ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ގަދަވަޔާއެކު ކުރަމުންދާ ވިއްސާރާގައި ގިނަ ރަށްތަކަކަށް ގެއްލުންވުމާއި ގުޅޭގޮތުން އެމް.ޑީ.ޕީގެ ނޫސް ބަޔާން

މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަވަޔާއެކު ކުރަމުންދާ ވިއްސާރާގައި ގިނަ ރަށްތަކަކަށް ގެއްލުންލިބުނު ހަބަރު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން އެހީ ނުހަނު ހިތާމަ އާއި އެކުއެވެ. އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ގެއްލުންވި ރައްތަކުގެ ހާލަތު ގާތުން ބަލަމުން ގެންދާނެއެވެ.

އައްޑޫ ސިޓީއަށް އައި ކޮޅިގަނޑެއްގައި ސ.ހިތަދޫގެ ބައެއް ގެތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި، މިހާތަނަށް ބެލި ބެލުމުން ހިތަދޫގެ 20 ގެއެއްގެ ފުރާޅު އެއްލާލާފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައިވާއިރު މީގެތެރެއިން 12 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. 3 ގެއެއްގެ ފުރާޅު މައްޗަށް ބޮޑު ދެ ގަސް ވެއްޓުމާ ގުޅިގެން ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.

ގދ.ނަޑެއްލާއަށް ބުދަ ދުވަހުގެ ހަވީރު 3:00 އިން ފެށިގެން އެރަށަށް ވެހެމުންދިޔަ ވާރޭގެ ސަބަބުން، ރަށުގެ ތިން ބައިކުޅަ ދެބައި ގެއަށް ފެން ވަދެފައިވާއިރު ރަށުގެ ބައެއް ގެތައް އެއްކޮށްހެން ފެންބޮޑުވެ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

މި ދުވަސްވަރު ރޭއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ބައެއް ސަރަހައްދުތަކަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. އަދި ވައިގަދަވުމުގެ ސަބަބުން ބައެއް ބައެއް ރަށްރަށަށް ގެއްލުން ލިބިފައިވާ ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފަ އެވެ.

އެގޮތުން ބުދަ ދުވަހުގެ ރޭ އައްޑު އަށް ނަގޫ ރޯޅިއެއް އަރައި ގިނަ ގެތަކަކަށް ގެއްލުން ލިބިފައިވާއިރު، ތޮއްޑުއަށް ބުދަ ދުވަހު އައި ކޮޅިގަނޑެއްގައި އެ ރަށުގެ ގިނަ އަދަދެއްގެ ފަޅޯ ދަނޑުތައް ވަނީ ހަލާކުވެފަ އެވެ. ތޮއްޑޫއިން އެއްހާހަށް ވުރެ ގިނަ ފަޅޯގަސް ވަނީ ބިންދައިގެން ގޮސްފަ އެވެ.

ރާއްޖޭގެ އެކު ރަށްތަކަށް ލިބުނު ގެއްލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ވީހާވެސް އަވަހަށް ދައުލަތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލަމެވެ. އަދި ގެއްލުންވި ރައްޔިތުންނަށް ލިބުނު މި ހިތާމައިގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ބައިވެރިވަމެވެ.