ދިވެހި މަސައްކަތްތެރިންގެ ހައްގުތައް ހޯދައި ދެވޭނީ ކައުންސިލް އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުދީގެން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ފަރާތުން އައްޑޫ ސިޓީ ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ހުޅުމީދޫ ކާޑުގެ ޕާކުގައި ހޯމަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ މިހާރު ރާއްޖޭގައި އަމަލު ކުރަމުންދާ ގާނޫނުއަސާސީން މަސައްކަތްތެރިންގެ ހައްގުތައް ވަރަށް ފުރިހަމަ އަށް ހިމާޔަތް ކޮށްދީފައިވާ ކަމަށާއި، އެހެން ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ރާއްޖޭގައި ހަލާލު މަސައްކަތް ކޮށްގެން ފައިސާ ހޯދާ މަސައްކަތްތެރިންނަށް ބޮޑުތަނުން އިހުމާލުވެފައި ކަމަށެވެ. އެގޮތުން ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދު ނުކުރާ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، އަދި ވަޒީފާގައި ދެމިހުންނަން ބޭނުންވާ ނަމަ ސަރުކާރު ހިންގާ ޕާޓީ އަށް ސޮއި ކުރުމަށް މަޖުބޫރު ކުރަމުންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
މަސައްކަތްތެރިންގެ ދުވަސް ސަރުކާރުން ފާހަގަކޮށްފައި ނުވާތީ އެކަމަށް ފާޑުވިދާޅުވަމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖޭގައި މަސައްކަތްތެރިންގެ ދުވަސް ފާހަގަ ނުކުރުމަކީ މަސައްކަތްތެރިންނަށް ގެއްލިފައިވާ ހައްގުތައް ހޯދައި ދިނުމަށް މި ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމުގެ ހެއްކެއް ކަމަށެވެ.
ޝާހިދު ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުތަކަށް އިހުމާލުވެފައިވާ މި ސަރުކާރުން ރައްޔިތުންގެ ގާތަށް ވޯޓް ހޯދަން ދާން ލަދު ގަންނަން ޖެހޭނެ ކަމަށެވެ. އަދި މަސައްކަތްތެރިންނަށް ގެއްލިފައިވާ ހައްގުތައް ހޯދުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓް ދިނުމަށް ޝާހިދު ގޮވާލެއްވިއެވެ.