މެންބަރުންގެ ޚިޔާލު:ރައްޔިތުންގެ އެންމެ ދެބަހަކީވެސް މިސަރުކާރުގެ ކުރިމަތީގައި އެގާރަމިލިޔަން ރުފިޔާއަށް ވުރެ މާއަގުބޮޑު އެއްޗެއްކަން ސަރުކާރުން ހާމަކޮށްދީފިއެވެ.

10-10-10

ގއ.ކޮލަމާފުއްޓާއި އެރަށާ އިންވެގެން އުތުރަށް އޮންނަ ކުޑަކުޑަ ފަޅުރަށެއް ކަމަށްވާ ބަބަރާފުއްޓާ ދެމެދު އަޅާފައިވާ ފާލަން .. ކޮލަމާފުށީ ޒުވާނުން އިސްނަގައިގެން މިފާލަން އަޅާފައިވަނީ ބަބަރާފުށީގައި ބޭއްވި ކައިވެނި ހަފްލާއަކަށް ޚާއްސަކޮށްގެން ..
ގއ.ކޮލަމާފުއްޓާއި އެރަށާ އިންވެގެން އުތުރަށް އޮންނަ ކުޑަކުޑަ ފަޅުރަށެއް ކަމަށްވާ ބަބަރާފުއްޓާ ދެމެދު އަޅާފައިވާ ފާލަން .. ކޮލަމާފުށީ ޒުވާނުން އިސްނަގައިގެން މިފާލަން އަޅާފައިވަނީ ބަބަރާފުށީގައި ބޭއްވި ކައިވެނި ހަފްލާއަކަށް ޚާއްސަކޮށްގެން ..

ލިޔުނީ: ފުނަމާ

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ވަކި ޝަރުތު ތަކެއް ހަމަވާ ބައެއް ރަށްތައް އިދާރީ ގޮތުން އެއްކޮށްލުމުގެ ގޮތުން އެރަށްރަށުގެ ރައްޔިތުންގެ މެދުގައި ނެގުނު ފެންނަ ނުފެންނަ ވޯޓު މިވަނީ ނަގާ ނިމިފައެވެ. ވަކި ދުރުމިނެއްގައި އެތުރިފައި އަދި ގާތުން މިހާރަށް ލިބޭންހުރި ޚިދުމަތްތަކާއެކު އިދާރީ ގޮތުން އެއްކޮށްލައި ކުރެވޭ ޚަރަދު ކުޑަކުރުމަކުން ބާކީ ކުރެވޭ ފައިސާއިންނާއި ގުޅާލެވޭ އިދާރީ ދާއިރާތަކަށް ޚާއްސަކޮށްގެން ހިންގޭނެ މުހިންމު މަޝްރޫޢުތަކުގެ ސަބަބުން އެރަށްތަކުގެ ރައްޔިތުންނަށް އިތުރު ކުރިއެރުންތައް ލިބިގެންދާނޭ ގޮތަކަށް ކަންކަން އަމާޒުކުރާނެ ކަމުގައި ސަރުކާރުން ގެންދިޔައީ ބުނަމުންނެވެ.
ނަމަވެސް ރައްޔިތުންގެ މެދުގައި ނެގުނު ވޯޓުގެ ނަތީޖާ ނިކުމެގެން މިއައީ ކުރީންވެސް ހީކުރެވުނު ގޮތަށެވެ. އާދޭހެވެ. ދިވެހީންނަކީ އެއް ނަސްލަކުން އައި އެއްބަހަކުން ވާހަކަދައްކާ އެއްދީނެއްގެ އެއްބަޔެކޭ އަޅުގަނޑުމެން އަބަދުވެސް ބުނެއުޅެމުއެވެ. ނަމަވެސް އެކަކު އަނެކަކާ އެއްރަށާ އަނެއްރަށާ އެއްއަތޮޅާ އަނެއް އަތޮޅާ ޒަމާނުއްސުރެވެސް އޮންނަ ތަފާތުކުރުންތައް ހާމަވެގެން ދަނީ މިފަދަ ކަންކަމުން ވަކަރަށް ޖަހާލެވޭ ހިނދުގައެވެ. ތިމާމެންނަށް ލިބިފައިވާ ވަސީލަތެއް އަނެއް ބަޔަކާއެކު ހިއްސާ ކުރުމުގައި ގެންގުޅޭ ތަފާތުކަމާ އެއްބަޔަކު އަނެއް ބަޔެއްގެ މައްޗަށް ބާރުވެރިވުމުގައި ގެންގުޅެމުންއައި ގޮތްތަކަކީ އަދި މިކުޑަދުވަސްކޮޅުން ބަދަލު ކުރެވޭނެ ކަމެއް ނޫންކަން ގަބޫލުކުރެވިއްޖެއެވެ.
