މެންބަރުންގެ ޚިޔާލު: ޖަވާބަކީވެސް ސުވާލެއް!!!!!

4 އޮކްޓޯބަރ 2010

ލިޔުނީ:ފުނަމާ

1-450-x-299

މިއަދު ރާއްޖޭގެ މަސްރަޚްގައި މިކިޔާ އިދިކޮޅު މީހުން ކޮންމެ ކަމަކާ ބެހޭ ގޮތުންވެސް ތަންތަނަށް އަރައި ދައްކަމުން ގެންދާ ކޮންމެ ވާހަކަޔަކުންވެސް އެމީހުންގެ ތަސައްރަފު ފުދިގެންވާ މިންވަރާ މެދު އެތަކެއް ސުވާލު މިދަނީ އުފެދެމުންނެވެ.
މިސާލެއްގެ ގޮތުން ސަރުކާރާ އިދިކޮޅުނޫން ހާބަޔަކު ކަނޑާ ވަކިކޮށް ބޭރުކުރަމުންދާ ކަމުގައި ބުނާއަޑުއިވޭ ބައެއް މީޑިޔާ ތަކުގެ ޚަބަރުތަކަށް ބަލާލަމާ ހިންގަވާށެވެ. ސަރުކާރުން ކުރަމުން ގެންދާ ރައްޔިތުންނަށް ފައިދާހުރި ކަމެއްގެ ޚަބަރު ކިޔާ ނިންމާލާއިރު އެކިޔުނު އެއްޗެއް ބަދަލުކޮށް ކޮންމެވެސް އިތުރު “ނަގޫފިތާލުމެއް ” ނުގެންގުޅެވިއްޖެނަމަ އެޚަބަރެއް ފުރިހަމަވާ ކަމުގައެއް އެމީހުން ނުދެކެއެވެ. މިސާލަކަށް ގުޅިފަޅު ހިއްކުމުގެ މަޝްރޫޢާގުޅޭ ޚަބަރު ގެނެސް ދީނިންމާލަމުން އަދި އައްޑޫއާ މާލެޔާ ދެމެދުވެސް ނުހިއްކެޔޭ ބުނެނުލައިފިއްޔާ އެއީ ” ދިޚަބަރަކަށް ” ނުވެއެވެ.
އެހެންނާ ފަހެ މިސަރުކާރު ހިންގާން މިއުޅެނީ އިދިކޮޅު މީހުން ބުނާހާ ގޮތަކަށް ކަމުގައި އެވެރީންނަށް ހަމަ ހީވަނީހެއްޔެވެ؟ ގައިމުވެސް އެހެނެއް އެކަމެއް ނުވާނެއެވެ. މިސަރުކާރުގެ މޭސްތިރީންގެ މެނިފެސްޓޯގައި އިދިކޮޅު މީހުން އެޅިހާ ބަތަކަށް ރިހަވާނެ ކަމަށް ލިޔެފައި އޮއްވައެއް ހަމަ ހޯދައި ހޯދައިވެސް ނުފެނުނެވެ. އެގޮތައް އެކަން ކުރެވޭނީ އެހެން ނަމަތާއެވެ.
ސަރުކާރުގެ ތާއީދު ރައްޔިތުންގެ ކުރިމަތީގައި އެއްދުވަހުން އަނެއް ދުވަހު ދަށްވަމުން ދެޔޭ ބުނެއެވެ. އެކަމަކު މިހާރު ފެންނަނީ ރައީސް ނަޝީދު ރަށަކަށް ވަޑައިގެންފިނަމަ ކުރިޔަށްވުރެ ގައިމުވެސް ގިނަމީހުން ( ކުރީން އެރަށްރަށުން ފެންނަވަރަށްވުރެ މާގިނައިން) ނުކުމެ ސަނާދަންނަވާ ތަނެވެ. ސޯޅާވަރަކަށް ހާސްމީހުންނައިގެން ވެރިކަން ލިބުނުއިރު މެންބަރުން ގުނެމުންދިޔަ ޕާޓި މިއަދު އޮތީ ސާޅީސް ހާހުގެވެސް މަތީން އަދަދު ކުރުމުގައެވެ. އަދިވެސް އެއްދުވަހުން އަނެއް ދުވަހަށް މެންބަރުންނާއި ގޮފިތައް މިދަނީ އިތުރުވަމުންނެވެ. ދެން ބުނަނީ އެއީ މީހުން ބިރުދައްކައިގެން ކަމުގައެވެ. ވާނީވެސް އެހެންތާއެވެ. ހަނދު އިރުއްވުމުން އަބޫޖަހުލުވެސް ކޮންމެވެސް އެއްޗެއް ބުނިވިއްޔާއެވެ.
