އެމްޑީޕީގެ ކެމްޕެއިން ޓީމުތައް ގއ އަތޮޅައި ފާފު އަތޮޅުގައި ހަރަކާތްތެރިވަމުން އެބަދޭ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެމްޕެއިން ޓީމުތައް ފާފުއަތޮޅާއި ގއ. އަތޮޅުގައި ހަރަކާތްތެރިވަމުން އެބަދެއެވެ.

ފާފުއަތޮޅުގައި ހަރަކާތެރިވާ ޓީމުން އެ އަތޮޅު މަގޫދޫއާއި، ދަރަނބޫދޫއާއި، ބިލެތްދޫ އަދި ނިލަންދޫގެ އިތުރުން ފީއައްޔަށް ޒިޔާރަތްކޮށް އެ ރަށްރަށުގެ ރަށުކައުންސިލްތަކާއި އަތޮޅު ކައުންސިލަށް ކުރިމަތިލައްވާފައިވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާޢީދު ހޯއްދެވުމުގެ ގޮތުން ދޮރުން ދޮރަށް ހިނގައި ރައްޔިތުންނާ ބައްދަލުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހުކުރު ދުވަހުގެ ރޭ ފީއަލީގައި އެމްޑީޕީގެ ޚާއްޞަ ޖަލްސާއެއް އޮންނާނެއެވެ. މި ޖަލްސާގައި އެމްޑީޕީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުންނާއި، ގައުމީ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ގއ. އަތޮޅުގައި ހަރަކާތެރިވާ ޓީމުން ވަނީ މާމެންދޫ ދާންދޫ އަދި ކޮލަމާފުއްޓަށް ޒިޔާރަތްކޮށް އެ ރަށްރަށުގެ އެމްޑީޕީ މެންބަރުންނާ ބައްދަލުކޮށް، އެރަށްރަށުން އެމްޑީޕީ ޓިކެޓުގައި ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާޢީދު ހޯދުމަށް މަސައްކަތްކޮށްފައެވެ. މީގެ އިތުރުން މާމެންދޫ ކެމްޕެއިން އޮފީސް ހުޅުއްވައި، ކޮލަމާފުށީގައި އެމްޑީޕީގެ ބޮޑު ދިދަ ނެގުން ވެސް އޮންނާނެއެވެ. މި ޓީމު މި ރަށްރަށުގެ އިތުރުން އެ އަތޮޅު ދެއްވަދޫ އަދި ވިލިނގިއްޔަށް ޒިޔާރަތްކޮށް ދެއްވަދޫގައި ހަރުގެ ބައްދަލުވުމަކާއި، ވިލިނގިލީގައި އެމްޑީޕީގެ ޖަލްސާއެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާޢީދު ހޯދުމަށް ގއ. އަތޮޅުގައި ބާއްވާ ޚާއްޞަ ޖަލްސާ މިރޭ ވިލިނގިލީގައި ބާއްވާއިރު، ފާފު އަތޮޅުގައި ބާއްވާ ޖަލްސާ އޮންނާނީ ހުކުރު ދުވަހުގެރޭ އެއަތޮޅު ފީއަލީގައެވެ.