މިކަންކަން ދިވެހީންގެ ކިބައިގައި ހަރުލާފައި މިވަނީ ދެތިން އަހަރެއްގެ ތަޖުރިބާ އަކުން ނޫނެވެ. އެތަކެއް އަހަރުގެ ހިތި ތަޖުރިބާގެ ސަބަބުންނެވެ. މިވިސްނުމާ މިފިކުރު ބަދަލު ކުރުމަކީ ދިވެހީންނަށް މާފަސޭހައިން ކުރެވިދާނެ ކަމެއްވެސް ނޫނެވެ. ބާރުވެރި ރަށްރަށުގެ ސަބަބުން ނިކަމެތިކަން ލިބިގެންދިޔަ ކިތަންމެ ކުދިކުދި އާބާދީއެއް ރާއްޖޭގައި އެބައޮތެވެ. އަތޮޅުވެރިކަން ކުރާ ރަށަކީ އަތޮޅުގެ ނިސްބަތުން ސިޓީއެއްގެ ދަރަޖަދެވި އެރަށްރަށުގެ ރައްޔިތުންނަކީ އަތޮޅުގެ ހަމައެކަނި ގަދަރުވެރީންގެ ގޮތުގައި ބެލެވެމުންދިޔަ ޒަމާން ފަސްދީ ހިނގައްޖެޔޭ ދެންނެވޭކަށް ނެތެވެ. ރަށްރަށުގެ ކަތީބުންނަކީ އަތޮޅު އޮފީހުގެ މަސައްކަތު މީހާގެ އަމުރުގެ ދަށުގައި ހުންނާންޖެހޭ މީހެއްގެ އުސޫލު އަދި ދިވެހީންގެ ތެރެއިން އުވިގެން ނުދެއެވެ. އަތޮޅުވެރީން ރުއްސަވާ ރަށަކަށް ބަޖެޓުން ބައިއެޅުމުގައި ބަރޯސާވާން ޖެހިފައިއޮތް އޮތުން އަދި ދިވެހީން ނުވަތަ ކުދިރަށްރަށުގެ އަހުލުވެރީން ހަނދާނެއް ނުނެތެއެވެ.
މިފަދަ އެތަކެއް ގަރުނެއްގެ ސަގާފަތުން ދިވެހީން ބޭރުވެ ކަންކަމާ މެދު އެހެން ނަޒަރަކުން ވިސްނުމަށް ކިތަންމެ އަހަރެއް ނަގާނެއެވެ. އަދި ހަމަ އެއާއެކު އެހެން ތަޖުރިބާ ތަކެއް ކުރާންވެސް ޖެހޭނެއެވެ. ހަމަހަމަކަމޭ އެއްބަޔެކޭ މިބުނާ މަފްހޫމްގެ އަސްލަކީ ކޮބައިކަން ރަނގަޅަށް ތަޖުރިބާ ކުރެވެން ޖެހޭނެއެވެ. މުޅިރައްޔިތުންނަކީ ބާރުވެރިކަން ހިއްސާ ކުރުމުގައި ހަމަހަމަ ބައެއްކަން އޭގެ ފުރިހަމަގޮތުގައި ދިވެހީންނަށް ހިއްސާ ކުރެވޭން ޖެހޭނެއެވެ. ތިމާމެން އެހެންބަޔަކަށް ބަރޯސާވާން ޖެހެނީ ކޮންހާލަތެއްގައި ކަމާ ތިމާމެންނަށް އެހެންމީހުން ބަރޯސާވާން ޖެހެނީ ކޮންހާލަތެއްގައި ކަން ރަނގަޅަށް ފަހުމްވެ އެނގޭން ޖެހެއެވެ. އަބަދު ހޮސްޕިޓަލަށް ދާންޖެހެނީ ތިމާމެންނާ އެންމެ ވާދަވެރި ރައްޔިތުން ދިރިއުޅޭ އަދި ތަނަވަސްކަމުން ފުދިފައިވާ ރަށުގެ ރައްޔިތުންގެ އަބުއިކަން ދެކޭން ކަމުގައި ވަނީނަމަ ދެމެދުގެ ދުރުމިން ކައިރިވެގެން ނުދާނެކަން އެބައެނގެއެވެ. މިއަދު އަތޮޅުވެރިކަން ކުރާ ކޮންމެ ރަށެއްގައި ތިންހަތަރުސަތޭކަ ވަޒީފާއޮވެފައި އެވަޒީފާތަކުގައި ތިބެވެނީ ހަމައެކަނި އެރަށުގެ މީހުންކަމުގައިވެފައި ބެންކާއި ހޮސްޕިޓަލާ އޭޑީބީގެ ކަރަންޓާއި ނަރުދަމާއާއި ފެނުގެ ޚިދުމަތުގެ އިތުރުން ރަށުގެ ބަނދަރު ހެދިފައިއޮވެގެން ރަށަށް އަންނާން ޖެހިފައިވާ އަތޮޅުގެ ހުރިހާ ރައްޔިތުން އެމީހުންގެ އަތުން ވިޔަފާރިކޮށް އުފުލި ރަށްމަތީން އެހެރައަރާ ފިހާރަތައް ލިބި ހަމިލިޔަން ހަތްމިލިޔަން ރުފިޔާގެ މުސާރަލިބިގެން ނަލަބެގީގައި އެތިބަ އިއްޒަތްތެރީންނަށް އެމޮޅުކަން ލިބިފައި އެވަނީ ހަމައެކަނި އެރަށަކީ އަތޮޅުވެރިކަން ކުރާރަށޭ ބުނާތީކަމަށް އިހްސާސްވާނަމަ މިނޫންގޮތަކަށް ނިންމޭކަށް ނޯންނާނެއެވެ. މިޔަކީ މިއަދަކު އިއްޔެއަކު މިކަންއޮތްގޮތެއްނޫނެވެ.
ހިއްދަތިކަމާ ދަށުދަރަޖައިގައި ދަށުވެގެން އުޅުނު ދުވަސްތައް މާޒީވެ ދިއުމަށް އެދިގެން މިފެށި ދަތުރުގައި މިސަރުކާރަށް ހަމައެކަނި ހުރީކީ އެންމެ ދެތިން ގޮންޖެހުމެއް ނޫނެވެ. ނަމަވެސް އެނގޭކަމަކީ މިވޯޓުގައި ބައިވެރިވި މީހުންގެ މަދުކަމެވެ. އެކަމުން ދައްކައި ދެނީ ނިމިގެންދާ ގޮތަކުން ސަރުކާރުން ދެން ކަންކުރާނެ ގޮތަކާމެދު ބަރޯސާ ވެގެން ވަކިގޮތެއް ނުނިންމާ ދޫކޮށްލައިގެންތިބި މީހުން ގިނަކަމެވެ. މީގެ ކުރީން ކަންކަން ނިންމަނީ ސަރުކާރަށް ފެންނަގޮތަށެވެ. ރައްޔިތުން ރޮއެރޮއެ ތިއްބަސް އެންމެ ރަނގަޅެވެ. ނަމަވެސް މިއަދު އެކަންމިވަނީ މިސަރުކާރުން ބަދަލުކޮށްފައިކަމުން މިތަޖުރިބާއިންވެސް ރަނގަޅުމެސެޖެއް ލިބިއްޖެއެވެ. ފެންނަކަމުގައި ބަޔަކުބުނިއިރު ނުފެނެޔޭ ހަމަބަޔަކު ބުނިއިރު ގިނައީ ދެންސަރުކާރުން ނިންމާނެ ގޮތަކާމެދު އުންމީދުކޮށްގެން ވަކިއެއްޗެއް ނުބުނެ ވޯޓުގައި ބައިވެރިނުވެ ތިބިމީހުންކަން އެނގި ހާމަވެއްެޖެއެވެ. އަދި ރައްޔިތުންގެ އެންމެ ދެބަހަކީވެސް މިސަރުކާރުގެ ކުރިމަތީގައި އެގާރަމިލިޔަން ރުފިޔާޔައްވުރެ މާއަގުބޮޑު އެއްޗެއްކަން