ސަރުކާރުން އިންޓެލިޖެންސް ރިޕޯޓެއްގެ ވާހަކަ ދައްކަނީ ސިޔާސީ ވެރިން ހައްޔަރުކުރުމަށް ދައްކާ ބަހަނާއެއްގެ ގޮތުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ލ.ހިތަދޫގައި ހުކުރު ދުވަހުގެރޭ އެމްޑީޕީން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރޮޒޭނާ ވިދާޅުވީ އިދިކޮޅު އިއްތިހާދު ވަރުގަދަވަމުންދާ ކަމަށެވެ. އެކަންކަން ހުއްޓުވުމަށް ސިޔާސީ ލީޑަރުން ހައްޔަރުކުރުމުގައި ބޭނުންކުރާ އިންޓެލިޖެންސް ރިޕޯޓުތަކަށް ނިސްބަތްކޮށް މިހާރު ކަންކަން ހިނގާ ގޮތުގެ މައްޗަށް ރޮޒައިނާ ވާހަކަދެއްކެވިއެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރުކުރަން އިންޓެލިޖެންސް ރިޕޯޓު ނެރުނު އިރު، އަވަހާރަކޮށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އާއި، ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލަފަދަ ބޮޑެތި މައްސަލަތަކުގައި އިންޓެލިޖެންސް ރިޕޯޓު ނެރެ، އޭގެ ވާހަކަ ސަރުކާރުން ނުދައްކަނީ ކީއްވެތޯ ރޮޒައިނާ ވަނީ ސުވާލު އުފައްދަވާފައެވެ. މީގެ އިތުރުން ގާސިމް އިބްރާހީމް ބަޔަކަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާ ވާހަކަދައްކާއިރު، ކްރިމިނަލް ކޯޓުގެ އިސް ގާޒީ ދަންވަރުދަޅައިގައި ރައީސް ޔާމީނުގެ ގެކޮޅުން ނިކުންނެވިތަން ޓީވީން އެތައް ބަޔަކަށް ފެނިފައިވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
“ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ޑރ.އަފްރާޝީމް އަލީ. ވަރަށް އަނިޔާވެރިކޮށް މަރާލި. ކޮބާތޯ އިންޓެލިޖެންސް ރިޕޯޓު ލިޔާ މީހުން. ދެން ރިޟްވާން ގެއްލިގެން ކިތައް ދުވަސްތޯ މިވަނީ. ކޮބައިތޯ އިންޓެލިޖެންސް ރިޕޯޓު ލިޔާ މީހުން. ސިޔާސީ މީހަކު ހައްޔަރުކުރަން ވެއްޖިއްޔާ މިއަށް ވުރެ އިންޓެލިޖެންސް ބައެއް ނޯވޭ. ރިޕޯޓު ފުލުފުލުން ނެރޭނެ”. ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ކުރަންޖެހި، ހަގީގީ މުޖުރިމަކު އަތުލައިގަންނަން ޖެހޭ ހާލަތުގައި އިންޓެލިޖެންސް ރިޕޯޓެއް ވެސް ހެއްކެއް ވެސް ނުހޯދޭ ކަމަށެވެ.