ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ނޫސްބަޔާން

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2017/SC-C/17 ނަންބަރު ޤަޟިއްޔާއިން ސިޔާސީ ޕާޓީއެއްގެ ޓިކެޓެއްގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރެވޭ މެމްބަރަކު އެ މެމްބަރު އިންތިޚާބުވި ސިޔާސީ ޕާޓީއިން ވަކިވުމުން، ނުވަތަ އިންތިޚާބުވި ސިޔާސީ ޕާޓީއިން ވަކިކުރުމުން، ނުވަތަ އިންތިޚާބުވި ސިޔާސީ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭނެކަމަށް ކޮށްފައިވާ ޙުކުމުންނާއި ސުޕްރީމް ކޯޓުގެ 2017/SC-SJ/09 ނަންބަރު ކޯޓު އަމުރުން އެ ޙުކުމުގެ ކުރިން އިންތިޚާބުވި ސިޔާސީ ޕާޓީއިން ވަކިވުމާއި، ވަކިކުރުމާއި އަދި އެހެން ޕާޓީއަކަށް ބަދަލުވެފައިވާ އެއްވެސް މެމްބަރަކަށް އެ ޙުކުމް ތަޠްބީޤުނުކުރެވޭނެ ކަމަށް ޞަރީޙަކޮށް ބަޔާންކޮށްފައިވީނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެ ޙުކުމާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާ، ދިއްދޫ ދާއިރާ، ތުލުސްދޫ ދާއިރާ އަދި ވިލިގިލި ދާއިރާގެ ގޮނޑި ހުސްވެއްޖެކަމަށް ކަނޑައެޅި ކަނޑައެޅުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އެ ހަތަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ ހުށަހަޅާފައެވެ. ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެކަމާމެދު ޚިލާފެއް އުފެދިއްޖެނަމަ އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުންކަން ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން، ޤާނޫނުއަސާސީއާ ޚިލާފަށް އަދި ސުޕްރީމް ކޯޓުގެ ޙުކުމާއި ސުޕްރީމް ކޯޓުގެ އަމުރުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ގޮތް ޞަރީޙަކޮށް ބަޔާންކޮށްފައިވީހިނދު އެ ނިންމުންތަކާ ކަނޑައެޅިގެން ޚިލާފަށް އިލެކްޝަންސް ކޮމިޝަނުން 4 ދައިރާއެއްގެ ރައްްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވެއްޖެކަމަށް ކަނޑައަޅާފައިވާ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވީހާވެސް އަވަހަށް ބައްލަވައިދެއްވުމަށް އެދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިލްތިމާސް ދަަންނަވެމެވެ.