ބައިނަލް އަގުވާމީ ދުނިޔޭގައި އެއްކަލަ ނިއްކުރި ތަނަވަސް ބުއްރާސް ކަލޯމެން މިސަރުކާރުގެ ބަދުނާމު ވާހަކަ ދައްކައިގެން ރާއްޖެއަށް އިޤްތިސާދީ ގޮތުން ދަތިކުރެވޭތޯ އުޅެއުޅެފައި އައިސް މާއަބުއިކޮށް ލިޕްސްޓިކް ހާކައިގެން މީޑިޔާއަށް އަރައި މިއައީ މުޅީން މިސަރުކާރު ބޭޒާރުކޮށް އިންސާނީ ހައްޤުތަކުން ރައްޔިތުން މަހުރޫމުކުރާކަން އަންގާ ދީފަޔޭ އެމީހުން ތިބީ މިކަން މިހާރު ގަބޫލު ކޮށްގެންނޭ ބުނެ ގެޔަށް ނުދެވެނީސް އެއޮށްބޮޑު އ ދ ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖުލީހުގައި ނުލާހިކު ފަތަރާސީކޮށް ސަތޭކަ އަށްޑިހައެތައް ޤައުމެއްގެ ތާއީދާއެކު އެބުނާ ޑރ ޝަހީދު އެއިންނަވަނިކޮށް ފެނުނީ އެއްފައި މައްޗަށް އަނެއްފައި އެއްލަވައިގެންނެވެ. ދެން އެގޮވަނީ ގުއަންޓަނާމޯބޭ ޖަލުން މީހުން ގެނައުމަށް މަޖުލިހުން ތާއީދު އޮތްތޯ ބެލުމަށްވުރެ ޑރގެ އިތުބާރު އޮތްތޯ ސުވާލުކުރުން މާރަނގަޅު ވާނެކަމަށެވެ. ބަލަގަ އެބުނާ މަޖުލީހުގައި ތިމާމެންގެ ގަދަބަސް ވިކުނުއިރު އެކަން ނުކުރެވޭ ހެއްޔެވެ؟
ތިރީސް އަހަރުގެ ވެރިކަމުގައި އަތޮޅުތަކުން މީހުންގެ ތާއީދު އިތުރުކޮށް މާލެޔަށް ފުނިޖަހައިގެން ޅޮސްއުނދޯއްޔަށް އެރުވި މީހުން ރަހީނުކޮށްގެން ގެންގުޅޭންހެދި ދަފްތަރުގެ މަޅީގައި ޖެހުނު އެންމެހާ ނިކަމެތީންގެ ރަށްފުށުގައި ހުރި މުދާކޮޅު ވީރާނާ ވެދިޔަކަން ހުސޭނިކުގެ ދަރިޔަށް އަދިރޭކާލީ މިއަދުއެވެ. އެވެސް މާލޭގައި ރޯހައުސްތަކާ ފުލެޓުތައް އަޅާނެކަން ޔަޤީންވެ ގުޅިފަޅު ހިއްކާން ފެށީމަވެސް ތޯއްޗެކެވެ. މުނާފިގުވިޔަސް މިއީދެން ބޮޑުވަރެކެވެ. އެބުނާ ރޯހައުސްއާއި ހައުސިންގ ސްކީމްތަކާ ފުލެޓުތަކުގެ ވާހަކަ ދައްކަނީ ފަހެ ކޮންބަޔެއްކަން ހަމަ ބިން ހުސެންމަނިކަށް ނޭނގެނީހެއްޔެވެ؟ ނޫނީ އެނގޭކަމަށް ނަހަދަނީހެއްޔެވެ؟
