އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކޮށްފި

4 އޮކްޓޯބަރ 2010

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ދާއިރާތަކުގެ އިންތިޚާބު 2010ގެ ދާއިމީ ނަތީޖާ މީގެ ކުޑައިރުކޮޅެއްކުރިން އިޢުލާންކޮށްފިއެވެ.
މިއިންތިޚާބުގެ ނާތީޖާ އިޢުލާން ކުރުން އޮތީ މިރޭ 7 ޖެހިއިރު އެމްޑީޕީ ސެކްރެޓޭރިއަޓްގެ ފުރަތަމަ ފަންގިފިލާގައެވެ. ނަތީޖާ އިޢުލާންކޮށްދެއްވީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު މުޙައްމަދު އިމްތިޔާޒް އާއި، އެމްޑީޕީ ގެ އިންތިޚާބާ ބެހޭ ކޮމިޓީގެ މެމްބަރު އަދި އެންސްޕާގެ ޗެއަރމަން އިބްރާހީމް ވަހީދެވެ.
މިރޭ ދާއިމީ ނަތީޖާ އިޢުލާންކޮށްފައިވަނީ އިންތިޚާބާއި ބެހޭ ޝަކުވާ ހުށަހެޅިފައިވާ 2 ދާއިރާއެއް ފިޔަވައި އެހެން ދާއިރާތަކުގެ ނަތީޖާއެވެ. އެގޮތުން ދާއިމީ ނަތީޖާ އިޢުލާންކޮށްފައި ނުވާ 2 ދާއިރާއަކީ ތުލުސްދޫ ދާއިރާއާއި ތޮއްޑޫ ދާއިރާއެވެ. މީގެ އިތުރުން ނައިފަރު ދާއިރާގެ ނައިބު ރައީސްގެ މަޤާމާއި، ސެކްރެޓަރީގެ މަޤާމާއި، އިންތިޒާމް ސެކްރެޓަރީގެ މަޤާމާއި ބެހޭ ގޮތުން މައްސަލަތަކެއް ހުށަހެޅިފައިވާތީ އެމަޤާމްތަކުގެ ދާއިމީ ނަތީޖާ ވެސް މިރޭ އިޢުލާންކޮށްފައެއް ނުވެއެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު މިރޭ ވިދާޅުވީ ދާއިމީ ނަތީޖާ އިޢުލާން ނުކުރެވިވާ ދާއިރާތަކުގެ ނަތީޖާ މިހަފްތާގެ ތެރޭގައި އިޢުލާންކުރެވޭނޭ ކަމަށެވެ.