ގައުމު ވެއްޓިފައި މިވާ ހާލަތުން އަރައިގަތުމަށް ދިވެހިރައްޔިތުން ނިކުތުމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ގޮވާލައްވައިފިއެވެ.
މާރިޔާ ވިދާޅުވީ ދިވެހި އެންމެހާ ރައްޔިތުން މި ތިބީ ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށާއި ސާޅީސްދޭކޭ ބުނާއިރަށް ސިޔާސީ މީހުން ކަންބޮޑުވާއިރު، ދިވެހި އާންމު ރައްޔިތުން ތިބީ ދެ އިރު ހަމައަށް ކާލައިގެން ތިބެވޭނޭ ދުވަހެއް ނައިސްގެން ކަންބޮޑުވެފައި ކަމަށާއި،ޕެޕަރ ސްޕްރޭއާ މުގުރާ ހެދި ހުކުރު ނަމާދުން ފައިބައިގެން ޖަމާއަތުގައި ދުއާކޮށްލެވެން ނެތް އިރު، މާލޭގައި ގާތް މީހަކު މަރުވިޔަސް، ކަނޑު ހުރަސްނުކޮށް މައްޔިތާގެ މޫނުދެކިލާނޭ ގޮތެއް ނެތީތީ ދިވެހީން ކަންބޮޑުވެފައިވާ ކަމަށެވެ.
ރަހުމުކުޑަ އަނިޔާވެރިމަރަކުން މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ މަރާމެދު އިންތިހާއަށް ކަންބޮޑުވާ ކަމަށް ވިދާޅުވެ، އެ ހިތާމައިގައި އާއިލާއާއެކު ބައިވެރިވެ ތައުޒިޔާ އާއި ހަމްދަރުދީ ފޮނުއްވާ ކަމަށް ވިދާޅުވިއެވެ. އަދި ވަގަށް ނަގާފައިވާ، ޔާމީންގެ އެކުވެރި ރިލްވާންގެ މައްސަލައިގައި ޔާމީން ކުރެއްވި މަސައްކަތް މާރިޔާ ފާހަގަކުރެއްވިއެވެ.
“އަޅުގަނޑު ފާހަގަކޮށްލަން ބޭނުން. ޔާމީން ރަޝީދު، އޭނާގެ ރަހުމަތްތެރިޔާ ރިޟްވާން ގެއްލިގެން، އެކަމާ ކަންބޮޑުވެގެން އުޅުނުއިރުގައި، ލައިގެންހުރި ޓީޝާޓެއްގެ މޭމަތީގައި ޖަހާފައި އޮތީ ދެން އަހަރެންބާއޭ؟ މިއީ އަޅުގަނޑުމެން އެންމެންގެ ހިތްތަކަށް ވެސް މިއަދު އަރާ އެއްޗެއް. ދެން އަހަރެންބާއޭ؟”
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ފްރޭމް ކުރުމަށް މަސައްކަތްކުރާ ކަމަށް ވާހަކަ ދެކެވޭތީ އެކަމާ ވެސް މާރިޔާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި މި ރާއްޖޭގައި މިއޮތް ގާނޫނު އަސާސީގައި ރައްޔިތުންނަށް ހައްގުތައް ކަށަވަރުކޮށްދީފައިވާ މިންވަރަށް އަސާސީ ހައްގު ކަށަވަރުކޮށްދީފައިވާ ވަކި ދެވަނަ ގާނޫނު އަސާސީއެއް ނޯންނާނޭ ކަމަށާއި، އެ ހައްގުތައް ހޯދުމަށް ނިކުތުމަށް މާރިޔާ ވަނީ ދިވެހިރައްޔިތުންނަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ.