މަޖިލިސް ޚަބަރު: ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވައިފި

5 އޮކްޓޯބަރ 2010

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އިއްޔެ ބާއްވައިފިއެވެ.
އިއްޔެގެ ޖަލްސާގައި، ހއ.ހޯރަފުށީ ސީވިއު، ޙުސައިން މުޙައްމަދު މަނިކު 27 ސެޕްޓެމްބަރު 2010 ގައި މަރާލާފައިވާތީ، އެކަން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެންނެވުމުގެ ގޮތުން ހޯރަފުށީ ދާއިރާގެ މެންބަރު އަލްފާޟިލް އަޙުމަދު ރަޝީދު ކުއްލި މައްސަލައެއް ހުށަހަޅާފައިވެއެވެ.
އަދި އިއްޔެގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލު މަހިބަދޫ ދާއިރާގެ މެންބަރު އަލްފާޟިލާ ރުޤިއްޔާ މުޙައްމަދު ހުށަހަޅައި ދެއްވިއެވެ.
މިޖަލްސާގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ބިލަށް މަޖިލީހުންގެންނެވި އިޞްލާޙުތަކާއެކު އެބިލުވަނީ މަޖިލީހުން ފާސްކޮށްފައިވެއެވެ. މީގެ އިތުރުން ހިޔުމަންރައިޓްސް ކޮމިޝަނުގެ ރައީސްކަމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ މ. ހުކުރަދިގެ، އަލްފާޟިލާ މަރިޔަމް ޢަޒުރާ އަޙްމަދު، ހިޔުމަންރައިޓްސް ކޮމިޝަނުގެ ރައީސްކަމަށް ފެންނަކަމަށް މަޖިލީހުން ފާސްކުރައްވާ އަދި ހިޔުމަންރައިޓްސް ކޮމިޝަނުގެ ނާއިބު ރައީސްކަމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ ދޭލިޔާއާގެ، ޅ.ހިންނަވަރު، އަލްފާޟިލާ ޖީހާން މަޙްމޫދު ހިޔުމަންރައިޓްސް ކޮމިޝަނުގެ ނާއިބު ރައީސްކަމަށް ނުފެންނަކަމަށް މަޖިލީހުންވަނީ ފާސްކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މަޤާމުތަކުގެ މުސާރައިގެ އޮނިގަނޑު މާލިއްޔަތު ކޮމިޓީން މުރާޖަޢާކުރައްވާ އެކުލަވާލައްވާ ނިންމަވާ މަޖިލީހަށް ހުށަހަޅުއްވާފައިވާ ގޮތުގެ ރިޕޯޓު އަލުން ދިރާސާކުރެއްވުމަށް މާލިއްޔަތު ކޮމިޓީއަށް އަނބުރާ ފޮނުއްވުމަށްވެސް މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފައެވެ.