އެމްޑީޕީން ކަލާފާނު ސްކޫލުގައި މިރޭ ބާއްވާ ގޮތަށް ހަމަޖެއްސި ޖަލްސާ މިރޭ ނުބާއްވާގޮތަށް ހަމަޖައްސައިފި

23 ޑިސެމްބަރ 2009
އެމްޑީޕީން މިރޭ 23 ޑިސެމްބަރ 2009 ވާ ބުދަ ދުވަހުގެ ރޭ ކަލާފާނު ސްކޫލުގައި ބާއްވާގޮތަށް ހަމަޖެއްސި ޚާއްޞަ ޖަލްސާ މިރޭ ނުބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވެސް ވާހަކަފުޅު ދައްކަވާ ގޮތަށް ހަމަޖެހިފައިވާ މިޖަލްސާ މިރޭ ނުބާއްވާ ގޮތަށް ނިންމީ ޖަލްސާގައި ވާހަކަފުޅު ދައްކަވާ ގިނަ ބޭފުޅުންނަކީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނަށް ވެފައި، 2010 ވަނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓް ފާސްކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިރޭ ވެސް ކުރިޔަށް ގެންދާ ގޮތަށް އެމަޖިލީހުން ނިންމުމާ ގުޅިގެންނެވެ.
އެމްޑީޕީގެ ޚާއްޞަ ޖަލްސާ އެއް ނުބާއްވާތާ ގިނަ ދުވަސްވުމުގެ ސަބަބުން ވަރަށް ގިނަ އާންމު މެންބަރުންގެ ޝަކުވާ މިޕާޓީއަށް ދަނީ ލިބެމުންނެވެ. އެންމެ ފަހުން އެމްޑީޕީގެ ޚާއްޞަ ޖަލްސާ އެއް ބާއްވާފައިވަނީ ވޭތުވެދިޔަ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުގެރޭ އާރޓިފިޝަލް ބީޗް ގައެވެ.