ނައިފަރު ދާއިރާގެ ބައެއް މަޤާމްތަކުގެ އިންތިޚާބު އަލުން ބާއްވާ ގޮތަށް އެމްޑީޕީން ނިންމައިފި

7 އޮކްޓޯބަރ 2010

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ދާއިރާތަކުގެ އިންތިޚާބުގައި ނައިފަރު ދާއިރާގެ ވޯޓުލުމުގައި މައްސަލަތަކެއް ކުރިމަތިވެފައިވާތީ އެދާއިރާގެ ބައެއް މަޤާމްތައް އިންތިޚާބުކުރުމަށް އަލުން އިންތިޚާބު ބާއްވާ ގޮތަށް އެމްޑީޕީން ނިންމައިފިއެވެ.
އެމްޑީޕީގެ ދާއިޜާތަކުގެ އިންތިޚާބުގެ މައްސަލަ ބަލާ ކޮމިޓީން މިއަދު ބުނީ މިގޮތަށް ނިންމަންޖެހުނީ ނައިފަރު ދާއިރާގެ ވޯޓުލުމުގައި ދާއިރާގެ ރައީސް އާއި ސެކްރެޓަރީގެ ނައިބުގެ މަޤާމް ފިޔަވައި އަނެއް 3 މަޤާމްގެ ނަތީޖާއަށް އަސަރުފޯރާ ފަދަ ކަންތައްތަކެއް އެދާއިރާގައި ހިނގާފައިވާތީ އަލުން އެ މަޤާމްތަކަށް އިންތިޚާބު ބާއްވަން ނިންމީ ކަމަށެވެ. އަދި އެދާއިރާގައި ބޮޑަށް ފާހަގަކުރެވިފައިހުރީ އެސްއެމްއެސް ވޯޓު ރަޖިސްޓްރީކުރުމުގައި ދިމާވި މައްސަލަކަމަށްވެސް އެމްޑީޕީން ބުނެއެވެ.
ނައިފަރު ދާއިރާގެ އިތުރުން ދާއިމީ ނަތީޖާ އިޢުލާން ނުކުރެވިވާ އަނެއް ދެ ދާއިރާ ކަމަށްވާ ތުލުސްދޫ ދާއިރާ އާއި ތޮއްޑޫ ދާއިރާއިން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް އަތުވެދާނެފަދަ މައްސަލައެއް ދިމާވެފައިނުވާތީ އެ ދެ ދާއިރާގެ ވަގުތީ ނަތީޖާއަކީ ސައްހަ ނަތީޖާއެއް ކަމަށް ވެސް އެމްޑީޕީން ވަނީ ނިންމާފައެވެ.
އެހެންކަމުން ތުލުސްދޫ ދާއިރާގެ ރައީސްކަމަށް މއ.ދޭދަރުގޭ މުޙައްމަދު ފިރާޤް އަދި ތޮއްޑޫ ދާއިރާގެ ރައީސްކަމަށް އއ.ތޮއްޑޫ ނޫރުވާދީ ހަސަން ޝިޔާން މިހާރުވަނީ ވަނީ އިންތިޚާބުވެފައެވެ.
ނައިފަރު ދާއިރާގެ ރައީސްގެ ނައިބުކަމާއި، ސެކްރެޓެރީ ކަމާއި، އިންތިޒާމް ސެކްރެޓަރީ ކަމުގެ މަޤާމަށް ބޭފުޅުން އައްޔަންކުރުމަށާއި، އެއްކެންޑިޑޭޓަކު ކުރިމަތިލައި، ދާއިރާގެ މެންބަރުންގެ 10 އިންސައްތަ ތާއީދު ލިބިފައިނުވާ މަޤާމްތަކަށް މީހުން އައްޔަންކުރުމަށް ބާއްވާ އިންތިޚާބު ބާއްވާނޭ ތާރީޚެއް ފަހުން އިޢުލާންކުރާނޭ ކަމަށް އެމްޑީޕީން ބުނެއެވެ.
އެއް ކެންޑިޑޭޓަކު ކުރިމަތިލައި، ދާއިރާގެ 10 އިންސައްތަ ވޯޓު ނުލިބުމުގެ ސަބަބުން އިންތިޚާބުނުވާ ކެންޑިޑޭޓުން ހިމެނޭ ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލާނޭ ކަމަށް އެމްޑީޕީން ބުނެއެވެ