ކޮމަންވެލްތް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގެ ފުރިހަމަކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށް މަރުޙަބާ ވިދާޅުވެއްޖެ

ރޭ އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވުނު ކޮމަންވެލްތް ގޭމްސް 2010 ހުޅުވުމުގެ ރަސްމިއްޔާތުގެ ފުރިހަމަކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިންޑިޔާ ސަރުކާރަށާއި ރައްޔިތުންނަށް މަރުޙަބާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް މަރުޙަބާ ވިދާޅުވީ، މިއަދު މެންދުރު އިންޑިޔާގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންގާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކޮމަންވެލްތް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތާ އެއްގޮތަށް އެ މުބާރާތުގެ އެހެނިހެން ކަންތައްތައްވެސް ދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ.
އަދި، ރާއްޖޭގެ އިޤްތިޞާދާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން، އިޤްތިޞާދު މިހާރުދަނީ ވަރަށް ބޮޑަށް ރަނގަޅުވަމުން ކަމަށާއި، އެހެންނަމަވެސް މަސްވެރިކަމުގެ ދާއިރާގައި އަދިވެސް ބައެއް ދަތިތަކެއް ހުރި ކަމުގައި ފާހަގަކުރެއްވިއެވެ. މިގޮތުން ރާއްޖޭގައި އަކުއަކަލްޗަރގެ މަސައްކަތް ކުރިއެރުވުމަށް އިންޑިޔާ ސަރުކާރުގެ އެހީ ހޯއްދެވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ބޮޑުވަޒީރު މަޝްވަރާކުރެއްވިއެވެ.
ޑޮކްޓަރ މަންމޯހަން ސިންހުގެ ވާހަކަފުޅުގައި، ކޮމަންވެލްތް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިކަމީ އެމަނިކުފާނު ވަރަށް އުފާފުޅުކުރެއްވި ކަމެއް ކަމުގައި ވިދާޅުވިއެވެ.
އަދި، އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސަމިޓާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ކާމިޔާބު ސަމިޓެއް ބޭއްވުމަށް ރާއްޖެއަށް ވެދެއްވެން އޮތް ހުރިހާ އެހީއެއް އިންޑިޔާ ސަރުކާރުން ވެދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
ބޮޑުވަޒީރު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ސާކް ސެކްރެޓަރީ ޖެނެރަލާއި ސާކް ސެކްރެޓޭރިއޭޓްގެ ދައުރު މިހާރަށްވުރެ ފުޅާކުރުމަށް ރާއްޖެއިން ހުށަހަޅާފައިވާ ހުޅަހެޅުމަށް އިންޑިޔާއިން ތަރުޙީބުދޭ ކަމުގައިވެސް ހާމަކުރެއްވިއެވެ.