އޮޕޮޒިޝަންގެ ވަފްދެއް ޖަރުމަނު ވިލާތަށް ވަޑައިގަންނަވައިފި

ދިވެހިރާއްޖޭގެ ހީނަރުވަމުން އަންނަ ސިޔާސީ މަޝްރަޙާ ގުޅޭ ގޮތުން ޖަރުމަނު ވިލާތުގެ ސަރުކާރުގެ އިސްފަރާތްތަކާއި، ޤާނޫނު ހަދާ މަޖިލިހުގެ މެމްބަރުންނާއި މަދަނީ ޖަމްޢިއްޔާތަކާއި ބައްދަލުކުރެއްވުމަށް އޮޕޮޒިޝަންގެ ވަފްދެއް ޖަރުމަންވިލާތަށް ވަޑައިގަންނަވައިފިއެވެ.

މި ވަފްދުގައި ހިމެނިވަޑައިގަންނަވަނީ ރައީސް މުޙައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލިހުގެ ހެންވެއިރު އުތުރު ދާއިރާގެ މެމްބަރު ޢަބްދުﷲ ޝާހިދު، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ގައުމީ މަޖިލިހުގެ މެމްބަރު އުމަރު އަބްދުލް ރައްޒާޤް، ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސްގެ ކައުންސިލް މެމްބަރ އާމިނަތު ނާދިރާ, ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމް އަދި ޑރ. އާސިމް އަޙްމަދާއި، ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމްގެ ޢާއިލާގެ ފަރާތުން އާދަމް އާޒިމެވެ.

ޖަރުމަން ވިލާތުގެ ވެރިކަން ކުރާ ބާލިންގައި ޖަރުމަނުވިލާތުގެ ޗާންސެލާގެ އޮފީހާއި އެ އޮފީހުގެ އިސް ފަރާތްތަކާއި، ޚާރިޖީ އަދިި އިޤްތިޞާދާ ބެހޭ ވުޒާރާގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާނެއެވެ. ސަރުކާރުގެ ވުޒާރާތަކުގެ އިތުރުން ސިޔާސީ ޕާޓީތަކާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ޖަރުމަނު ވިލާތުގެ ޤާނޫނު ހަދާ މަޖިލިހުގެ މެމްބަރުންނާއި، އެ މަޖިލިހުގެ އެކިއެކި ކޮމިޓީތަކާ ސިޔާސީ ގްރޫޕްތަކާ ބައްދަލުކުރައްވާނެއެވެ.
ސިޔާސީ ޕާޓީތަކުން ޖަރުމަނު ވިލާތަށް ކުރައްވާ މި ދަތުރުފުޅުގައި ޖަރުމަނުގެ މަދަނީ ޖަމްޢިއްޔާތަކާ ބައްދަލުކުރައްވާނެއެވެ.

މި ދަތުރުފުޅު ކުރިއަށްދާނީ މެއި 31 ން ޖޫން މަހުގެ 3 އަށެވެ.