މެދު އުތުރު ޕްރޮވިންސްގެ ކ.މާފުށީގެ 304 މީހަކު އެމްޑީޕީއަށް ވަނުމަށް ސޮއިކޮށްފި

7 ޑިސެމްބަރ 2009

pg-shaviyani-47

މެދު އުތުރު ޕްރޮވިންސްގެ މަރުކަޒީ ރަށުގެ ގޮތުގައި އެމްޑީޕީ އިއްތިހާދުގެ ސަރުކާރުން ކަނޑައަޅާފައިވާ ކ. މާފުށީގެ 304 މީހަކު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ( އެމްޑީޕީ ) އަށް ވަނުމަށް ސޮއިކޮށްފިއެވެ.

ދާދި ފަހުން ގއ. އަތޮޅާއި ގދ. އަތޮޅު ހިމެނޭ މަތި ދެކުނު ޕްރޮވިންސް އިން 1118 ފޯމާއި މަތި އުތުރު ޕްރޮވިންސްގައި ހިމެނޭ ށ. މިލަންދޫގެ 740 ފޯމު ޕާޓީ އޮފީހާއި ހަވާލުކުރުމުގެ ގޮތުން ޚާއްސަ ރަސްމިއްޔާތެއް އެމްޑީޕީ ސެކްރެޓޭރިއަޓް ގައި ބާއްވާފައި ވެއެވެ. މިރަސްމިއްޔާތުގެ ފަހުންވެސް މި 2 ޕްރޮވިންސް އިން ގިނަ އަދަދެއްގެ ބަޔަކު އެމްޑީޕީއާ ގުޅިފައިވެއެވެ.

ކ. މާފުށިން އެއްފަހަރާ މިހާ ގިނަ އަދަދެއްގެ ބަޔަކު އެމްޑީޕީއަށް ވަނުމަށް ސޮއިކޮށްފައިވާތީ އެރަށުގެ ރައްޔިތުންނަށް އެމްޑީޕީގެ ރެޖިސްޓްރާ ޖެނެރަލް އަހުމަދު ޝާހިދު ވަނީ މަރުހަބާ ވިދާޅު ވެފައެވެ. މީގެ އިތުރުން ޕާޓީގެ މެންބަރޝިޕް އިތުރުކުރުމަށް ރަށްރަށުގައި ހަރަކާތްތެރިވާ އެމްޑީޕީގެ މެންބަރުންނަށާއި ޕާޓީ އޮފީހުގައި ރެޖިސްޓްރޭޝަންގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރެޖިސްޓްރާ ޖެނެރަލް ޝުކުރު އަދާކުރެއްވިއެވެ.

މިޑިސެމްބަރ މަހުގެ5 ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސްގައި ރަޖިސްޓްރީ ކުރެވިފައިވާ އެމްޑީޕީގެ މެންބަރުންގެ އަދަދަކީ 28996 އެވެ.