7 އޮކްޓޯބަރ 2010
ލިޔުނީ: ފުނަމާ
ރާއްޖޭގެ މީހުންއުޅޭ ރަށްތަކުގެ ތެރެއިން ލޯކަލް ކައުންސިލްގެ އިންތިޚާބިށްޓަކައި އިދާރީ ދާއިރާތަކުގެ އަދަދު ކަނޑައަޅައި ބައެއްރަށްތައް އެއްކޮށްލުމުގެ ގޮތުން އެއްކޮށްލެވޭ ރަށްތަކުގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްތަކައި ބާއްވާ އިންތިޚާބު މިމަހުގެ 9 ވަނަދުވަހު ބޭއްވުމަށް މިހާރު މިދަނީ އެންމެ ފަހުގެ ތައްޔާރީތައް ކުރެވެމުންނެވެ.
މިއިންތިޚާބާއި ގުޅިގެން ތަފާތު ސުވާލުތަކެއް މިވަނީ އުފެދިފައެވެ. ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުގެ މެދުގައިވެސް ސުވާލުތަކެއް އުފެދިފައިވާއިރު އިދިކޮޅު ފަރާތްތަކުން ޙަގީގަތާ ޚިލާފު ވާހަކަތައް ހަދައި އިތުރު ސުވާލުތައްދަނީ ކުރިމަތި ކުރަމުންނެވެ. މިކަމުގެ އަހުމިއްޔަތުކަމަކީ ކޮބައިކަން ރައްޔިތުންނަށް އޮޅުން އަރާފަދަގޮތަކަށް އެގެންދަނީ މައުލޫމާތު އޮޅުވާލައި ފަތުރަމުންނެވެ.
އޮޅުމެއްނެތް ގޮތުގައި ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރީން މީހުންދިރިއުޅޭ ރަށްތަކުގެ އަދަދު ކަނޑައަޅައި ގެޒެޓުގައި ޝާއިޢު ކުރުމަކީ ސަރުކާރަށް ލާޒިމް ކުރާކަމެކެވެ. ހަމައެހެންމެ މީހުންދިރިއުޅޭ ރަށްތައް އެއްކޮށްލުމުގައި އެރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ޚިޔާލު ހޯދައިގެން މިކަން ކުރަން ޖެހޭނެ ކަމުގައި ގާނޫނު ބުނާއިރު އާންމުކޮށް ރާއްޖޭގައި ގާނޫނު މާނަކުރުމުގައި ތަފާތު މާނަނެރޭ ގޮތަށް ބަލާއިރު ރައްޔިތުންގެ ވޯޓަކުން މިކަން ނިންމަން ޖެހޭނީ ލޯކަލް ކައުންސިލްގެ އިންތިޚާބަށްފަހު މިގޮތަށް އެއްކޮށްލުމަށް ފެނިއްޖެ ހިނދެއްގައި ކަމުގައިވެސް ބައެއްމީހުން ބުނަމުން ގެންދެއެވެ. އަދި އޭގެ ކުރީން މިގޮތަށް އެއްކޮށްލުމަށް ބޭނުންވާ ރަށްތައް އެއްކޮށްލުމުގައި ސަރުކާރުން ގޮތެއް ކަނޑައެޅިދާނެ ކަމުގައިވެސް އެބަބުނެއެވެ. ރައްޔިތުންނަށް ގޮތެއް، އިދިކޮޅުފަރާތްތަކަށް ގޮތެއް، ސަރުކާރަށް ވަކިގޮތެއް، އަދި ޝަރުއީ ކޯޓުތަކުން ވަކިގޮތެއް ، ގާނޫނު މާނަކުރަމުން ގެންދިއުމުގައި ކަނޑައަޅަމުން ގެންދާ ދުވަސްވަރެއްގައި މިކަހަލަ ޚިޔާލުތަފާތުވުންތައް ހުރުމަކީ އަޖާބުވާންވީ ކަމެއް ނޫނެވެ. ނަމަވެސް ޤާނޫނު އަސާސީ ބުނާގޮތުން ގާނޫނު މާނަކުރުމުގައި ފަހުބަސް ބުނާނީ ސްޕްރީމް ކޯޓުންނެވެ.
ކޮންމެއަކަސް އެނގޭ ކަމަކީ ރަށްތައް އެއްކޮށްލުމުގެ މައްސަލާގައި ސަރުކާރާއި އިދިކޮޅު މައިޕާޓީއާއި ދެމެދު ސީރިޔަސްކޮށް ވާހަކަތަކެއް ދެކެވި މިހާރު ކަންކުރާން ނިންމާފައި އެވާގޮތަކީ ދެޕާޓީންވެސް އައްބަސްވެފައިވާ ގޮތްކަމެވެ. ނަމަވެސް މިހާރު ޑީއާރުޕީއިން ބުނަމުން ގެންދަނީ މިއީ ސަރުކާރުން ލޯކަލް ކައުންސިލް އިންތިޚާބު ލަސްކޮށްލުމުގެ ގޮތުން ޖަހައިގެންއުޅޭ މަޅިޔެއް ކަމުގައެވެ. މިއީ ޑީއާރުޕީގެ ދެފުށްދެގޮތްކަން ހާމަކޮށްދޭ އިތުރު ހެއްކަކަށް ނުވެދާނެ ގޮތެއް ނެތެވެ. އެންމެ ފުރަތަމަވެސް މިކަމުގައި ވަކިގޮތެއް ނިންމުމުގެ ބާރު އެޕާޓީއަށް ސަރުކާރުންވަނީ އިޚްލާސްތެރިކަމާއެކު ދީފައެވެ.
މިހާރު ރައްޔިތުންގެ މެދުގައި އެންމެ ބޮޑަށް ކުރެވޭ ސުވާލުތަކަކީ މިއިންތިޚާބަކީ ކިހާވަރެއްގެ މުހިންމު އިންތިޚާބްއެއް ހެއްޔެވެ؟ މުހިންމުކަން ބޮޑުނަމަ ރައްޔިތުން މިކަމަށް ހޭލުންތެރި ކުރުމަށް އެކަށިގެންވާ މަސައްކަތްތަކެއް ނުކުރެވެނީ ކީއްވެ ހެއްޔެވެ؟ އިގްތިސާދީ ގޮތުން ހީނަރުމިފަދަ ދުވަސްވަރެއްގައި މިފަދަ ވޯޓެއް ނެގުމުގެ ފައިދާއެއް އެބައޮތްހެއްޔެވެ؟ ސަރުކާރުން މިކަން މިކުރާން ނިންމީ އެންމެ ރަނގަޅު ރަނގަޅު ވަގުތު ގައިހެއްޔެވެ؟
މިސުވާލުތަކަށް ރައްދު ދިނުމަކީ ސުވާލުއަމާޒު ކުރެވޭ ފަރާތުން ކުރާންޖެހޭނެ ކަމެއްކަމުގައި ވީނަމަވެސް މިކަމުގެ ބާވަތުން ވިސްނާލާންޖެހޭ ބައެއް ކަންކަން އެބަހުއްޓެވެ. މިގޮތައް މިއިންތިޚާބު ނުބާއްވައި ރައްޔިތުންގެ ޚިޔާލު އެންމެ ފުރިހަމަގޮތެއްގައި ހޯދޭނެ ގޮތެއްނެތެވެ. ސަރުކާރަށް ލާޒިމްކުރާ ކަމެއް ފުރިހަމަނުކޮށް ލޯކަލް ކައުންސިލް އިންތިޚާބަށް ހިނގައްޖެނަމަ އިދިކޮޅު ފަރާތްތަކުން ކުރިމަތިކުރާނެ ސުވާލުތައް މިހަރަށްވުރެ މާގިނަވާނެއެވެ. އެތައް މިލިޔަން ރުފިޔާއެއް ޚަރަދުވާނެ ކަމުގައި ބެލެވޭ މިއިންތިޚާބު ރައްޔިތުން ހޭލުންތެރި ކުރުވުމަށް ފަސްކޮށްލައިފިނަމަ ލޯކަލް ކައުންސިލްގެ އިންތިޚާބު ލަސްކުރުމަށް ސަރުކާރުން ދައްކާ ހުއްޖަތެއް ކަމުގައި މާފާޅުކަން ބޮޑުގޮތެއްގައި ގޮވަމުން ގެންދާނެއެވެ. 2009 ގެ ޖުލައިމަހު ބާއްވަން ގާނޫނު އަސާސީއިން ލާޒިމްކުޅަ އިންތިޚާބެއް މިހާތަނަށް ދިގުދެމިގެން މިދިޔައީ ކުކުޅު ދޮށިވެގެންތޯ ބިސްދޮށިވެގެންތޯ ކުރެވޭ ސުވާލު މިއަދުވެސް މިއޮތީ މިގައުމުގެ ތެރޭގައެވެ. މަޖްލީހުގެ މެޖޯރިޓީ އޮތީ ކޮންބަޔެއްގެ އަތުގައިކަން އެބައެނގޭ ދޮގެއްތޯއެވެ.
