އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ޢިއުލާން ކުރީ ޤާނޫނު އަސާސީއާ ޚިލާފަށް

ރައްޔިތުންގެ މަޖިލިހުގެ 4 މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ނިންމައި ތުލުސްދޫ ދާއިރާއާއި، މަޑުއްވަރީ ދާއިރާއާއި، ވިލިނގިލި ދާއިރާ އަދި ދިއްދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަން ކޮމިޝަނުން ބުދަ ދުވަހު ނިންމާފައިވަނީ ކަނޑައެޅިގެން ޤާނޫނު އަސާސީއާއި ޤާނޫނުތަކާ ޚިލާފަށް އެ ކޮމިޝަނަށް ލިބިދޭ ޤާނޫނީ ބާރުތަކުގެ ބޭރުން ކަމުގައިވާތީ އެކަން އެންމެ ހަރު އަޑުން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ކުށްވެރިކޮށް އެއީ ޣައިރު ޤާނޫނީ ބާޠިލް ނިންމުމެއް ކަމުގައި މި ޕާޓީން ދެކެމެވެ.

ރައްޔިތުންގެ މަޖިލިހުގެ މެންބަރަކު މަޤާމުން ވަކިކުރާން ޖެހިއްޖެ ހިނދެއްގައި ނުވަތަ މެންބަރެއްގެ ގޮނޑި ހުސްވުމާ މެދު ގޮތެއް ކަނޑައަޅާނީ ޤާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބަޔާންކޮށްފައި ފަދައިން ސުޕްރީމް ކޯޓުން ކަމުގައިވާ ހިނދު، އެފަދަ ނިންމުމެއް ކުއްލި ގޮތަކަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ޤާނޫނު އަސާސީއާ ޚިލާފަށެވެ. އަދި އެފަދައިން ކަނޑައެޅުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ދިވެހިރާއްޖޭ އެއްވެސް ޤާނޫނަކުން އަދި ޤަވާއިދަކުންވެސް ލިބިނުދޭކަން ފާހަގަ ކުރަމެވެ.

ރައްޔިތުންގެ މަޖިހުގެ 4 މެންބަރުންގެ ގޮނޑި ހުސްކުރުމާ މެދު އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލިހުގެ ލަފަޔަކަށް ބުދަ ދުވަހު އެދިފައިވާ ކަމާއި އެއީވެސް އެ ކޮމިޝަނަށް ލިބިދޭ ބާރެއް ނޫނެވެ. އަދި އެކަމާ މެދު ގޮތެއް ނިންމުމުގެ ބާރު ޚުދު ރައްޔިތުންގެ މަޖިލިހަށްވެސް ޤާނޫނު އަސާސީން ލިބިދީފައި ނުވެއެވެ.

މިދުވަސްވަރުގައި އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަމުގެ ތެރޭގައި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ޢަބްދުﷲ ޔާމީންގެ ފެކްޝަނުން އަންގާރަ ދުވަހުގެރޭ ބައްދަލުވުމެއް ބާއްވައި އެ ޕާޓީން މީގެ ކުރިިން ވަކިކޮށްފައިވާ މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ނިންމުމާއެކު އަވަސް އަރުވާލައިގެން އިލެކްޝަންސް ކޮމިޝަނުންވެސް ހަމަ އެގޮތަށް ނިންމުމުން ކޮމިޝަންގެ މުސްތަޤިއްލުކަމާމެދު ސުވާލު އުފެދެއެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ މިފަދަ ޢަމަލުތަކުން އެއީ ސީދާ ޢަބްދުﷲ ޔާމީން ވިދާޅުވީމާ އެގޮތަކަށް ކަންކަން ކުރަން ތިބި ބައެއްކަން ހާމަވެއެވެ.

ދިވެހިރާއްޖޭގެ ކަންކަން އިންތިހާއަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި ކަންކަން އިސްލާޙްކުރުމުގެ ބާރުތައް ލިބިދީފައިވާ މިނިވަން މުވައްސަސާތަކުން މިފަދައިން ޢަަމަލުކުރަމުންދާތީ އެކަމާ މެދު މި ޕާޓީން ކަންބޮޑުވެއެވެ. މިފަދަ ޣައިރު ޤާނޫނީ ޢަމަލުތަކުގެ ސަބަބުން ޤައުމުގެ ހަމަޖެހުމަށާއި ތަރައްޤީއަށް އަސަރުކުރާނެއެވެ. ވީމާ، އިލެކްޝަންސް ކޮމިޝަނާ ޤާނޫން މަތިކޮށްފައިވާ ޒިންމާތައް އަދާ ކުރުމަށާއި ވަކި ފަރާތެއްގެ މަސްލަޙަތު ހިމާޔަތް ކުރުން ހުއްޓާލުމަށް ގޮވާލަމެވެ. އެފަދަައިން ޢަމަލުކުރުމަށް އުޒުރުވެރިވާނަމަ ކޮމިޝަންގެ މެންބަރުން އިސްތިއުފާ ދެއްވުމަށް ގޮވާލަމެވެ. ވަކިން ޚާއްސަކޮށް ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި ކުރީގެ ޕީޕަލްސް އެލައިންސް، ޕީ.އޭގެ މެންބަރު އަޙްމަދު ސުލައިމާން މިހާރުވެސް ޢަބްދުﷲ ޔާމީނަށް ވަފާތެރިވެ، އިލެކްޝަންސް ކޮމިޝަން ނަހަމަ ގޮތުގައި ބޭނުންކުރައްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓާލެއްވުމަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކެޓޭރިއެޓް
ތާރީޚް: 20 ޖުލައި 2017