ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން މިނިވަން ކުރުމަށް ގޮވާލަން

ރައްޔިތުންގެ މަޖިލިހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ނުޙައްޤުން، ޤާނޫނީ އިމުގެ ބޭރުން ސިޔާސީ މަންފާއެއް ޙާސިލްކުރުމަށް ހައްޔަރުކޮށްފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން އެކަން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް ޢަބްދުﷲ މަސީޙްގެ އިތުބާރު ނެތްކަމުގެ ވޯޓުގެ މައްސަލާގައި އެންމެ އިސްވެ މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް، އެއްވެސް ހެއްކެއް ޤަރީނާއެއް ނެތި، އެ ވޯޓަށް ނުފޫޒު ފޯރުވުމަށާއި، މެންބަރުންނަށް ބިރު ދެއްކުމަށް ސީދާ ޢަބްދުﷲ ޔާމީންގެ އެންގުމަށް މި ހިންގާ ޖަރީމާތައް ބަލައިނުގަނެވޭނެއެވެ.

ދިވެހިރައްޔިތުން އިންތިޚާބުކޮށްފައިވާ ރައްޔިތުންގެ މަންދޫބުންނަށް ބިރުދައްކައިގެން، ޣައިރު ޤާނޫނީ ވެރިކަމެއްކޮށް، ވެރިކަމުގެ ނިޒާމް ގަޑުބަޑުކޮށް މިހިންގާ ކަންކަމަކީ ޢަބްދުﷲ ޔާމީން އަމިއްލަ ނަފްސުގެ ދިފާޢުގައި ކުރައްވަމުން ގެންދަވާ ކަންކަމެވެ.

ފާއިތުވީ އަހަރުތަކުގައި ދިވެހިރާއްޖޭގެ ޙާލަތު އެތައް ގޮތަކުން ދަށަށް ގޮސް، ދިރިއުޅުމުގެ އަގު އިންތިހާއަށް އުފުލި، ޤާނޫނުގެ ވެރިކަން ނައްތާލައި، ދައުލަތުގެ މުވައްސަސާތަކުގެ ބާރު ކަނޑުވާލަމުން ގެންދާތީވެ، ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ޖަވާބުދާރީ ކުރުވުމުގެ ޙައްޤުން މަޙްރޫމް ނުކުރެވޭނެއެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޤާނޫނީ ޒިންމާ ރައްޔިތުންގެ މަޖިލިހަށް ލިބިދޭން ޖެހޭ ކަމަށް ދެކެމެވެ. އެފަދައިން، ރައްޔިތުންގެ މަޖިލިހުގެ ރައީސް ޢަބްދުﷲ މަސީޙްގެ އިތުބާރު ނެތްކަމުވެ ވޯޓަށް ހުރަސް އެޅުމުގެ ގޮތުން ކުރެވޭ މިފަދަ ކަންކަމަކީ ޤާނޫނާ ޚިލާފް ކަންކަމެކެވެ.

ސަރުކާރުން މި ހިންގާ ކަންކަމަކީ ރައްޔިތުންގެ މަޖިލިހުގެ ރައީސް ޢަބްދުﷲ މަސީޙްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޕީޕީއެމްއަށް ނިސްބަތްވާ އެތައް މެންބަރުންތަކެއް އެ ޕާޓީން ވަކިވެ، ސިޔާސީ ހުރިހާ ލީޑަރުން އެކުގައި މަސައްކަތް ކުރެއްވުމާއެކު ޢަބްދުﷲ ޔާމީންގެ ސިޔާސީ ގޮތުން އެތައް ގުނައަކުން ބަލިކަށިވެ، ރައްޔިތުންގެ ކުރިމަތީގައި އިތުބާރާއި ޤަދަރު ގެއްލެމުންދާތީވެ، ގަދަ ބާރުން ވެރިކަމުގައި ހުންނެވުމަށް ކުރައްވާ ކަންކަން ކަމުގައި މި ޕަޓީން ދެކެމެވެ.

ސިޔާސީ ލީޑަރުން ހައްޔަރުކޮށް، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް ހައިޖެކްކޮށް، ރައްޔިތުންނަށް އަނިޔާވެރިވުމުން ޢަބްދުﷲ ޔާމީންގެ ވެރިކަމަށް ލިބޭނެ މަންފާއެއް ނޯންނާނެއެވެ. އެފަދަ ކަންކަމުގެ ސަބަބުން ދައުލަތް ބަލިކަށިވެ، ދެމެހެއްޓެނިވި ހަމަޖެހުން ދިވެހިންނަށް ހޯދައިދިނުމަށް މިވަނީ ހުރަސްއެޅިފައެވެ. އެހެންކަމުން ރޭވިގެން މިހެންގޭ ޚުދުމުހުތާރު ޢަމަލުތައް ހުއްޓާލައި، މިފަދަ ޣައިރު ޤާނޫނީ އެއްވެސް ރޭވުމެއްގައި ފުލުހުންނާއި ދައުލަތުގެ އެއްވެސް މުވައްސަސާއަކުން ބައިވެރިނުވުމަށް ގޮވާލަމެވެ. އަދި މިހާރުން މިހާރަށް ފާރިސް މައުމޫން މިނިވަން ކުރުމަށް ގޮވާލަމެވެ. އަދި މި އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ކުރަމުން ގެންދާ މަސައްކަތުގައި މި ޕާޓީން ދެމި ތިބޭނެ ކަމުގައި ޔަޤީންކަން އަރުވަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކެޓޭރިއެޓް
ތާރީޚް: 18 ޖުލައި 2017