ޖުމްހޫރީ ޕާޓީގެ މައި އޮފީސް ފުލުހުން ވަނީ ހިޞާރުކޮށްފަ

އަންގާރަ ދުވަހުގެރޭ ޖުމްހޫރީ ޕާޓީގެ މައި އޮފީސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެތަން ބަލައި ފާސްކުރުމަށްފަހު ބަލައި ފާސްކުރުން ނިމުނު ކަމަށާއި ތުހުމަތު ކުރެވޭ މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމުގެ ލިޔުން ޖުމްހޫރީ ޕާޓީއާ ހަވާލުކުރުމަށްފަހު އަދިވެސް އެ އޮފީސް ފުލުހުންގެ ބެލުމުގެ ދަށުގައި، ކޯޓު އަމުރާ ޚިލާފަށް ހިޞާރުކޮށްފައިވާތީ އެކަން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުށްވެރިކުރަމެވެ.

ޖުމްހޫރީ ޕާޓީގެ މައި އޮފީސް ފުލުހުން ބަލައި ފާސްކުރުމަށްފަހު މ. ކުނޫޒް ވަނީ ޖުމްހޫރީ ޕާޓީއާ އަނބުރާ ހަވާލުކޮށްފައެވެ. މިހާރު އެ އޮފީހުގެ އެއްވެސް މުވައްޒަފަކަށް އަދި ޕާޓީގެ އިސް ފަރާތަކަށްވެސް އެ އިމާރާތަށް ނުވަދެވޭނެ ކަމަށް އަންގައި އޮފީހަށް ވަނުމަށް ފުލުހުން ވަނީ ހުރަސް އަޅާފައެވެ. މިކަމާ ގުޅިގެން ފުލުހުންނާ ސުވާލުކުރުމުން ބުނެފައިވަނީ އެއީ އަނގާރަދުވަހުގެރޭ ބަލައި ފާސްކުރުމަށް ލިބިފައިވާ އަމުރުގެ ދަށުން ކަމުގައެވެ.

އަންގާރަ ދުވަހުގެރޭ މ. ކުނޫޒް އަނބުރާ ޖުމްހޫރީ ޕާޓީއާ ޙަވާލުކޮށްފައިވީނަމަވެސް، ބާރު ކެނޑިފައިވާ ކޯޓު އަމުރެއްގެ ދަށުން ފުލުހުން މިހާރު އަންނަނީ އެ ޢިމާރާތަށް ވަންނަން މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް އެއް އަމުރެއްގެ ދަށުން އެއްފަހަރަށްވުރެ ގިނަ ފަހަރު އެތަނަށް ނުވަތަ ތަންތަނަށް ވަދެވޭނެނަަމަ އެކަން އެ ކޯޓު އަމުރުގައި ބަޔާންކޮށްފައި އޮންނަން ޖެހޭނެ ކަމުގައި ޖިނާޢީ އިޖްރާއަތުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ ހ(9)ގައި ބަޔާންކޮށްފައިވާ ހިނދު، މިހާރު ފުލުހުން އެތަނަށް ޖުމްހޫރީ ޕާޓީގެ އޮފީހުގެ މީހުން ވަނަނުދީ ހިފަހައްޓަމުންދަނީ ޤާނޫނާ ޚިލާފަށެވެ. އެހެންނަމަވެސް އަންގާރަދުވަހުގެރޭ ފުލުހުން ހުށަހެޅި ކޯޓު އަމުރުގައި އެފަދަ އެއްވެސް ވާހަކައެއް ނެތެވެ. އެހެންކަމުން ފުލުހުން މިހާރުވަނީ ޖުމްހޫރީ ޕާޓީގެ އޮފީސް ހިޞާރުކޮށްފައެވެ.

ޖުމްހޫރީ ޕާޓީގެ މައި އޮފީސް ފުލުހުން ހިޞާރުކޮށްފައިވާ މި ވަގުތުގައި އެތަނުގައި އެއްޗެއް ޕްލާންޓްކުރުން ފަދަ ކަންކަން ހިނގާފާނެތީ ކަންބޮޑުވަމެވެ.

މި ދަނޑިވަޅުގައި ޖުމްހޫރީ ޕާޓީގެ އޮފީސް ބަލައި ފާސްކުރުމަށް އެ ޕާޓީގެ ސެކެޓަރީ ޖެނެެރެލް އަޙްމަދު ސަމީރު ހުރަސް އަޅާ ކަމަށް ބުނެ ފުލުސް އޮފީހަށް 27 ޖުލައި ގައި ހާޒިރުވުމަށް އަންގާފައިވަނީ އެއްވެސް ހަމައެއް ނެތި، ސިޔާސީ ޕާޓީ ތަކުގެ ވެރިންނަށް ބިރުދެއްކުމަށާއި ސުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމަށް ކުރަސް އެޅުމަށެވެ.

މ. ކުނޫޒުގައި މިވަގު ހިންގާ ސިޔާސީ ޙަރަކާތްތަކަކީ ދިވެހިރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތައް ގުޅިގެން، ރާއްޖޭ ރައްޔިތުން ތާޢީދާއެކު ހިންގޭ ޙަރަކާތްތަކެއްކަމުގައިވާތީ، މިފަދަ ދަނޑިވަޅެއްގައި ވަކި ފަރާތެއްގެ މަޞްލަޙަތު ހިމާޔަތް ކުރުމަށް ކުރެވޭ މިފަދަ ޣައިރު ޤާނޫނީ ކަންކަމުގައި ފުލުހުންގެ މުވައްސަސާއިން ހިއްސާވާތީ އެކަމާ ކަންބޮޑުވަމެވެ. މިނިވަންކަމާއެކު ޞުލްޙަވެރި ސިޔާސީ ޙަރަކާތްތައް ހިންގުމުގެ ޙައްޤު ސިޔާސީ ޕާޓީތަކަށް ލިބިދީފައިވާހިނދު، ފުލުހުންގެ މިފަދަ ނޭއްގާނީ ޢަމަލުތަކުން ރައްޔިތުންގެ ހިތްތަކުގައި ފުުލުހުންގެ މުވައްސަސާއާމެދު ނަފްރަތު އުފެދިގެންދާނެއެވެ. އެހެންކަމުން މި ދަނޑިވަޅުގައި ޤާނޫނުގައިވާ ގޮތުގެ މަތިން ފުލުހުން ޢަމަލުކޮށް ޖުމްހޫރީ ޕާީޓީއާ އެ ޕާޓީގެ އިދާރީ ހިންގުމާއި ސިޔާސީ ޙަރަކާތްތައް ހިންގާ އޮފީސް ޙަވާުލުކުރުމަށް ފުލުހުންނަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: ގުޅިފައިވާ ސިޔާސީ ޕާޓީތައް
ތާރީޚް: 27 ޖުލައި 2017