ޗެއާޕާސަންގެ ނައިބުގެ މަޤާމުގައި އަލްފާޟިލް ޢަލީ ޝިޔާމް ކޮށްދެއްވި އަގުހުރި މަސައްކަތްތަކަށް ޝުކުރުއަދާކުރަން

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަންގެ ނައިބު (އިދާރީ)ގެ މަޤާމުގައި އަލްފާޟިލް ޢަލީ ޝިޔާމް މި ޕާޓީއަށް ކެނޑިނޭޅި ކޮށްދެއްވި މަސައްކަތްތަކަށް ފަށްފަށުން ޝުކުރު އަދާކުރަމެވެ.

2012 ވަނަ އަހަރުން ފެށިގެން ޗެއާޕާސަންގެ ނައިބުގެ މަޤާމުގައި ހުންނަވައިގެން އަލްފާޟިލް ޢަލީ ޝިޔާމް ވަނީ އެމްޑީޕީއަށް ކުރިމަތިވި އެންމެ ދަތި، އުނދަގޫ ދުވަސްވަރުގައި ފިޔަވަޅެއްވެސް ފަހަތަށް ނުޖެހި އިޚްލާސްތެރިކަމާއެކު ޚިދުމަތްކޮށްދެއްވާފައެވެ. ޗެއާޕާސަންގެ ނައިބުގެ ހައިސިއްޔަތުން ކެމްޕޭން އަދި މެމްބަރޝިޕް ކޮމިޓީގެ މުޤައްރިރުކަން ކުރައްވަމުން ޕާޓީގެ އިދާރީ ކަންކަން ބައްލަވައި، ޕާޓީގެ މެމްބަރުންނާއެކު އެންމެ ކުރީ ސަފުގައި އަލްފާޟިލް ޢަލީ ޝިޔާމް ވަނީ ޙަރަކާތްތެރިވެވަޑައިގެންފައެވެ.

ފާއިތުވީ 5 އަހަރުދުވަހު އަލްފާޟިލް ޢަލީ ޝިޔާމް ކޮށްދެއްވި މަސައްކަތްތަކަކީ މިޕާޓީއަށް އަގުނުކުރެވޭނެވަރުގެ މުހިއްމު މަސައްކަތްތަކެކެވެ. މި ޕާޓީގެ އެދުމަކީ މިޕާޓީ އުފެދުނު އިރުއްސުރެ މިއަދާ ހަމައަށް އަލްފާޟިލް ޢަލީ ޝިޔާމް މިޕާޓީއަށް ކޮށްދެއްވަމުން ގެންދެވާ އަގުހުރި މަސައްކަތުގައި އެމަނިކުފާނު ދެމިހުންނެވުމެވެ. މިޕާޓީގެ ދުޢާއަކީ އަލްފާޟިލް ޢަލީ ޝިޔާމްގެ ނުގުޑާ އަޒުމާއި ހިތްވަރާއި ސިޔާސީ ތަޖްރިބާގެ ބޭނުން މިޕާޓީއަށް އަބަދުމެ ލިބިލިބި ހުރުމެވެ.