ދި އެމް.ޑީ.ޕީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު މާލޭ ސިޓީ ކައުންސިލަށާއި އައްޑޫ ސިޓީ ކައުންސިލަށް އަލަށް އިންތިޙާބުވެވަޑައިގަތް މެމްބަރުންނާއި ވަކިވަކިން ފޯން ކޮންފަރރެންސް މެދުވެރިކޮށް ބައްދަލުކުރައްވައިފިއެވެ.
އަދި މިރޭގެ ވަގުތެއްގައި ވަނީ ފުވައްމުލަކު ސިޓީ ކައުންސިލަށް އަލަށް އިންތިޙާބުވެވަޑައިގަތް މެމްބަރުންނާއި ފޯން ކޮންފަރރެންސް މެދުވެރިކޮށް ބައްދަލުކުރައްވާފައެވެ.
މި ބައަދަލުކުރެއްވުމުގައި އަލަށް އިންތިޙާބުވެވަޑައިގެންނެވި ކައުންސިލަރުންނަށް ރައީސް ނަޝީދު މަރުޙަބާ ދެންނެވިއެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ދަށުން ރާއްޖެ ހިންގުމުގެ މުހިންމުކަމާއި އެނިޒާމުގެ ފުނޑު ފުޑު ކޮށްލުމަށް ސަރުކާރުން ސިލްސިލާކޮށް ކުރައްވަމުން ގެންދަވާ މަސައްކަތަށް ދޫނުދެއްވާ ކުރިއަށް ވަޑައިގަތުމަށް ހިއްވަރުދެއްވިއެވެ.
މިއަދު ވަކިވަކިން ބޭއްވުނު މި ބައްދަލުވުމުގައި މިހާރުގެ މާލޭ ސިޓީ އަދި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންވެސް ބައިވެވަޑައިގެންނެވިއެވެ. އަދި އެ މެމްބަރުން މިހާތަނަށްކޮށްދެއްވި މަސައްކަތަށް ރައީސް މުޙައްމަދު ނަޝީދު ޝުކުރު އަދާކުރެއްވިއެވެ.