މުޒާހަރާތައް ބްރޯޑްކާސްކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ބުނެ ބްރޯޑްކާސްޓިން ކޮމިޝަނުން ދީފައިވާ އިންޒާރު ޤާނޫނު އަސާސީއާ ޚިލާފް

ޤާނޫނާ ޚިލާފް މުޒާހަރާތައް ވަގުތުން ދުރަށް ގެނެސްދޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެ ބްރޯޑްކާސްޓިން ކޮމިޝަނުން ބްރޯޑްކާސްޓަރުންނަށް ދީފައިވާ އިންޒާރު ކުށްވެރިކުރަމެވެ. އަދި މިއީ ޣައިރު ޤާނޫނީ، ޒިންމާދާރުކަން ކުޑަ، ނާތަހުޒީބު ނިންމުމެކެވެ.

ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ އަސާސީ ޙައްޤުތަކަށް އަރައިގަނެ، އެ ޙައްޤުތައް ހަނިކުރުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިދީފައިނުވާ ހިނދު، ޤާނޫނު އަސާސީގެ ބާރު ކަނޑުވާލައި ދައުލަތުގެ އެކިއެކި ވުޒާރާތަކުން ނިންމާ ޣައިރު ޤާނޫނީ ނިންމުންތަކުގެ މައްޗަށް ބިނާކޮށް ހިންގާ ޖަރީމާތަކުގައި ބްރޯޑްކާސްޓިން ކޮމިޝަނުން ޢަމަލީ ގޮތުން ބައިވެރިވަމުން އަންނަކަމީ ކަންބޮޑުވާ ކަމެކެވެ.

ނޫސްވެރިކަން ކުރުމާއި، މުޢާޞަލާތީ ވަޞީލަތްތައް ބޭނުންކުރުމުގެ މިިނިވަންކަމާއި، ޚަބާރާއި މައުލޫމާތު ފެތުރުމުގެ މިނިވަންކަން ޤާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ވަރަށް ސާފުކޮށް ލިބިދީފައިވާހިނދު، އެ މާއްދާއާ ޚިލާފަށް އުފެއްދޭ ކޮންމެ ޤާނޫނަކީ އަދި ޤަވާއިދަކީ ބާޠިލް ޤާނޫނާއި ޤަވާއިދުތަކެވެ. އަދި އެފަދަ ޣައިރު ޤާނޫނީ ނިންމުތަކުގެ މައްޗަށް ބިނާކޮށް މިނިވަން މުވައްސަސާތަކުން ނިންމާ ނިންމުންތައްވެސް ބާޠިލްވާނެއެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މިޝަންއަކީ ޤައުމު ބިނާ ކުރުމާއި ޑިމޮކްރެސީ ޢާލާކުރުމަށް މަގުފަހިކޮށްދިނުން ކަމުގައިވާއިރު، މިއަދު ކޮމިޝަންވަނީ ޢަބްދުﷲ ޔާމީންގެ މަސްލަޙަތު ހިމާޔަތްކުރާ ޑިމޮކްރަސީގެ އެއްބާރު ކަމުގައިވާ މިޑީޔާތައް އިނދަ ޖައްސާ ކޮމިޝަނަކަށްވެފައެވެ.

ދިވެހިރާއްޖޭ މިއަދުގެ ޙާލަތަށް ބަލައި، ދިވެހިރައްޔިތުންނަށް ސާފު މައުލޫމާތާއި ޚަބަރު ލިބިގަތުމުގެ ޙައްޤުން މަހްރޫމް ކުރުމުގެ ބާރު ބްރޯޑްކާސްޓިން ކޮމިޝަނަށް ލިބިގެން ނުވެއެވެ. އެހެންކަމުން މިފަދަ ޣައިރު ޤާނޫނީ ނިންމުންތަކަށް ޢަމަލުކުރުމަކީ ވެސް ކުރަންޖެހޭނެ ކަމެއް ނޫން ކަމުގައި މި ޕާޓީން ދެކެމެވެ. އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އެންމެ މުހިއްމު އެއް އަސާސީ ޙައްޤުކަމުގައިވާހިނދު، އެ ފަދަ ސުލްޙަވެރި އެއްވުންތައް ބްރޯޑްކާސްޓްކުރުން ހުއްޓުވިގެންނުވާނެއެވެ. ޤާނޫނުން މަތިކޮށްފައިވާ ޒިންމާތައް ފުރިހަމަ ކުރުމަށް ފަސްޖެހިވަޑާއިގަންނަވާނަމަ، އެ މަޤާމުތަކުން އިސްތިއުފާ ދެއްވުމަށް ކޮމިޝަންގެ މެންބަރުންނަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކެޓޭރިއެޓް
ތާރީޚް: 20 ޖުލައި 2017