ސަރުކާރަށް ނާކާމިޔާބީއާ ކުރިމަތިވީ ސިޔާސީ ލީޑަރުން ރައީސް ޔާމީނުގެ ވަކިތަކުގެ ދަށުގައި ބަންދުކޮށްފައިވާތީ: މުޙައްމަދު ޝިފާޒު

ލޯކަލް ކައުންސިލް އިންތިޚާބުގައި ރައީސް ޢަބްދުﷲ ޔާމީނަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައި އެވަނީ ރާއްޖޭގެ ސިޔާސީ ލީޑަރުން ރައީސް ޔާމީނުގެ ވަކިތަކުގައި ހައްޔަރުކޮށްފައިވާތީ ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ސިޔާސީ ޕާޓީތަކުން ހޯމަ ދުވަހުގެރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝިފާޒު ވިދާޅުވީ ކިރިޔާވެސް ބުއްދި ހަމަޖެހޭ ވެރިއަކު ނަމަ އިންތިޚާބުގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ޖަލުގައި ބާއްވައިގެން އިންތިޚާބަކަށް ނުދިޔައީސް ކަމަށެވެ.

ޝިފާޒު ވިދާޅުވީ އިންތިޚާބު އަދި ނުނިމޭ ކަމަށާއި، މިފަދަ އިންތިޚާބެއް ނިމިގެން ދާއިރު ވައްކަމެއް، މަކަރެއް، އޮޅުވާލުމެއް ފަދަ ރައްޔިތުންގެ ހިތުގައި ސުވާލު އުފެދޭނެފަދަ ކަމެއް ނުކޮށް ދޫކޮށްލެއްވުމަކީ ރައީސް ޔާމީންގެ ޒާތުފުޅާ ގުޅޭ ކަމެއް ނޫން ކަމަށާއި، މިހާރުވެސް ވޯޓު އޮޅުވާލުމުގެ މަސައްކަތް ސަރުކާރުން ފައްޓަވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ތެރެއިން ލިބޭ މައުލޫމާތުތަކުން އެނގޭ ކަމަށެވެ.

ޝިފާޒު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގައި ތިއްބެވި ބޭފުޅުންނަށް ކިތަންމެ ވަރަކަށް މަޖުބޫރު ކުރައްވައިގެން މި އިންތިޚާބުގެ ނަތީޖާއާ ކިތަންމެ ވަރަކަށް ސަރުކާރުން ކުޅެން އުޅުއްވި ނަމަވެސް ދެން މި ނަތީޖާއެއް ބަދަލެއް ނުކުރެވޭނޭ ކަމަށެވެ. އެހެން ނަމަވެސް 10 ވަރަކަށް ވޯޓުގެ ތަފާތު ހުރި ތަންތަނުގެ ނަތީޖާ އަނބުރާލެވޭނޭ ގޮތަކާ މެދު ސަރުކާރުން ވިސްނަމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ޝިފާޒު ވިދާޅުވިއެވެ. އަދި ވޯޓުގެ ނަތީޖާ ފޭރި ނުގަންނާނޭ ކަމުގެ ސީދާ ޔަގީންކަން ލިބޭނީ ދާއިމީ ނަތީޖާ ހާމަކުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

“އުފާވަނީ އިލެކްޝަންސް ކޮމިޝަނުގެ ތެރޭގައި ތިއްބެވި ބޭފުޅުންގެ ތެރެއިން މިފަދަ މައުލޫމާތުތައް ލިބިގެންދާތީ.” ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް އިތުރަށް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ނިކުމެ މިފަދަ ގޮތަކަށް ރައީސް ޔާމީނަށް ބޮޑު ތަނުން ނޫނެކޭ ބުނީމާ އިލެކްޝަންސް ކޮމިޝަނުގައި ތިއްބެވި މެންބަރުން ވެސް ރައްޔިތުންނާއެކު މިހާރު ތިއްބެވި ކަމުގެ އިހްސާސް ކުރެވޭ ކަމަށެވެ.
މި ވޯޓުގެ ނަތީޖާއާ އެކު ދެން ފެށިގެންދާ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު ނީންނަވާނޭ ކަމަށާއި، އެ މަޖިލީހުން ދެން ފެނިގެންދާނީ ސީދާ ރައްޔިތުންގެ ވިންދާ އެއްކޮޅަށް މަސައްކަތްކުރަމުންދާ ތަން ކަމަށް ވެސް ރޭގެ ޖަލްސާގައި ޝިފާޒު ވިދާޅުވިއެވެ.