ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ބޭނުންވާ ކެންޑިޑޭޓުންތަކަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އޮންނަން ޖެހޭނޭ: ހަސަން ލަތީފް

ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ބޭނުންވާ ކެންޑިޑޭޓުންތަކަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އޮންނަން ޖެހޭނޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛް ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މައި އޮފީސް ކުރިމަތީގައި އަންގާރަ ދުވަހުގެ ރޭ އިދިކޮޅު އިއްތިހާދުން ބޭއްވި ކަންމަތީ ބައްދަލުވުމުގައި ހަސަން ލަތީފު ވިދާޅުވީ އިދިކޮޅު ލީޑަރުން އެއްބަސްވެފައިވަނީ ވަރަށް މުހިންމު ކަންތައްތަކެއް ކުރުމަށް ކަމަށާއި، ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ބޭނުންވާ ކެންޑިޑޭޓުންތަކަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އޮންނަން ޖެހޭނޭ ކަމަށް އެ އެއްބަސްވުމުގައިވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

“މިދެންނެވި ލިޔުމުގާ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވާ އެއް ކަމަކީ ސިޔާސީ ޕާޓީތަކުން އިޚްތިޔާރުކުރާ، ޕާޓީތަކުން ބޭނުންވާ ކެންޑިޑޭޓުން ހިމެނޭ ރިޔާސީ އިންތިޚާބެއް މި ރާއްޖޭގައި ބޭއްވުން ހަސަން ލަތީފް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ހަސަން ލަތީފް ވިދާޅުވީ ދިވެހި ރައްޔިތުންގެ ކިބައިން ނިގުޅައިގެންފައިވާ މިނިވަންކަމާއި، ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު ދިވެހި ރައްޔިތުންނަށް އަލުން އަނބުރައި ހޯދައިދިނުމަކީ ވެސް އިދިކޮޅު އިއްތިހާދުގެ އެއްބަސްވުމުން ފާހަގަކޮށްލެވޭ މުހިންމު ކަމެއް ކަމަށެވެ. މީގެ އިތުރުން މިނިވަން މުވައްސަސާތަކަކީ ގަދަރުވެރިކަމާ އެކު މަސައްކަތްކުރާ މުވައްސަސާތަކަކަށް ހެދުމަކީ ވެސް އެ އެއްބަސްވުމުގައިވާ މުހިއްމު ނުކުތާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހަސަން ލަތީފު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް ލިބެންޖެހޭ ވޯޓު އޮޅުވާލައިގެން އެ އިންތިޚާބު ފޭރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށާއި، ވޯޓާސް ލިސްޓުގައި އެމްޑީޕީން ސޮއިކުރާނީ އެ ލިސްޓަކީ ސައްހަ ލިސްޓެއްކަން ކަށަވަރުކުރުމަށްފަހުގައި ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ހަސަން ލަތީފް ވާހަކަދައްކަވަން ހުންނަވަނިކޮށް ކުއްލިގޮތަކަށް ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްގެން ގެންގޮސްފައެވެ. އަދި މި ކަންމަތީ ބައްދަލުވުމުގެ ބައިވެރިންގެ މޫނަށް ވަރަށް ކައިރިން ފުލުހުން ޕެޕަރ ސްޕްރޭ ޖެހުމުގެ ސަބަބުން 11 މީހަކަށް އޭޑީކޭއިން ފަރުވާ ދޭން ޖެހިފައިވެއެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ ވެސް ހިމެނިވަޑައިގަންނަވައެވެ.