mdp_banner

Thursday, June 8, 2017

ދިވެހިރާއްޖެ އދ ގެ ހިއުމަން ރައިޓްސް ކައުންސިލްގެ އެޖެންޑާގައި ހިމެނޭ ޙާލަތަށް ވައްޓާލާފައިވާތީ ކަންބޮޑުވަން

ދިވެހި ސަރުކާރުން ރައްޔިތުންނަށް ކަށަވަރުކޮށްދޭންޖެހޭ އިންސާނީ ޙައްޤުތައް ފޯރުކޮށްދިނުމުގައި އިހުމާލުވެ، އެ ޙައްޤުތަކުން ރައްޔިތުން މަހުރޫމުކުރަމުން ގެންދާތީވެ ސަރުކާރު ޖަވާބުދާރީކުރުވުމަށް ދުނިޔޭގެ އިންސާނީ ޙައްޤުތަކާ ބެހޭ އެންމެ މަތީ ޖަމްޢިއްޔާ، އދ ގެ ހިއުމަން ރައިޓްސް ކައުންސިލްގެ އެޖެންޑާގައި ދިވެހިރާއްޖެ ހިމެނޭ ޙާލަތަށް ދިވެހިރާއްޖެ ވައްޓާލާފައިވާކަމީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ކަންބޮޑުވާކަމެކެވެ.

އދ ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 35 ވަނަ ބައްދަލުވުމުގައި 30 އަށްވުރެ ގިނަ ޤައުމުތަކުން ތަޢީދުކޮށް އެޖެންޑާ އައިޓަމް 2 ގެ ދަށުން ބުދަ ދުވަހު އިނގިރޭސިވިލާތުން އިއްވި ބަޔާނުގައި ޤާނޫނު އަސާސީންނާއި ބައިނަލްއަޤްވާމީ މުޢާހަދާތަކުން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ޙައްޤުތައް ފޯރުކޮށްދިނުމުގައި ތަކުރާރުކޮށް ދިވެހި ސަރުކާރުން އިހުމާލުވުމާއި، ރައްޔިތުންނަށް ބިރުދެއްކުމާއި ހައްދުފަހަނަޅާފައިވާ ފިކުރަށް ދިވެހިރާއްޖޭގައި ޖާގަ ލިބިދިނުމާއި، މަދަނީ އެތައް ޙައްޤުތަށް ނިގުޅައިގެންފައިވާތީ ކަންބޮޑުވުން ފާޅުކޮށް އެ ކަންކަން އިސްލާޙްކުރުމަށް ވަނީ ގޮވާލާފައެވެ. އދ ގެ ހިއުމަން ރައިޓްސް ކައުންސިލްގެ އެޖެންޑާގައި ގައުމުތައް ހިމަނަނީ ޙައްްޤުތައް ނިގުޅައިގަތުން ބޮއްސުންލައި، އަނިޔާވެރިކަން އިންތިހާއަށް ދިއުމުންނެވެ. ކައުންސިލްގެ އެޖެންޑާގައި ހިމެނުމާއެކު ދިވެހިރާއްޖޭގެ ޙާލަތު ބެލުމަށާއި އެކަންކަން އިސްލާޙްކުރުމަށް ބާރު އަޅައި ސަރުކާރުގެ ޢަމަލުތައް އޮބްޒާވްކުރަން ފެށާނެއެވެ.

ލިޔުންތެރިޔާ ޔާމީން ރަޝީދު މަރާލުމާއި ނޫސްވެރިޔާ އަޙްމަދު ރިލްވާން ގެއްލުވާލުމާ ގުޅޭ ގޮތުން އާއިލާއިންނާއި ރައްޔިތުން ސުވާލުކުރުމުން އެއީ ‘ސިޔާސީ’ ކުރުން ކަމުގައި ބުނެ އެސުވާލުތަކަށް އެއްވެސް ޖަވާބެއް ނުދިނުމަކީ ދައުލަތުގެ މުވައްސަސާތަކުން މަސްއޫލިއްޔަތު އަދާކުރުމުން ރެކުމަށް މަސައްކަތްކުރުމެވެ. ރައްޔިތުން މެރުމާއި، ގެއްލުވާލުން ފަދަ އަނިޔާވެރިކަމެއް ރާއްޖޭގައި ބަޔަކު ރާވައިގެން މިއަދު ކުރާއިރު އެ ބަޔަކު ދިވެހި ފުލުހުންނަށާއި ސިފައިންނަށް ނުހޯދޭނެ ކަމަކަށް މި ޕާޓީން ނުދެކެމެވެ. އަދި އެކަން ކުރި، ރޭވި، އަދި ފައިސާ ޚަރަދުކުރި ބަޔަކު ހޯދައި އެކަމާ ގުޅޭ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރަންޖެހޭނެއެވެ.

ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހެޅުނު ބަޔާނުގައި ދިވެހިރާއްޖޭގައި މިނިވަންކަމާއެކު ސިޔާސީ ޙަރަކާތްތައް ހިންގުމަށް އޮތް ޖާގަ ހަނިވަމުން އަންނަކަންވަނީ ފާހަގަކޮށްފައެވެ. ފާއިތުވީ އަހަރުތަކުގެ ތެރޭ ސިޔާސީ ޕާޓީތަކުގެ ބާރު ކަނޑުވާލައި، މިނިވަންކަމާއެކު ޕާޓީ ހިންގުމުގެ ބާރުތައް ނެތިކޮށް، ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ޤާނޫނު އަސާސީގެ ރޫޚާ ޚިލާފް އެތައް ބަދަލުތަކެއް ގެނެސް މުޅި ޑިމޮކްރަޓިކް ނިޒާމް މިވަނީ ހައިޖެކްކޮށްފައެވެ. ވާދަވެރި ޕާޓީތަކުގެ ލީޑަރުންނަށް ސިޔާސީ ދައުވާތައްކޮށް ވަނީ ޖަލުގައި ބަންދުކޮށްފައެވެ. އަދި އެފަރާތްތަކުގެ މުދަލަށް ސަރުކާރުން އަރައިގަނެ އާއިލާއަށް ފުރައްސާރަކުރުން މިވަނީ އާންމުވެފައެވެ.

ދިވެހި ސަރުކާރުގެ ޢަމަލުތައް މިއަދު ބޮއްސުންލާފަައިވާއިރު، އެކަންކަން އިސްލާޙްކުރުމުގެ ޒިންމާ ޤާނޫނު އަސާސީން މަތިކޮށްފައިވަނީ ދައުލަތުގެ މުވައްސަސާތަކާއެވެ. އެހެންނަމަވެސް މުވައްސަސާތައް މިއަދު އިންތިހާއަށް ސިޔާސީވެ، ތިން ބާރު ވަކިވެފައިވާ ސިޔާސީ ނިޒާމު ވަނީ ގަޑުބަޑުކޮށްފައެވެ.

ހިއުމަން ރައިޓްސް ކައުންސިލްގެ އާންމު ބައްދަލުވުމުގެ އެޖެންޑާ އައިޓަމް 2 އިއްވި މި ބަޔާނުގައި ފާހަގަކޮށްފައިވާ ކަންކަމަށް ސަމާލުކަންދީ މިހާރުން މިހާރަށް އެކަންކަން އިސްލާޙް ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލަމެވެ. ބިރު ދެއްކުމާއި ހަރުކަށި ފިކުރަކީ މިއަދު ދިވެހިންނަށް ކުރިމަތިވެފައިވާ ބޮޑު ބިރުވެރިކަމެއްކަމުގައިވާތީ އެކަން ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް ގޮވާލަމެވެ. މިނިވަންކަމާއެކު ސިޔާސީ ޕާޓީތައް ހިންގުމުގެ ޖާގަދީ، ސިޔާސީ ލީޑަރުން މިނިވަންކޮށް މިނިވަން މުވައްސަސާތައް މުސްތަޤިއްލުކަމާއެކު ހިންގުމަށް ޖާގަދީ ފުރިހަމަ ޑިމޮކްރަޓިކް ނިޒާމެއް ބިނާކުރުމަށް ދައުލަތުގެ މުވައްސަސާތަކަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކެޓޭރިއެޓް
ތާރީޚް: 8 ޖޫން 2017

No Comments »

No comments yet.

Leave a comment