ޖުމްހޫރީ ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުންކުރުން މަނާކޮށް އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް އެންގިއެންގުން ކުށްވެރިކުރުން.

ޖުމްހޫރީ ޕާޓީގެ ދިދަ އާއި ލޯގޯ އެޕާޓީން ބޭނުންކުރުން މަނާކޮށް އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް އަންގާފައިވާތީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ން އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.
ޖުމްހޫރީ ޕާޓީގެ ދިދަ އާއި ލޯގޯ މަނާކޮށްފައިވަނީ ޢަބްދުﷲ ޔާމީނުގެ ސަރުކާރުގެ ހޯމް މިނިސްޓްރީން ދާދިފަހުން ހަދާފައިވާ ހަމައިން ނެއްޓިފައިވާ އުސޫލެއްގެ ދަށުން، ޖުމްހޫރީ ޕާޓީގެ ދިދައާއި ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަވާ ދިދައާއި ވައްތަރުކަމަށް ބުނެއެވެ.
ޖުމްހޫރީ ޕާޓީގެ ދިދައާއި ލޯގޯ އަކީ އެޕާޓީ އުފެއްދިއިރު ކުރަހާ ޑިޒައިންކޮށް ރަޖިސްޓްރީކުރެވިގެން ބޭނުންކުރެވެމުންދާ އެޕާޓީގެ ފިކުރީ މުދަލެކެވެ. އެޕާޓީގެ ފިކުރީ މުދަލެއްގެ ޙައްޤަށް ފަހުން ހަދާ އުސޫލަކުން އެގޮތަށް އަރައިގަތުމަކީ ޤާނޫނީ ގޮތުން ކުރެވޭނޭކަމެއްނޫނެވެ. ވަކިން ޚާއްޞަކޮށް ދައުލަތުގެ މުއައްސަސާތަކުން އަމިއްލަ ފަރާތްތަކުގެ މުދަލަށް މިފަދައިން އަރައިގަތުމަކީ ވަރަށް ނާތަހުޒީބު ވިޔާނުދާ ޢަމަލެކެވެ. މިކަމުންވެސް އެނގިހާމަވަނީ ޢަބްދުﷲ ޔާމިންގެ ސަރުކާރު ހަމައިން ނެއްޓިފައިވާ މިންވަރެވެ. އަދި ސަރުކާރުން ވާދަވެރި ސިޔާސީ ޕާޓީތަކަށް ފުރައްސާރަ ކުރުމުގައި އެންމެ ދަށުދަރަޖައިގެ އަމަލުތައް ހިންގާކަމެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ޙާއްޞަވާ ދިދައާ ވައްތަރުކަމަށްބުނެ ޖުމްހޫރީ ޕާޓީގެ ދިދަ ބޭނުންކުރުން މަނާކޮށްފައިވާއިރު، ޖުޑިޝަރީން ބެނުންކުރަން ފަށާފައިވާ ލޯގޯއަކީ އެމް.ޑީ.ޕީން ބޭނުންކުރަމުން އަންނަ ލޯގޯއާއި އެއްގޮތްކަމެއް ހުރި ލޯގޯއެކެވެ. އަދި އެމް.ޑީ.ޕީގެ ލޯގޯއަކީ ސުޕްރީމްކޯޓާއި އިލެކްޝަންސް ކޮމިޝަނަށްވުރެ ވެސް ދޮށީ ނުވަތަ އެ ދެތަން އުފެދުމުގެ ވެސް މާކުރިން މިޕާޓީން ކުރަހާ ޑިޒަންކޮށް ރަޖިސްޓްރީ ކުރެވިގެން ބޭނުންކުރަމުންއަންނަ ލޯގޯއެކެވެ.
އެހެންކަމަށް ވާއިރު، މި ޕާޓީން ބޭނުންކުރަމުންއަންނަ ލޯގޯއާއި އެއްގޮތް ލޯގޯއެއް ޖުޑިޝަރީން ބޭނުންކުރަމުން ގެންދާއިރު އެކަންކުރުން އެފަރާތަށް މަނާނުކުރެވޭ ކަމަށްވާނަމަ، އެގޮތަކީވެސް ހަމަޖެހޭ ގޮތެއް ނޫންކަށް ލަދުވެތިކަމާއިއެކު ފާހަގަކުރަމެވެ.
ގިނަ ޕާޓީއެކުލެވޭ ސިޔާސީ ނިޒާމަށް ފުރައްސާރަ ކުރުމުގެ ނިޔަތުގައި ޢަބްދުﷲ ޔާމީންގެ ސަރުކާރުން ކުރަމުންގެންދާ ހަމައިންނެއްޓިފައިވާ އަމަލުތައް ހިންގުން ވަގުތުން ހުއްޓާލުމަށް މިޕާޓީން ސަރުކާރަށް ގޮވާލަމެވެ.
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚް : 5 ޖޫން 2017