ވަކިރަށަކަށް ނިސްބަތްވީތީ އެހަނި ތަންކޮޅުގައި ތަޅުލެވިގެން ތިބެވޭކަށް ނެތް – ރައީސް

8 އޮކްޓޯބަރ 2010

hep-nasheed-450-x-300

ވަކިރަށަކަށް ނިސްބަތްވީތީ ނުވަތަ ވަކި ޢާއިލާއަކަށް ނިސްބަތްވީތީ އެހަނިތަންކޮޅުގައި ތަޅުލެވިގެން ތިބެވެން ނެތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީއާ އަލަށް ގުޅިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ 3 މެމްބަރުންނަށް މަރުހަބާ ދެންނެވުމަށް ރޭ އާޓިފިޝަލް ބީޗްގައި އެމަނިކުފާނު ނިސްބަތްވާ ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މައްޗަށް ބަސްކިޔާނޭ މީހަކު ނެތްކަމަށާއި ބަދަލެއް އައިސްގެން ލިބޭނޭ ދެރައެއްވެސް އަދި ހިތާމައެއްވެސް ނޯންނާނޭ ކަމަށާއި، ރައްޔިތުން ފުންމިން ނޭނގޭ ކަނޑަކަށް ނުގެންދަވާނޭ ކަމަށެވެ.
މިޒަމާނުގެ ކުރިއެރުން ހޯދެން އޮތީ އެއްރަށާއި އަނެއް ރަށް އެކިގޮތްގޮތުން ގުޅިގެން ކަމަށާއި، އެގޮތުން އިދާރީގޮތުންނާއި، ފެނުގެ ޚިދުމަތުންނާއި، ނަރުދަމާގެ ނިޒާމުންނާއި، ދަތުރުފަތުރުންނާއި، ކައިވެނީގެ ގޮތުންނާއި ލޯބީގެ ގޮތުންވެސް ރަށްތައް ގުޅެންޖެހޭ ކަމުގައި ރައީސް ވިދާޅުވިއެވެ.
އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ހާޒިރުވި މިޖަލްސާގައި ރައީސް ވަނީ ތަރައްޤީއަށްޓަކައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށާއި ޕްރޮގްރާމް ބަޖެޓެއްގެ މުހިއްމު ކަމުގެ މައްޗަށް ވެސް އަލިއަޅުވާލައްވަވާފައެވެ. އެގޮތުން ދުވާލަކު މަދުވެގެން 15 ގަޑިއިރު ވަންދެން އެމަނިކުފާނު ރައްޔިތުންނަށްޓަކައި މަސައްކަތުގައި ހޭދަކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށްފަހު ރާއްޖޭގެ ރައްޔިތުންނަށް ވެލެއްވި ވައުދުތަކުގެ ތެރޭގައި ހިމެނޭ ސިއްހީ ޚިދުމަތުގެ ފެންވަރު ރަގަޅުކޮށް، ބޭސް ސިޓީއަށް ސަލާންޖަހަން ނުޖެހޭނޭ ނިޒާމެއް ދިވެހިރައްޔިތުންނަށް ޤާއިމްކޮށްދެއްވާނެކަމަށާއި، އަތްފޯރާފަށުގައި ބޯހިޔާވަހިކަން ހޯދައިދެއްވުމަށާއި، ދަތުރުފަތުރުގެ ނިޒާމުން ގުޅިލާމެހިފައިވާ ރަށްތަކަކަށް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވިކަމަށެވެ. މީގެ އިތުރުން މަސްތުވާތަކެތީގެ ވަބާއިން ރާއްޖޭގެ ރައްޔިތުން ސަލާމަތްކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންނެވިކަމަށާއި، ރަގަޅު އިގްތިސާދެއް ބިނާކޮށް، ރާއްޖޭގެ ރައްޔިތުންނަށް މުދަލާއި ތަކެތީގެ އަގު އަތްފޯރާފަށަށް ގެނެސްދެއްވާނެކަމަށާއި، ބަނދަރުތައް ހަދައިދިނުމުގެ އިތުރުން، ފެނާއި ނަރުދަމާ ނިޒާމްގާއިމްކޮށްދެއްވާ، އިގްތިޞާދީ ތަރައްގީއާއި ކުރިއެރުން ގެނެސްދެއްވާ މުޅިރާއްޖެ ބަދަލުކޮށްދެއްވާނެ ކަމަށްވެސް ވައުދުވެ ވަޑައިގެންނެވިކަމަށް އެމަނިކުފާނުވިދާޅުވިއެވެ.
ރޭގެ ޖަލްސާއަކީ ވެސް އެމްޑީޕީން ބާއްވާ އެހެން ޖަލްސާތައް ފަދަ ފޯރިގަދަ ޖަލްސާއެކެވެ.