ދާއިރާތައް އެއްކޮށްލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންސަރުކާރާއެކު މާރުހިގެން ވާހަކަ ދައްކާ އެކަން ހަގީގަތަކަށް ވާން ފެށުމުން ދުރުގައި ތިބެގެން މިއަދު ރައްޔިތުންގެ ކުރިމަތީގައި ސަރުކާރުގެ ބޮލުގައި ތެތްގޯނި އަޅުވާން އުޅުނަކަސް ދެކޮޅުޖެހޭކަށް ނެތެވެ. ޤާނޫނުގައި އެބުނާގޮތަށް ލިޔުނީ ރައީސް އޮފީހަކުން ނޫނެވެ. އެކަން ފާސްކުރީ މުޅިއޮޑިގައި ހަސަނު ދެފައި އޮތްއިރު މަޖުލީހުގެ ހަފޮޅުން އެތެރޭގައި ހަމަހޭގައި ތިއްބަވައިގެންތޯ ސުވާލުކޮށްފިއްޔާވެސް ދައްކާނެ ކޮންމެވެސް ވާހަކައެއް އޮންނާނެދޯއެވެ.
މިއަދު ތިމާމެން ފޭހުނު އިލޮށިގަނޑު އަމިއްލަ ލޮލަށްހެރި މުސްކުޅިހާލުގައި ފިލާއޮތަނުދީ ނެރެގެން ސަރުކާރާ އިދިކޮޅަށް މުޒާހަރާ ކުރާން މަރުދަންޖެހޭއިރު ” ގޯތީކުދީން ” ހައިޖާނުވެގެން ދެފުށަށް ކެނޑޭ ކެނޑުން ހުއްޓުވޭތޯ އުޅުނިއްޔާ މާރަނގަޅުވާނެއެވެ. އެކަމަކު ކުރާނެ ކަމެއްވެސް ނެތެވެ. އެކުއުޅެނީ ހުސް ” މަވެރިވެގެންއުޅޭ ” މީހުންނެވެ. ގަދަރެއް އިޙުތިރާމެއް ކުރާންއެނގޭ ފެންވަރުގެ ތައުލީމީ ގާބިލް މީހަކު ހުރީވިއްޔާ ނިމިދިޔަ ކޮންގްރެސްގައި ގޯންޏަށް އަޅައި ފަހާފައި އެކްސްޕޯޓު ކޮށްފިއެވެ. މިވަރުގެ ބަޔަކު ދެންކުރާ ކަންކަމަށް އަމަށުންތިބި ބަޔަކު އެއްބައި ނުވާނޭކަން މިއަދު މިދަނީ އެނގެމުންތާއެވެ. އެކިޔާ އެއްޗެތީންނާއި “ދިޚަބަރުގެ” ސެހެރީގަނޑުން ވާކަމަކީ އަމިއްލަ މީހުންކޮޅަށްވެސް އިތުރުވާ ސުވާލުތަކުގެ ޖަވާބު ނުލިބިގެން އެންމެފަހުން މަދާމަގުން ތަންދޭށޭ ބުނެ ނުކުމެ ވައިފައްސިޔަށް ދީލާލަނީއެވެ. ފަސްއެނބުރި ބަލާލައިފިނަމަ އެކިޔަނީ ތާތާއެވެ. ތިމާމެން ކުރިމަތިކުރާ ކޮންމެ ސުވާލެއްގެ ޖަވާބަކީވެސް ރައްޔިތުން މިއަދު ތިމާމެންނާ ކުރާ ސުވާލަކަށްވެ ހުރެނިމި ހަފުސްވަނީއެވެ.