ބޭއިންސާފުން އަނިޔާ ލިބެމުންދާ އެއްވެސް ރައްޔިތަކު އެކަހެރިކޮށްފައި އެމްޑީޕީން ނުބަހައްޓާނެ ކަމަށާއި އަނިޔާއާއި ބޭއިންސާފާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި އަބަދުވެސް ދެމިތިއްބަވާނޭ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަޙްލޫފް މިނިވަންވުމާ ގުޅިގެން މަޙްލޫފުގެ ޝަރަފްގައި އެމްޔޫއޯއިން އެމްޑީޕީ ހަރުގޭގައި ހުކުރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ޝިފާޒް ވިދާޅުވީ އަނިޔާވެރި ވެރިންގެ ކުރިމަތީގައި ހިތްވަރުކުރުމަކީ އުނދަގޫ ކަމެއް ކަމަށާއި، އެކަމުން ޖިސްމަށް އެތައް އަނިޔާއެއް ލިބި ހިތްތަކަށް އެތައް ހިތްދަތި ކަމެއް ލިބިގެންދާނޭ ކަމަށެވެ. އެހެން ނަމަވެސް ނުގުޑާފަދަ ހިތްވަރަކާ، ސާބިތުކަމާއި ވަރުގަދަ އަޒުމެއްގައި ތިބެއްޖެ ނަމަ މިފަދަ އަނިޔާތަކަށް ކެތްކުރެވިދާނޭކަން މަޙްލޫފް ދައްކަވައިދީފި ކަމަށެވެ.
ޝިފާޒް ވިދާޅުވީ މަޙްލޫފް އަކީ ސާބިތުކަމާ ހިތްވަރުކުރުމުގެ ނަމޫނާއެއް ކަމަށާއި، 10 މަހާއި 26 ދުވަހު އާއިލާއާއި ދުރުގައި މަޙްލޫފް ހޭދަކުރެއްވި ދުވަސްތަކަކީ އެކަމުގެ ހެއްކެއް ކަމަށެވެ. މީގެ އިތުރުން މަޙްލޫފުގެ ހިތްވަރަށް ސެލިއުޓްކުރާ ކަމަށާއި، ވޭތުވެދިޔަ ދައުރުގައި މަޙްލޫފާ އެކު ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވި ކަމަށްޓަކައި މިއަދު ފަޚުރުވެރިވާ ކަމަށެވެ.
އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ ކޮއްކޯފުޅު ހައްޔަރުކުރުމަށް އިޝާރާތްކުރައްވައި ޝިފާޒް ވިދާޅުވީ މިހާރަކަށް އައިސް ފުލުހުން ސިޔާސީ މީހަކު ހައްޔަރުކުރަން ވީމާ ދައްކަވަނީ އިންޓެލިޖެންސް ރިޕޯޓެއްގެ ވާހަކަ ކަމަށާއި، ބަންދުގައި ބަހައްޓަން ވީމާ ދައްކާ ވާހަކަ އަކީ ހެކި ފޮރުވަން އުޅޭ ވާހަކަ ކަމަށެވެ. އޭނާ ވިދާޅުވީ ކިތަންމެ ވަރަކަށް ބިރުދެއްކެވި ނަމަވެސް ދެން ދިވެހިރައްޔިތުންގެ ދުލުގައި ނުހިފެހެއްޓޭނޭ ކަމަށާއި، ޤާނޫނު އަސާސީން ދިވެހިރައްޔިތުންނަށް ލިބިދޭ ހައްގު އެއަށްވުރެ މާ ފުޅާ ކަމަށެވެ.
ޝިފާޒް ވިދާޅުވީ އެމްޑީޕީން ފެށި އިސްލާހީ މަސައްކަތުގައި އުޅުއްވި އެތައް ބަޔަކަށް ނުހައްގުން އަނިޔާ ލިބި މިއަދުވެސް ހައްޔަރުގައި އެބަތިބި ކަމަށާއި، އެ ފަރާތްތަކާ މެދު އިންސާފުން ކަންތައް ކުރެވިފައިވޭތޯ ދިވެހިރައްޔިތުން ސުވާލު އުފައްދާ ކަމަށެވެ.
ޤާނޫނުގެ ދިގު އަތް ރައީސް ޢަބްދުﷲ ޔާމީން އާއި އަރިހުގައި މަސައްކަތްކުރައްވާ މަދު ބޭފުޅުންނާ ވެސް އަރައި ހަމަކުރާނޭ ދުވަސް އަދި އަންނާނޭ ކަމަށާއި، އެ ދުވަސް މާ ދުރެއްގައި ނެތް ކަމަށެވެ.
ޚާއްޞަ ތަރާވީހަކާ އެކު ބޭއްވި މި ޖަލްސާގައި އެމްޔޫއޯގެ އިސް ބޭފުޅުންނާއި، އެމްޑީޕީއާއި އެޕާޓީއާ ގުޅިފައިވާ ޕާޓީތަކުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.