ތަރައްގީއޭ ބުނެ އެއް ޕްރޮޖެކްޓެއް އެތައް ފަހަރެއްގެ މަތިން ފެށުމަށް މި ސަރުކާރުން ދަނީ ރަސްމިއްޔާތުތައް ބާއްވަމުން: ރޮޒައިނާ އާދަމް

ތަރައްގީއޭ ބުނެ މި ސަރުކާރުން އެއް ޕްރޮޖެކްޓެއް އެތައް ފަހަރެއްގެ މަތިން ފެށުމަށް ރަސްމިއްޔާތުތައް ބާއްވަމުންދާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ހުޅުމީދޫ ކާޑު ޕާކުގައި ހޯމަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ މި ސަރުކާރަކީ ލޯބި ހޯދައިގެން ކަންކަން ކުރަން އެގޭ ސަރުކާރެއް ނޫން ކަމަށާއި ސަރުކާރުން ދަނީ ރައްޔިތުންނަށް ބިރުދައްކަމުން ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް މުޒާހަރާކުރުމަށް ފުރުސަތު ދޭން މި ސަރުކާރަކަށް ނުކެރޭނެ ކަމަށާއި، އެފަދަ ފުރުސަތެއްދީފި ނަމަ މެޑޭ މުޒަހަރާއަށް ވުރެ ތިން ގުނަ މީހުން އިތުރަށް މި މޭޑޭގައި މުޒާހަރާއަށް ނިކުންނާނެ ކަމަށެވެ. މޭޑޭ މުޒާހަރާގައި ގިނަ އަދަދެއްގެ ބަޔަކު އަނިޔާވެރިކަމާއި ދެކޮޅަށް ނިކުތް މަންޒަރު ފެނިގެންދިޔަ ކަމަށާއި، އެދުވަހުގެ މުޒާހަރާގައި ބައިވެރިވި ސިޔާސީ ލީޑަރުންނަށް ތަފާތު ފިއްތުންތަކާއި ކުރިމަތިލާންޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.

މުޒާހަރާ ކުރަން މިހާރު ފުރުސަތު ދީފިނަމަ އެ މުޒާހަރާގެ އެންމެ ކުރީގައި ތިއްބަވާނީ ރައީސް ޔާމީނުގެ އާއިލީ ބޭފުޅުން ކަމަށް ވެސް ރޭގެ ޖަލްސާގައި ރޮޒައިނާ ވިދާޅުވިއެވެ.
ކުރިއަށް މި އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަކީ ރައްޔިތުން މި އަނިޔާވެރި ސަރުކާރަށް ތާއީދެއް ނެތްކަން ދައްކާލުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށާއި، އެފުރުސަތުގެ ބޭނުން ހުރިހާ ރައްޔިތުން ހިފުމަށް އޭނާ ރޮޒައިނާ ވަނީ ގޮވާލައްވާފަ އެވެ.