9 އޮކްޓޯބަރ 2010
ލޯކަލްކައުންސިލް އިންތިޚާބުގައި މަނަދޫ ދާއިރާގެ އެމްޑީޕީ އަތޮޅު ކައުންސިލްގައި ތިން ކެންޑިޑޭޓަކު ކުރިމަތި ލައްވާފައިވާތީ ޑިމޮކްރެޓިކް އުސޫލުން ދެ ކެންޑިޑޭޓަކު ހޮވުމަށްޓަކައި އިއްޔެ މަނަދޫގެ އެމްޑީޕީގެ ސަޕޯޓަރުން ބޭއްވި ޕްރައިމަރީގައި ނ. މަނަދޫ ސޯސަންގެ ޙަސަން ޒަރީރު އާއި ވާދަކޮށް 27 ވޯޓްގެ ތަފާތަކުން މުޙައްމަދު މާހިދު މޫސާފުޅު މިއިންތިޚާބު ކާމިޔާބު ކުރައްވައިފިއެވެ.
މާލެ އާއި މަނަދޫގައި އިއްޔެ ކުރިއަށްދިޔަ ޕްރައިމަރީގައި މުޙައްމަދު މާހިދު އަށް ލިބިވަޑައިގެންނެވި ޖުމްލަ ވޯޓްގެ ޢަދަދަކީ 120 ވޯޓެވެ. ޙަސަން ޒަރީރު އަށް ލިބިވަޑައިގެންނެވި ޖުމްލަ ވޯޓްގެ ޢަދަދަކީ 93 ވޯޓެވެ. މަނަދޫ އިން މާހިދުއަށް ލިބިވަޑައިގަތީ 98 ވޯޓެވެ. މާލެއިން މާހިދުއަށް ލިބިވަޑައިގެންނެވީ، 22 ވޯޓެވެ.
ޙަސަން ޒަރީރުއަށް މާލެއިން ލިބިވަޑައިގެންނެވި ވޯޓްގެ ޖުމްލައަކީ 30 ވޯޓެވެ. އަދި މަނަދޫއިން ލިބިވަޑައިގެންނެވި ވޯޓްގެ ޖުމްލައަކީ 63 ވޯޓެވެ.
ޖުމްލަ 214 ބޭފުޅަކު މިއިންތިޚާބުގައި ވޯޓް ލާފައިވެއެވެ. އެއީ މަނަދޫއިން 162 ބޭފުޅުންނާއި މާލެއިން 52 ބޭފުޅުންނެވެ. މީގެތެރޭގައި މަނަދޫއިން ނެގި ވޯޓްގައި ބާތިލް އެއްވޯޓް ހިމެނެއެވެ.
މިއިންތިޚާބު މުޙައްމަދު މާހިދު ކާމިޔާބު ކުރެއްވުމުން ކުރިއަށް އޮތް ލޯކަލްކައުންސިލް އިންތިޚާބުގައި މަނަދޫ ދާއިރާގެ އެމްޑީޕީ އަތޮޅު ކައުންސިލްގައި ކުރިމަތިލައްވާނީ މުޙައްމަދު މާހިދު އާއި ނ. ޅޮހި، ރީފް މުޙައްމަދު ބަޝީރު ކަމަށް ނ.އަތޮޅުން މަޢުލޫމާތު ލިބެއެވެ.
އެހެން ނަމަވެސް އެމްޑީޕީން އަދި އެއްވެސް ދާއިރާއެއްގެ އެއްވެސް ފަރާތަކަށް ޓިކެޓް ދީފައެއް ނުވެއެވެ. މި 2 ބޭފުޅުންނަށް ވެސް އަދި އެމްޑީޕީގެ ޓިކެޓަށް ކުރިމަތިލާފައިވާ އެހެން ފަރާތްތަކަށް ވެސް އެމްޑީޕީ ޓިކެޓް ދިނުމާމެދު ގޮތެއް ނިންމާނީ ކެމްޕެއިން ކޮމިޓީގެ ފަރާތުން ހޮވާ ސެލެކްޝަން ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.