7 އޮކްޓޯބަރ 2010
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސްގެ ކުރިން، ގައުމީ މަޖިލީހުގައި ވޯޓުލެވޭ މެންބަރުން ކަނޑައެޅުމަށް އަސާސީ ގަވައިދަށް ގެންނަން ފެންނަ އިސްލާހާ މެދު ގޮތެއް ނިންމުމަށް އެމްޑީޕީގެ އަސާސީ ޤަވައިދު އިޞްލާހު ކުރުމަށް ލަފާދޭ 5 މެންބަރުންގެ ކޮމިޓީން އެދިއްޖެއެވެ.
އެމްޑީޕީގެ އިސްލާޙް ކޮމިޓީގެ 2 ވަނަ ރިޕޯޓްގައި ބުނެފައިވަނީ “ބަނޑޮހުގެ ރިޓްރީޓަށްފަހު ޕާޓީގެ ޤައުމީ މަޖިލީހުން އެކި ފަހަރުމަތިން އިޞްލާޙު ހުށަހަޅާފައިވަނީ، އިޞްލާޙު ކޮމިޓީން ހުށަހަޅާފައިވާ ޑްރާފްޓުގައި އޮތް ގޮތަށް އަސާސީ ޤަވައިދު ފާސްވެއްޖެނަމަ، އެޑްރާފްޓުގައި އޮތް ޤައުމީ މަޖިލީހުގައި އެކުލެވޭ މެންބަރުންގެ ޢަދަދު ގިނަކަމުން ޕާޓީ ހިންގަން އުނދަގޫވާނެކަމަށެވެ.”
ޤައުމީ މަޖިލީހުން އެ މަޖިލީހުގައި ވޯޓުލެވޭ މެންބަރުންގެ ޢަދަދު ކުޑަ ކުރުމަށް އެދެމުންދިޔަ ކަމަށާއި، ނަމަވެސް އިޞްލާޙު ކޮމިޓީން ބުނަމުން ދިޔައީ އެގޮތަށް ފާސްކޮށްފިނަމަ، އެތައް ދާއިރާއެއްގެ ރައީސުންނަށް ޤައުމީ މަޖިލީހުގައި ވޯޓުލުމުގެ ޙައްޤު ނުލިބޭނޭކަމަށެވެ. “އިޞްލާޙު ކޮމިޓީއަށް ފެނުނު ގޮތުގައި ދާއިރާގެ ރައީސުންނަކީ ވަރަށް މުހިންމު ބައެކެވެ. ޚާއްޞަކޮށް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލު ނުކުރާ ދާއިރާތަކަށް ނިސްބަތްވާ ދާއިރާގެ ރައީސްއަކީ އެދާއިރާއެއްގައި ހުރި އެމްޑީޕީގެ އެންމެ އިސް އަޑެވެ. ވީމާ މިފަދަ މަގާމެއްގައި ހުރި މީހެއްގެ ބާރު ކަނޑުވާލުމަކީ ބޭއިންސާފެއްކަމަށް އިޞްލާޙު ކޮމިޓީއަށް ފެނުނެވެ.”
އެހެންކަމުން މިމައްސަލާގައި އިސްލާޙް ކޮމިޓީއާއި ގައުމީ މަޖިލީހާއި ދެފަރާތަށްވެސް ރުހެވޭ “މެދުމިނުގެ އެއްބަސްވުމެއް” ހޯދުމަށްޓަކައި، އިޞްލާޙު ކޮމިޓީން ވަނީ ބައެއް އިސްލާޙްތައް ގެނައުމަށް ނިންމާފައެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބަށްފަހު ޤައުމީ މަޖިލިސް މިހާރު އެކުލެވިގެންވަނީ ދާއިރާތަކުގެ އިންތިޚާބުގައި އިންތިޚާބުވެވަޑައިގެންނެވި ރައީސުން ވެސް ހިމެނޭގޮތަށެވެ. އެހެންކަމުން ކުރިން 53 މެންބަރުން ތިއްބެވި ޤައުމީ މަޖިލީހުގައި މިހާރު 93 މެންބަރުން ތިއްބަވައެވެ.