ކޮމަންވެލްތް ގޭމްސް 2010 ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފި

4 އޮކްޓޯބަރ 2010

5014395044_101d812dc8-450-x-300

މިރޭ އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވުނު ކޮމަންވެލްތް ގޭމްސް 2010 ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ.

ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމްގައި ވަރަށް ކުލަގަދަކޮށް ބޭއްވި މި ރަސްމިއްޔާތުގައި މިއަހަރުގެ ކޮމަންވެލްތް ގޭމްސް ހުޅުއްވައިދެއްވީ އިނގިރޭސި ރާނީގެ ފަރާތްޕުޅުން ވަލީއަޙްދު ޕްރިންސް ޗާލްސާއި، އިންޑިޔާގެ ރައީސާ ޕްރަތީބާ ޕާޓިލެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މޮނާކޯގެ ޕްރިންސް އަލބަރޓް ދެވަނައާއި، ނައުރޫގެ ރައީސް މާކަސް ސްޓީވަންއާއި، ނިއުޒީލަންޑްގެ ގަވަރނަރ ޖެނެރަލް ސަރ އާނަންދް ސަތްޔަނަންދް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަހަރުގެ ކޮމަންވެލްތް ގޭމްސްގައި ރާއްޖޭގެ ފަރާތުން 6 ކުޅިވަރެއްގައި ގާތްގަނޑަކަށް 29 ކުޅުންތެރިން ބައިވެރިވެއެވެ. ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވަނީ ދިވެހި ކުޅުންތެރިންނާ އިއްޔެ ބައްދަލުކުރައްވައި ހިއްވަރުދެއްވާފައެވެ.