އެމް.ޑީ.ޕީ ހދ. އަތޮޅުގެ ދާއިރާތަކުން ނެރޭ ނޫސް ބަޔާން

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރ މުޙައްމަދު ނާޒިމް، އެމް.ޑީ.ޕީން ވަކިވެވަޑައިގެންފި ކަމަށްބުނެ ފަތުރަމުންދާ ދޮގު ވާހަކަ ތަކާއިގުޅޭ ގޮތުން ދަންނަވަމެވެ.

ޢިއްޒަތްތެރި މެންބަރ މުޙައްމަދު ނާޒިމަކީ ފެށުނީއްސުރެ މިހާތަނަށްވެސް އެމް.ޑީ.ޕީއަށް ނުހަނު އިޚްލާޞްތެރި، ދާއިރާގެ އެންމެހާ މެމްބަރުންނާއި މުޅި އެމް.ޑީ.ޕީ ފަޚުރުވެރިވާ ފަދަ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ މެންބަރެކެވެ. އަދި ޚާއްޞަކޮށް ރައީސް ޔާމީނުގެ އަނިޔާވެރިކަމާ ދެކޮޅަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދަވާ އިސްލާޙީ ޙަރަކާތުގައި އިސްދައުރެއް އަދާ ކުރައްވަމުން ގެންދަވާ މެންބަރެކެވެ.

ރައްޔިތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށައެޅިފައިވާ މައްސަލަ އެޖެންޑާކުރެވި، މިވޯޓުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ފާސްވާނެކަން ޕީ.ޕީ.އެމްގެ ދަރުބާރު ފެކްޝަނަށް ޔަޤީން ކުރެވިފައިވުމުން، އިސްލާޙީ ޙަރަކާތުގައި ބައިވެރިވާ މެމްބަރުންގެ ބަދަހި ސަފުތައް ރޫޅާލުމަށް ތަފާތު މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. އެގޮތުން ޢިއްޒަތްތެރި މެމްބަރ މުޙައްމަދު ނާޒިމް އެމް.ޑީ.ޕީން ވަކިވެވަޑައިގެންފި ކަމަށްބުނެ ފަތުރަމުންދާ ވާހަކަ ތަކަކީވެސް މިދެންނެވި ފަދަ އެއްވެސް އަސާސެއް ނެތް ދޮގުވާހަކަ ތަކެއްކަން ދާއިރާގެ އެންމެހާ ރައްޔިތުންނާއި އަދި އެމް.ޑީ.ޕީގެ އެންމެހާ މެމްބަރުންނަށް ޔަޤީންކޮށް އަރުވަމެވެ. ޕީ.ޕީ.އެމް ދަރުބާރު ފެކްޝަނުން ދައްކާ މިބާވަތުގެ އެއްވެސް ވާހަކައަކުން މެންބަރ މުޙައްމަދު ނާޒިމްގެ ޢަޒުމަކަށް ކުޑަވެސް ގުޑުމެއް ނާރާނެކަމުގެ ފުރިހަމަ ޔަޤީންކަން ތިޔަ އެންމެހާ އާންމު މެންބަރުންނަށް އަރުވަމެވެ.

މި ޚުތޫރަތްތެރި ދަނޑިވަޅުގައި ތިޔަ ލޮބުވެތި މެމްބަރުންގެ މެދުގައި ފިތުނަވެރިކަން އުފެއްދުމަށް ދަރުބާރު ފެކްޝަނުން ހިންގާ މިބާވަތުގެ ދަށު ދަރަޖައިގެ ޢަމަލުތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ޙާލު، މިކަންކަމަށް ސަމާލުވެ ތިއްބެވުމަށް އެންމެހާ މެމްބަރުންނަށް ދަންނަވަމެވެ.

ބަޔާންނެރުނީ
އެމް.ޑީ.ޕީ ވައިކަރަދޫ ދާއިރާގެ ރައީސް އަޙްމަދު ހާޝިމް
އެމް.ޑީ.ޕީ ނޮޅިވަރަމް ދާއިރާގެ ރައީސް އިބުރާޙިމް ވަޙީދު
އެމް.ޑީ.ޕީ ހަނިމާދޫ ދާއިރާގެ ރައީސް އަޙްމަދު އާދިލް
އެމް.ޑީ.ޕީ މަކުނުދޫ ދާއިރާގެ ރައީސް އަޙްމަދު މަޢުސޫމް
އެމް.ޑީ.ޕީ ކުޅުދުއްފުށި އުތުރު ދާއިރާގެ ރައީސް ޢަބުދުލް ޣަފޫރު މޫސާ
އެމް.ޑީ.ޕީ ކުޅުދުއްފުށި ދެކުނު ދާއިރާގެ ރައީސް ޙަސަން ޝުޖާޢު