރުތަކަކީ ފޮރުވިފައިވާ މަންޒަރުތަކެއްވެސް ނޫނެވެ.

ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާނުލައި ޞުލްޙާވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ ދިވެހި ރައްޔިތަކަށް ޤާނޫނު އަސާސީން ލިބިދީފައިވާ ހިނދު، ޣައިރު ޤާނޫނީ ޤަވާއިދުތަކާއި އަމުރުތަކަށް ފުލުހުން ތަބާވެ ހިންގަމުން އަންނަ ކަންކަން ހައްދުން ނެއްޓިފައިވާކަން ފާހަގަކުރަމެވެ. ބާރު ބޭނުން ކުރުމުގެ އުޞޫލުތަކާ ޚިލާފަށް އާންމުންގެ މޫނަށާއި ގަޔަށް ޕެޕާ ސްޕްރޭ ޖެހުމާއި މުގުރު ބޭނުން ކުރުން ފަދަ އަނިޔާވެރި ޢަމަލުތައް ވަކިވަކި ފުލުހުންގެ ކިބައިން ފެންނަކަމީ ކަންބޮޑުވާ ކަމެކެވެ. އަދި ފުލުހުން ޢަމަލުކުރަނީ ކޮން އުސޫލުތަކެއްގެ މަތިންތޯ ސުވާލުކުރުމުން އެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ހަޑިހުތުރު ބަހުރުވައިން ވަކިވަކި ފުލުހުން މުޢަމަލާތް ކުރާ ކަން ފާހަގަ ކުރަމެވެ.

ފުލުހުން އާންމުނާމެދު އަނިޔާވެރިވެ އެފަދަ ޢަމަލުތަކުގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބޭނެ މަންފާއެއް ނޯންނާނެއެވެ. ދިވެހިރާއްޖޭގައި އިންސާފު ޤާއިމުކުރެވި، މިފަދަ ޢަމަލުތައް ބެލޭނެ ދުވަހެއްވެސް އަންނާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އަދި ވަކިވަކި ފުލުހުންގެ ޢަމަލުތައް ބަލައި އެ ފަރާތްތަކާމެދު އަދަބުވެސް ދެވޭނެ ކަމުގައި ދަންނަވަމެވެ. އެހެންކަމުން ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤުތައް ހިމާޔަތް ކުރުމުގައި ދެމިތިބުމަށް ދިވެހި ފުލުހުންނަށް ގޮވާލަމެވެ. އަދި ފުލުހުންގެ ޢަމަލުތައް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ބަލައި ފިޔަވަޅު އެޅުމަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކެޓޭރިއެޓް
ތާރީޚް: 27 ޖުލައި 2017