އަތަށް ލިބޭ ވޯޓު ކަރުދާސްކޮޅަކީ މުގައްދަސް އެއްޗެއް: އަބްދުﷲ ޝާހިދު

ކޮންމެ ރައްޔިތެއްގެ ވެސް އަތަށް އެ ލިބޭ ވޯޓު ކަރުދާސްކޮޅަކީ މުގައްދަސް އެއްޗެއް ކަމަށާއި، އެއަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާ ފަރާތަކީ ވަރަށް މުގައްދަސް ނިންމުމަކަށް ހުރަސްއަޅާ ފަރާތެއް ކަމަށް އެމްޑީޕީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މުގައްރިރު، އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ލ.ހިތަދޫ ކައުންސިލަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް އެމްޑީޕީން ހުކުރު ދުވަހުގެރޭ ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ މި ސަރުކާރަށް ގޮތް ހުސްވެ ހަދާނެ ނަހަދާނެ ގޮތް ނޭނގި އެންމެ ފަހުން ގޮސް ވޯޓު ކަރުދާސް ކޮޅުގައި ފާހަގަޖަހާފައި، އެ ޥޯޓު ކަރުދާސްކޮޅު ދައްކަން ވެސް ބުނެފާނެ ކަމަށާއި، ކޮންމެ ރައްޔިތަކު ވެސް ވޯޓުލުމަށް ކަނޑައަޅާފައިވާ މަރުކަޒަށް ވަދެ، އެ ލާ ފާހަގަ ދެނެވޮޑިގެންވާން ޖެހޭނީ ހަމަ އެކަނި ހެއްދެވި ފަރާތްކަމުގައެވެ.

“ހަނދުމަފުޅުކުރައްވާތި. އަތަށް ލިބޭ ވޯޓު ކަރުދާސްކޮޅަކީ މުގައްދަސް އެއްޗެއް. އެއީ ގާނޫނު އަސާސީން ތިބޭފުޅުންނަށް ކަށަވަރުކޮށްދޭ ހައްގެއް. އިންސާނީ ހައްގެއް. އެ ކަރުދާސްކޮޅު އަތަށް އެރީމާ ގާނޫނު އަސާސީގައި އޮތް ގޮތުގެ މަތިން ގޮސް، ކޮންމެ ރައްޔިތަކު ލާ ވޯޓު އެއީ ސިއްރު ވޯޓެއް”، ޝާހިދު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ޝާހިދު ވިދާޅުވީ މިސަރުކާރުން ހުރިހާ ރަނގަޅު ކަމެއް ފުނޑާލައި ނެތިކޮށް ކޮށާލާފައިވާ ކަމަށާއި، އެއާއެކު ސަރުކާރު ވެސް ރޫޅެމުން ބައިބައިވަމުންދާ ކަމަށެވެ. މި ސަރުކާރު ގެންނަން މަސައްކަތްކުރި އެންމެން ތިބީ ޖަލުގައި ކަމަށާއި، ސަރުކާރުގެ ބަނޑުއަކިރިއަށް ދަންދެން ރޫޅި، ފައިބަމުންދާ ކަމަށް ވިދާޅުވެ އެންމެ ފަހު މީހާއަށް ވާން ނުހުރެ މި ގައުމު އިސްލާޙް ކުރުމަށް އަތުކުރި އޮޅާލާފައިވާ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމަށް ރައީސް ޔާމީނުގެ ފެކްޝަނަށް ތާޢީދުކުރާ ފަރާތްތަކަށް ޝާހިދު ގޮވާލެއްވިއެވެ.