ރަށްތައް އިދާރީ ގޮތުން ގުލާލުމަކީ މުހިންމު ކަމެއް ނޫނޭ ބުނުމަކީ ރާއްޖެ އެންމެ ފުރިހަމަ ގޮތުގައި ތަރައްގީ ކުރެވޭނީ އާބާދީ އެއްފަސް ކޮށްގެން ކަމުގައި މީގެ ކުރީން ބުނަމުން ގެންދިޔަ ބަޔަކު އިންކާރުކުރާކަމެއް ކަމުގައި ވާނަމަ އެއީ ގަބޫލުކުރަން ދަތި ކަމެއްތާއެވެ. ރަށުކައުންސިލްތައް އެކުލަވާލާއިރު އެމަގާމުތަކަށް ދޭންޖެހޭ މުސާރަތަކާއި އެލަވަންސް ތަކުގެ އިތުރުން އިދާރީ ހިންގުމަށް ކުރަންޖެހޭނެ ބޮޑު ޚަރަދުތަކަކީ ސަރުކާރުގެ މައިކަށްޓަށް އިތުރުވެގެންދާނެ ބުރަޔަކަށް ގައިމުވެސް ވާނެއެވެ. ވީއިރު މިގޮތުން ރަށްތަކެއް އެއްކޮށްލެވިގެން އެޚަރަދު ކުޑަކުރެވޭ އެއްޗަކުން ގައިމުވެސް ރައްޔިތުންނަށް ޚަރަދު ކުރެވޭނެތާއެވެ. ހަމައެހެންމެ ހުރިހާ ރަށެއްގައި ހުރިހާ ވަސީލަތެއް ގާއިމް ނުކުރެވޭނެ ކަން ރަނގަޅައް އެނގޭއިރު މިގޮތުން އެއްކޮށްލެވޭ ރަށްތަކުގެ މެދުން ހުރިހާ ރަށަކަށް ޚިދުމަތް ފޯރުވައި ދިނުމަކީ ސަރުކާރަށްވެސް ފަސޭހަވެފައި އިންސާފުވެރި ގޮތެއްކަމުގައި މިހާތަނަށްވެސް ދިޔައީ ބެލެވެމުންނެވެ. މިދެންނެވީ މިހާތަނަށްވެސް މާލޭގައި ހުރި ޚިދުމަތްތައް އަތޮޅުތަކުން ލިބޭކަށް ނެތެވެ. އަތޮޅުވެރިކަން ކުރާ ރަށްރަށުގައި ހުރި ވަސީލަތްތަކެއް އެހެން ރަށްރަށެއްގައި ނެތެވެ. ނަމަވެސް އެއީ ހަމަ އިންސާފުކަމުގައި މިއައީ ޤަބޫލުކުރަމުން ދޮގެއްތޯއެވެ. އެއިރު ވެސް ގާނޫނުން އެންމެހާ ރައްޔިތުންނަށް ހަމަހަމަކަން ލިބިދިނުން ލާޒިމް ކުރެއެވެ. ވީއިރު މިހާރު ރަށްތަކެއް އެއްކޮށްލެވިގެން އެގުރޫޕަކަށް ހުރިހާ ޚިދުމަތެއް އަމާޒުވާގޮތަށް ކަންކަން ކުރާންފެށުމުން މާއިންސާފުވެރި ކަމާއެކު މިކަންކަން ކުރިއަރުވާން ފަސޭހަވާނެ ކަމުގައި ބަލާން ޖެހެއެވެ.