ސަރުކާރުންވެސް ހާމަކޮށްދީފިއެވެ. މީގެކުރީން އަތޮޅުވެރިޔާ ނުވަތަ މިނިސްޓްރީގެ ވަފުދެއް ވަޑައިގެން ރައްޔިތުން ކޮޅަށްބައިތިއްބާފައި މިއުޅެނީ ސަރުކާރުން މިކަންކުރާށޭ މިކަމުގައި އޮންނާނީ ހުސްމޮޅޭ ބުނުމުން ރައްޔިތުންގެ މީހަކު އެއީކޮންމޮޅެއްތޯ އަހާލިޔަސް ދެންމިބައްދަލުވުން ނިމުނިއްޔޭ އެންމެ ރައްޔިތުން ގެއަށްދާށޭ ބުނެފައި އެއްކަލަ ސުވާލުކުރިމީހާއަށް މާލެދާންޖެހި ވާނުވާނޭނގޭ ކަންކަން ހިނގައިދާބީދައިން މިއަދު ކަންކަން ނުހިނގާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް މިވޯޓުންވެސް ލިބިދެވިއްޖެއެވެ.
ވޯޓުގެ ނަތީޖާއަށް އެއްނަޒަރަކުން ބަލާއިރު ސަރުކާރުން މިއެދުނު އެދުމަށް ރައްޔިތުން އާއެކޭވެސް ނުވަތަ ނޫނެކޭވެސް ނުބުނެއެވެ. ސަބަބަކީ ބަސްނުބުނެ ހަނުހުރި މީހުންގެ ކޮޅަށް އަޣުލަބިއްޔަތު އޮތުމެވެ. އަދި މިކަމުގައި އެންމެ ރަނގަޅަށް ފުރުސަތު ލިބިގެން ހޭލުންތެރިވާ މިންވަރަށް އޮޅުންފިލުވައި ދެވިފައިނެތޭ ބުނާމީހުން އެބުނާ އަޑުވެސް އަހާންއެބަޖެހެއެވެ. ކުރާންމިއުޅޭ ކަމުން ލިބޭނެ ފައިދާއާއި ގެއްލުން ރަނގަޅަށް އޮޅުންފިލައިގެން މެނުވީ ގޮތެއް ކަނޑައެޅުމަކީ އޭގެ ނަތީޖާ ރަނގަޅުނުވެދާނެ ކަމެއްކަމުން މިކަންސާފުވާން ޖެހެއެވެ. ރޭގަނޑު ކަނުއަނދިރީގައި އޮޑިގޮސް މާވަހަރަކަށް ބީހުނަސް ލަކުޑިގަނޑެކޭ ހީކޮށް އަޅާނުލައި ދެވިދާނެތާއެވެ. ހަމައެގޮތައް މާވަހަރެކޭ ހީކޮށް ލަކުޑި ގަނޑުވެސް ނެގިދާނެތާއެވެ.
ކޮންމެ އަކަސް ސަރުކާރަށްވެސް ރައްޔިތުންނަށްވެސް އެތަކެއް ތަޖުރިބާތަކެއް ކުރެވިގެންދާނެ މިސުވާލުވެސް މިހިނދަށް މިނިމުނީއެވެ. ދެންވެސް އޮތީ ކުރިޔަށްދިއުމެވެ. އިތުބާރާއި ޔަޤީންކަން ބޮޑުކުރުމެވެ. މިނެގުނު ވޯޓާއި ގުޅިގެން ޖަވާބު ލިބެންޖެހޭ ކިތަންމެ ސުވާލެއް އުފެދިއްޖެއެވެ.
އެނގޭހާވެސް ކަމަކީ ރައްޔިތުންގެ އެންމެ ދެބަހަކީވެސް މިސަރުކާރުގެ ކުރިމަތީގައި އެގާރަމިލިޔަން ރުފިޔާއަށް ވުރެ މާ އަގުބޮޑު އެއްޗެއްކަން ސަރުކާރުން ހާމަކޮށްދިފިކަމެވެ.