ވޯޓުގެ ނަތީޖާ ލިބެންދެން ގެއަށް ނުވަދެ ތިބުމަށް އެމްޑީޕީގެ ޗެއަރޕާސަން ގޮވާލައްވައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލުމަށްފަހު، ވޯޓު ގުނައި ނިމެންދެން އެމްޑީޕީގެ ހުރިހާ މެމްބަރުން ގެއަށް ނުވަދެ ތިބުމަށް ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ގޮވާލައްވައިފިއެވެ.

ކައުންސިލް އިންތިޚާބުގެ ކެންޕެއިން ނިންމުން ފާހަގަކުރުމަށް، ބުރާސްފަތި ދުވަހުގެރޭ އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ މި ސަރުކާރަކީ މަކަރުވެރި ސަރުކާރެއް ކަމަށާއި، އެހެންކަމުން މި ސަރުކާރު އޮވެގެން ބާއްވާ ކޮންމެ އިންތިޚާބެއް ވަރަށް ގާތުން ބަލަން ޖެހޭ ކަމަށެވެ. ވޯޓު ލާ ނިންމިޔަސް ވޯޓު ގުނައި، ނަތީޖާ އިއުލާންކުރުމާ ހަމަޔަށް ގެއަށް ނުވަދެ ތިބެން ޖެހެނީ މި ސަރުކާރުގެ މަކަރުވެރިކަން ހުރި ވަރުން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

“އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވޯޓު ގުނާ ނަތީޖާ އިއުލާންކުރަންދެން، އަޅުގަނޑު ވަރަށް އަދަބުވެރިކަމާއެކު އެދެން އެމްޑީޕީގެ ހުރިހާ މެމްބަރުން މަގުމަތީ ތިއްބެވުމަށް،” ހަސަން ލަތީފް ވިދާޅުވި އެވެ. މީގެ އިތުރުން އެ ދުވަހު އެންމެ ކުރިން ވޯޓުލާ ބަޔަކަށް އެމްޑީޕީގެ މެމްބަރުން ވުމަށް ހޮނިހިރު ދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރިން އެމްޑީޕީގެ ހުރިހާ މެމްބަރުން ނުކުމެ ވޯޓުލުމަށް ޗެއރޕާސަން ގޮވާލެއްވި އެވެ.

ހަސަން ލަތީފް ވިދާޅުވީ މީގެ ކުރިން ބޭއްވި މިފަދަ އެއްވެސް އިންތިޚާބަކަށް އެމްޑީޕީން ތައްޔާރުނުވޭހާ ފުރިހަމައަށް އެ ޕާޓީން ތައްޔާރުވެފައިވާ ކަމަށެވެ. އެ ގޮތުން ވަރަށް ގިނަ ދަތުރުކޮށް، ވަރަށް ގިނަ ރަށްރަށަށް ޒިޔާރަތްކޮށް، ވަރަށް ގިނަ ރައްޔިތުންގެ ހާލުއަހުވާލު ވަނީ ވަރަށް ގާތުން ބަލާފައި ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދެން އޮތީ ހިސާބު ދިމާކުރުން ކަމަށާއި، ފެނުނު މަންޒަރުތަކާ، ލާ ވޯޓު ދިމާކުރުން ކަމަށެވެ. އަދި އެކަން ކުރެވޭނީ އިންތިޚާބުގައި ވޯޓުލައިގެން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.