ސަރުކާރުގެ ތާއީދު އިތުރު ކުރުމުގެ ގޮތުން ކުރާންއުޅޭ ކަމެއް ކަމުގައި އިދިކޮޅު ފަރާތްތަކުން މިހާރުބުނަމުން ގެންދާއިރު ސަރުކާރަށް ތާއީދުބޮޑު ކުޑައާބާދީއަކުން ތާއީދުކުޑަ ބޮޑުއާބާދީއަކާ ގުޅުމުން ދެން ވެގެންދާނީ ކިހިނެއްތޯ އެމީހުންނާ ސުވާލު ކޮށްފިނަމަ ދޭނެ ޖަވާބެއް އޮންނާނެބާވައެވެ. ކޮންމެ ގޮތެއްގައި ނަމަވެސް ސަރުކާރު ނުވަތަ ދައުލަތް ހިންގާން ޖެހެނީ ދައުލަތަށް ލިބެ އާމްދަނީއަކުންނެވެ. ސިޔާސީ އިދިކޮޅު ޕާޓީތަކުން ދޭޚައިރާތަކުން ނޫނެވެ. އަދި ސަރުކާރު ހިންގާނީވެސް އެސަރުކާރަކުން ކަނޑައަޅާ ސިޔާސަތެއްގެ ދަށުންނެވެ. އިދިކޮޅު ފަރާތްތަކުން މަޖުބޫރުކުރާ ގޮތަކަށްނޫންތާއެވެ. އެހެންކަމުން ރައްޔިތުންނަށް އޮޅުވާލުމުގެ ގޮތުން މިހާރުމިދެކެވޭ ވާހަކަތަކަކީ އިދިކޮޅު ފަރާތްތަކުގެ ދެފުށްދެގޮތްކަން އިތުރަށް ހާމަވެގެންދާނެ ކަންކަމެވެ. ސިޓީކައުންސިލްތައް ހަދައި ރައްޔިތުން އިތުރަށް ބާރުވެރި ކުރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ތާއީދު ނުކުރާކަމުން އެނގެނީ ތިމާމެންނަށް އަދިވެސް ދުނިޔެއަށް ލޯނުޙުޅުވޭ ކަމެވެ. ވިސްނުމުގައި ހުރި ހިޔަޅުކަމެވެ. ސަރުކާރުން ދޭއެއްވެސް ދުލެއްގެ ބޭނުންވެސް ވެރިކަން ދަމައިގަތުމަށްމެނުވީ ކުރާން ބޭނުން ނުވާކަމެވެ. ރައްޔިތުން ބާރުވެރި ކުރެވިއްޖެ ނަމަ ތިމާމެންނަށް ދެން ވެރިކަމަށް އައިސް ހިތުހުރިގޮތެއް ނެހެދޭނެތީވެ ކަންބޮޑުވެ އެންމެ ފަހުވަގުތުވެސް މިކަމުގައިވެސް ތިމާމެންގެ ބާލީހަށް ކަފަވެއްދޭތޯ އުޅެނީކަން މިހާރު ގައިމުވެސް ގިނަބަޔަކަށް އެބައެނގެއެވެ. އޮޅުވާލައިގެން ތިއުޅެވެނީ އަމިއްލަ މީހުންނަށެވެ. އެމީހުން ހޭއަރާ ދުވަހަކުން ދެން ތިމާމެން އިތުރު ހުއްޖަތެއް ދައްކާނެ ބަޔަކު މިޤައުމަކު ނުތިބޭނެތާއެވެ.
އިދާރީގޮތުން ރަށްތަކެއް ގުޅުވާލުމުން ގައިމުވެސް އެރަށްތަކުގެ ރައްޔިތުންނަށް ފައިދާތަކެއް ކުރާނެއެވެ. ފަހަރެއްގައި ހަމަމިހެން ހަނިއޭންގަލަކުން ބަލާލާއިރަށް ކުއްލިޔަކަށް އެމަންޒަރު ނުފެނިދާނެއެވެ. ނަމަވެސް އެކުވެރިކަމާއެކު އެއްބައިވެގެން ކުރެވޭ ކޮންމެ މަސައްކަތަކުންވެސް ގެއްލުމަށްވުރެ ފައިދާ ބޮޑުވާނެކަން އެންމެ ކުޑަމިނުން ޔަޤީންވާނެ ދޮގެއްތޯއެވެ. ރަނގަޅުވިސްނުމަކުން ވިސްނައި ރައްޔިތުންގެ ނިންމުން ގައިމުވެސް އަންނަ ހޮނިހިރު ދުވަހު ނިންމާނެއެވެ. ސަރުކާރުން ނުވަތަ ސަރުކާރު ހިންގާ ޕާޓީއިން މިކަމުގައި މާފޯރިތަކެއް އަރުވާލައިގެން ވަކިގޮތަކަށް ކެންޕޭނު ކުރަމުން ނުގެންދަނީ ރައްޔިތުންނަށް އެއްވެސް ޕްރެޝަރެއް ނުދިނުމުގެ ނިޔަތުގައިކަން އެބަސާބިތުވެއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން މިކަމުގައި އަރުވަމުންދާ ވަރުތަކުން މިކަން ވެއްޖެނަމަ ސަރުކާރަށާ ރައްޔިތުންނަށް ވާނެފައިދާ އެބަ ވަޒަން ކުރެވެއެވެ.