ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ނޫސް ބަޔާން

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ކުއްލި ބައްދަލުވުމެއް މިއަދުގެ ވަގުތެއްގައި ބޭއްވުމަށް ހަމަޖެހިފައިވާކަމުގެ މަޢުލޫމާތު އަޅުގަނޑުމެންނަށްވަނީ ލިބިފައެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާގޮތަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކީ އެމަނިކުފާނުގެ މަޤާމުގެ ހައިސިއްޔަތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރެއްކެވެ.
ރައްޔިތުންގެ މަޖިލީހުގެ 45 މެންބަރުން ސޮއިކުރައްވައި 3 ޖުލައި 2017 ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. އަދި އެމައްސަލަ މަޖިލީހުގެ އިދާރާއިން ބަލައިގަނެ، މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިން މައްސަލައިގެ ނޯޓިސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވަނީ ފޮނުވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަން ފާސްކުރަން ބޭނުންވާ އަދަދަކީ 42 މެންބަރުންގެ ވޯޓު ކަމުގައިވާއިރު މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙުގެ އިތުބާރު ނެތްކަމަށް 45 މެންބަރުން ސޮއިކޮށް ހުށަހެޅުމުގެ ނަތީޖާއަކީ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަން ޖުމްލަ މެންބަރުންގެ އަޣްލަބިއްޔަތަށްވުރެ ގިނަ އަދަދެއްގެ މެންބަރުން ޤަބޫލުކޮށް، ސޮއިކޮސް އިޤުރާރުވެ، އެކަން ހާމަކުރުމެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއެކު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައްވެސް ވަނީ މިހާރު މެދުކަނޑާލާފައެވެ. ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތަށްވުރެ ގިނަ މެންބަރުން މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމަށް ޤަބޫލުކުރާ ހިނދު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އެވޯޓާ ގުޅިގެން ގޮތެއް ނިންމުމުގެ ކުރިން ރައްޔިޔުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނަށް މަޤާމުގެ ރަސްމީ އެއްވެސް ވާޖިބެއް އަދާކޮށްގެންނުވާނެއެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކީ މަޤާމުގެ ހައިސިއްޔަތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ހިމެނޭ ބޭފުޅަކަށްވާތީ، އެމަނިކުފާނުގެ އިތުބާރުނެތްކަމުގެ ވޯޓާމެދު މަޖިލީހުން ގޮތެއް ނިންމުމުގެ ކުރިން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ އެއްވެސް ބައްދަލުވުމެއްގައި އެމަނިކުފާނަށް ބައިވެރިވެވިގެން ނުވާނެއެވެ. އަދި، މިދަނޑިވަޅުގައި އެމަނިކުފާނުގެ ބައިވެރިވުމާއެކު ޖުޑީޝަލް ސަރިވިސް ކޮމިޝަނުން ނިންމާ ނިންމުތައް ޤާނޫނީ ގޮތުން ސައްހަނުވާނެތީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެފަދައިން ޢަމަލުނުކުރެއްވުމަށް އިލްތިމާސްކުރަމެވެ.